
ޝަރީފާ ޢަބްދުއްސައްތާރު، ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 26 އޮކްޓޫބަރު 1982 ގައި، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޓައިޕިސްޓް ކަމުގެ ވަޒީފާއިންނެވެ. އެއަށްފަހު، އެ ސެންޓަރުގެ އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަން ކުރައްވައިފައިވެއެވެ. އޭރު މައިގަނޑުގޮތެއްގައި ކުރެއްވީ، ނަރުހުންނާއި ފެމިލީ ހެލްތު ވަރކަރުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދެއްވުމާއި، ފޫޅުމައިންނާއި، ކޮމިއުނިޓީ ހެލްތު ވަރކަރުން ތަމްރީނުކުރުމުގެ ކޯސްތައް އިންތިޒާމުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، އަތޮޅުތަކުގައި ބޭއްވޭ ތަމްރީނު ޕުރޮގުރާމުތަކުގެ ބައިވެރިންގެ ކަންތައްތައް ހަމަޖެއްސެވުމުގެ މަސައްކަތެވެ. މީގެއިތުރުން، އެ ސެންޓަރުގެ ފަރާތުން ބާއްވަވާ ޖަލްސާތަކާ ގުޅިގެން އެކި ފަރާތްތަކާ ކުރަންޖެހޭ މުއާމަލާތުތައް ކުރެއްވުމާއި، ޖަލްސާގެ ކަންތައްތައް އިންތިޒާމުކުރެއްވުމާއި، ދަތުރުތަކާބެހޭ އެންމެހައި ކަންކަން ވިލަރެސްކުރެއްވުމާއި، ނަރުހުންނަށް އެކުލަވައިލާ ތަމްރީނުތަކާބެހޭ ލިޔުންތަކާއި އެގްރީމަންޓުތައް ޓައިޕްކުރެއްވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އަހަރު ރިޕޯޓު އެކުލަވައިލެއްވުމާއި، ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ޝަރީފާ ޢަބްދުއްސައްތާރު ކުރައްވައިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓައިޕިސްޓުގެ ވަޒީފާއަށް ޝަރީފާ ޢަބްދުއްސައްތާރު، ބަދަލުކުރެއްވީ 30 ޖޫން 1990 ގައެވެ. އޭރު، ތާނަ ޓައިޕިންގ ކޯސްވަނީ ފުރިހަމަ ކުރައްވައިފައެވެ. ޝަރީފާ ޢަބްދުއްސައްތާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ކީބޯޑް އޮޕަރޭޓަރުކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމު ހިމެނެއެވެ.
ޝަރީފާ ޢަބްދުއްސައްތާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ފުރަތަމަ ކުރައްވައިފައިވަނީ، ޓައިޕިންގ ޕޫލުގައި އޮފީހުގެ މުހިންމު ލިޔުންތައް ޓައިޕްކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ޕްރެޒިޑެންޝަލް އެޑްރެސް ޓައިޕްކުރެއްވުމާއި، ޢާންމު ޚިދުމަތުގެ އިނާމަށް ހުށަހެޅޭ މީހުންގެ މައުލޫމާތާއި، ލިސްޓު ޓައިޕްކުރެއްވުމާއި، ޓައިޕްކުރެވޭ ތަކެތި ކުށްފިލުއްވުމާއި، އޮފީހުގެ ޔައުމިއްޔާއާއި، ޕީ.އޭ.ބީ.އެކްސް. ޑައިރެކްޓަރީ ޓައިޕްކުރެއްވުމާއި، ސިޓީއާއި ނޯޓު ފަދަ ތަކެތި ޓައިޕްކުރައްވައި، ކޮމްޕިއުޓަރުގައި ބެލެހެއްޓެވުމާއި، ނަންބަރު ނެންގެވުމާއި، ޚުލާޞާ ލިޔުއްވުމުގެ މަސައްކަތް ކުރައްވައިފައިވެއެވެ.
ޝަރީފާ ޢަބްދުއްސައްތާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚިދުމަތުގައި މިވީ ދިގު މުއްދަތުގައި، އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ކޯޕަރޭޓް ސަރވިސް އޮފީހުގައެވެ. އެ އޮފީހުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުން އެޕޮއިންޓްމަންޓަށް އެދިގެން އަންނަ ފަރާތްތަކުގެ މައުލޫމާތު ސާފުކުރެއްވުމާއި، އީ ގަވަރންމަންޓް (ޖެމްސް) މެދުވެރިކޮށް އޮފީހަށް ލިބޭ ތަކެތި ކަމާގުޅޭ އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަންތަކަށް ފޮނުއްވުމާއި، އޮފީހަށް ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތު، މީޓިންގ ޝެޑިއުލަރ މެދުވެރިކޮށް ބެއްލެވުމާއި، ރަޖިސްޓްރޭޝަން އަދި ޕީ.އޭ.ބީ.އެކްސް.ގެ އަހަރު ރިޕޯޓު އެކުލަވައިލެއްވުމާއި، އޮފީހަށް އަންނަ އީމެއިލްތައް ކަމާގުޅޭ އޮފީސް ސެކްރެޓޭރިއެޓް/ ސެކްޝަންތަކަށް ފޮނުއްވުމާއި، ޕީ.އޭ.ބީ.އެކްސް. ސިސްޓަމް މެދުވެރިކޮށް، އޮފީހަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދެއްވުމާއި، ކަމާގުޅޭ ބޭފުޅުންނާ ގުޅައިދެއްވުމުގެ މަސައްކަތް ހިމެނެއެވެ.
ޝަރީފާ ޢަބްދުއްސައްތާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމާއި، އެކިއެކި މުނާސަބަތުތަކާ ގުޅިގެން އޮފީހުން ބާއްވާ ޖަލްސާތަކާއި، ޚާއްޞަ ޙަފުލާތަކުގެ ދަޢުވަތު ކާޑު ތައްޔާރުކުރެއްވުމާއި، އެހެނިހެން އިންތިޒާމުތައް ހަމަޖެއްސެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާއިރު، ޝަރީފާ ޢަބްދުއްސައްތާރު ފާހަގަކުރެވިފައިވަނީ، ހަވާލުކުރެވޭ މަސައްކަތްތައް ކުރެއްވުމުގައި އޮފީހުގެ އިސްވެރިންގެ އިރުޝާދާ އެއްގޮތަށް، ޒިންމާދާރުކަމާއެކުގައި މަސައްކަތްކުރެއްވި، އަދި މަސައްކަތުގެ އަޚްލާޤު ހިފެހެއްޓެވި ރީތި ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާ ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވުމުގެ ތެރެއިން އަމިއްލަ ދިރިއުޅުން ބައްޓަންކުރެއްވުމުގައި ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެއްވުނުކަން ޝަރީފާ ޢަބްދުއްސައްތާރު ފާހަގަކުރައްވައެވެ.
ޝަރީފާ ޢަބްދުއްސައްތާރު، މިހާރު ހުންނެވީ، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޝަރީފާ ޢަބްދުއްސައްތާރަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.