އަލްފާޟިލާ ޚަދީޖާ މޫސާ
ހާސިލް، ހދ. ކުޅުދުއްފުށި

ޚަދީޖާ މޫސާ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ މިނިސްޓްރީ އޮފް ހެލްތުގެ 2 ނަންބަރު ނަރުހެއްގެ މަގާމުގައި 3 ނޮވެންބަރު 1982ގައެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ ޖޫނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެސިސްޓެން ނަރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމާއި، އެންރޯލްޑް ނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޚަދީޖާ މޫސާ ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ މިހާތަނަށް ޚިދުމަތް ކުރައްވަމުން ގެންދަވައިފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޚަދީޖާ މޫސާ ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، ބަލިމީހުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތެވެ. އޭގެތެރޭގައި، އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުން ބެލެހެއްޓެވުމާއި، އެމީހުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދެއްވުމާއި، ގަޑިންގަޑިއަށް ބޭސް ދެއްވުމާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުމާއި، އެމީހުންނަށް ޞިއްޙީގޮތުން ކުރިމަތިވާ އުނދަގޫތައް ޑޮކްޓަރުންނާ ހިއްސާކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ނަރސިންގ ކޯސް ފުރިހަމަކުރާ ދަރިވަރުންނަށްވެސް އެހީތެރިކަން ދެއްވައިފައި ވެއެވެ.

ދައުލަތުގެ ޚިދުމަތުގައި ހޭދަވި 42 އަހަރަށްވުރެ ދިގު މުއްދަތުގައި ޚަދީޖާ މޫސާ ފާހަގަކުރެވިފައިވަނީ، ހުރިހާ ދަތި އުނދަގޫ ޙާލަތެއްގައިވެސް ދައުލަތަށާއި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ދެގޮތެއްނުވެ މަސައްކަތްކުރުމުގައި ދެމިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. ހަމައެއާއެކު، ޚަދީޖާ މޫސާއަކީ މަސައްކަތަށް ފަރުވާތެރި، ބަލިމީހުންނަށް އޯގާތެރި، ބަލިމީހުންނާއި ބަލިމީހުންގެ އާއިލާގެ މީހުންގެ ރުހުމާއި ލޯބި ލިބިފައިވާ، އެކުގައި މަސައްކަތްކުރާ އެހެން ނަރުހުންނާ ގުޅިގެން ޚިދުމަތް ދެއްވަމުން ގެންދަވާ ނަމޫނާ ނަރުހެއްގެ ގޮތުގައިވެސް މެއެވެ.