އަލްފާޟިލާ ޙަބީބާ ޙަސަން
އާކާޝްވިލާ، ތ. ކަނޑޫދޫ

ޙަބީބާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސަދަން ރީޖަނަލް އޮފީހުގެ 2 ނަންބަރު ކާތިބާ ކަމުގެ މަގާމުގައި 1 ނޮވެންބަރު 1982 ގައެވެ. ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި، ޙަބީބާ ޙަސަން މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ސަދަން ރީޖަނަލް އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމާއި، ތ. ކަނޑޫދޫ އޮފީހުގެ ސީނިއަރ ކްލަރކް ކަމުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމާއި، ސެކްރެޓެރީ ކަމުގެ މަގާމާއި، ކަނޑޫދޫ ކުޑަކަތީބު ކަމުގެ މަގާމާއި، ސަދަންރީޖަނަލް އޮފީހާއި މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުގައި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު، ޙަބީބާ ޙަސަން އަދާކުރައްވައިފައި ވެއެވެ.

ޙަބީބާ ޙަސަން، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، ދެކުނުގެ އަތޮޅުތަކުގެ ރަށު އޮފީސްތަކާއި، އަތޮޅުއޮފީސްތަކުގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުންގެ ރެކޯޑް ސާފުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ލިޔަންޖެހޭ ސިޓީތައް ލިޔުއްވުމާއި، މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމުގެ މަސައްކަތެވެ. ކަނޑޫދޫ އޮފީހުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ތިޖޫރީ ބެލެހެއްޓެވުމާއި، ފައިސާއާ ބެހޭ މަސައްކަތްތަކުގެ އިތުރުން، ރުއްގަހަށް ބަދަލުދިނުމަށްޓަކައި އެކިފަރާތްތަކުގެ ބަޔާންތައް ލިޔުއްވުމާއި، އުފަންވާ ކުދިންގެ ރަޖިސްޓަރީއާއި، އުފަންދުވަހުގެ ސެޓްފިކެޓް ހެއްދެވުމާއި، ރަށުން އަލަށް ދޫކުރާ ގޯތިގޯތީގެ ރަޖިސްޓަރީއާއި، އިމާރާތާއި ގޯތީގެ ރަޖިސްޓަރީ އާއި، ރަށްވެހިންގެ ރަޖިސްޓަރީ ހައްދަވައިދެއްވުން ހިމެނެއެވެ.

ޙަބީބާ ޙަސަން ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމާއި، އަންހެނުންގެ ކޮމިޓީގެ އިދާރީ މަސައްކަތްތައް ބެލެހެއްޓެވުމާއި، ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ޤުރްއާން ކުލާހެއް ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، އަތޮޅުފެންވަރުގައްޔާއި، ރަށުފެންވަރުގައި ބާއްވާ ތަފާތު ޙަރަކާތްތަކުގައްޔާއި، ރަށުގެ ތަރައްޤީއާއި، އިޖުތިމާޢީ ގޮތުން ކުރާ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ޙަބީބާ ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޙަބީބާ ޙަސަން، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުގައި ޚިދުމަތް ކުރެއްވިއިރު، މިނިސްޓްރީގެ ޚާއްޞަ ބޭނުންތަކަށް އަތޮޅުތަކުގެ ރަށްރަށުން ދޫކުރާ ބިންބިމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، އަތޮޅާއި ރަށްރަށުގެ ރައްޔިތުންގެ މާލިއްޔަތު އެކައުންޓްތައް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ.

2009ވަނަ އަހަރުން ފެށިގެން ޙަބީބާ ޙަސަން ކުރައްވަމުން ގެންދަވަނީ، ފައިސާއާ ގުޅޭ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ޓްރަސްޓް ފަންޑު ބެލެހެއްޓެވުމާއި، އަހަރީ ބަޖެޓު ތައްޔާރުކުރެއްވުމާއި، ޕޭމަންޓް ޔުނިޓް އިސްކޮށް ބަލަހައްޓަވައި، ޔުނިޓުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ދެއްވުމާއި، މާލީ ބަޔާނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުމާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި ފައިސާއާ ގުޅޭ މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތާއި، އިރުޝާދުދެއްވުމާއި، އެ ސެންޓަރުތައް ހިންގުމަށް ބޭނުންވާ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުއްވުމާއި، ޚަރަދުކުރާ ގޮތް ބަލަހައްޓަވަމުން ގެންދެވުން ހިމެނެއެވެ.