
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްސައްތާރު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ދ. އަތޮޅުގެ ވަގުތީ ޤާޟީއެއްގެ މަގާމުގައި، 1 އޮކްޓޫބަރު 1969 ގައެވެ. 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައެވެ. ޝަރުޢީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ދ. ހުޅުދެލީ ކޯޓުގެ ޤާޟީގެ މަގާމާއި، މެޖިސްޓްރޭޓުގެ މަގާމާއި، ސީނިއަރ މެޖިސްޓްރޭޓުގެ މަގާމާއި، އިސް މެޖިސްޓްރޭޓްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
އަތޮޅު ކޯޓުތައް އުފެއްދެވުމާއެކު ޢަބްދުއްސައްތާރު ޢަލީ، ފުރަތަމަ ޚިދުމަތްކުރެއްވީ، ދ.އަތޮޅު އަތޮޅު ކޯޓުގައި ކުޑަހުވަދޫގައެވެ. އޭގެފަހުން 1979 ގައި ރަށުކޯޓުތައް އުފެއްދެވުމުން، ރިޓަޔަރކުރެއްވުމާ ހަމައަށް ޚިދުމަތް ކުރައްވަމުން ގެންދެވީ، ހުޅުދެލީ ކޯޓުގައެވެ. މަގާމުގެ ހައިސިއްޔަތުން އަތޮޅު ކޯޓުގައި އޭރު ގިނަ މަސައްކަތްތައް ކުރެއްވީ ޢަބްދުއްސައްތާރު އަމިއްލަފުޅަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ބަޔާންތައް ނެންގެވުމާއި، މަޙްޟަރު ކުރެއްވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްފަދަ ލިޔުންތައް ލިޔުއްވުން ހިމެނެއެވެ. އަދި އަތޮޅުގެ ރަށްރަށަށް ވަޑައިގެންވެސް މައްސަލަތައް ބައްލަވައި ނިންމަވައިފައި ވެއެވެ. ރަށުކޯޓުތައް އުފައްދަވައި އެތަންތަނަށް ކާތިބުންނާއި ސެކްރެޓެރީން ހަމަޖެއްސެވުމާ ހަމައަށް އިދާރީ މަސައްކަތްތައްވެސް ކުރެއްވީ ޢަބްދުއްސައްތާރު އަމިއްލަފުޅަށެވެ. ރަށުކޯޓުތަކަށް ކާތިބުންނާއި ސެކްރެޓެރީން ހަމަޖެއްސެވުމުން، އޭގެފަހުން، މަސައްކަތް ކުރަންވީގޮތް އެ މުވައްޒަފުންނަށް ދަސްކޮށްދެއްވައިގެން ކުރައްވަމުން ގެންދެވީ، އެ މުވައްޒަފުންނާ ހަވާލު ކުރައްވައިގެންނެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްސައްތާރު ޢަލީ، މާލޭގެ ކޯޓުތަކުގެ ޤާޟީންނާއެކުގައި ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅު، މި ހަތަރު އަތޮޅުގެ ޝަރުޢީ ވަފުދުތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، ތ. އަތޮޅާއި، ލ. އަތޮޅަށް ސަރުކާރުން ފޮނުއްވި ޝަރުޢީ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، މި މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ އެދިވަޑައިގަތުމުގެމަތިން، ނ. އަތޮޅާއި، މ. އަތޮޅާއި، ފ. އަތޮޅާއި، ދ.އަތޮޅާއި، ތ. އަތޮޅާއި، ސ. އަތޮޅުގައިވެސް ޝަރުޢީ ދާއިރާގެ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އެކި އަތޮޅުތަކުގައި ޝަރުޢީ މަސައްކަތްތައް ކުރައްވައިފައިވާތީއާއި، ޖިނާއީ ކޯޓުގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި އޭރު މިނިސްޓަރ އޮފް ޖަސްޓިސްގެ މަގާމުގައި އެކިދުވަސްވަރު ތިއްބެވި ބޭފުޅުން ދެއްވި ޝުކުރުގެ ސިޓީފުޅުތައް ޢަބްދުއްސައްތާރު ޢަލީއަށް ވަނީ ލިބިވަޑައިގެންފައެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްސައްތާރު ޢަލީ ވަނީ، 2006ވަނަ އަހަރުގެ ތެރޭގައި، ޖިނާއީ ކޯޓުގައިވެސް 9 މަހެއްހައި ދުވަހު މަސައްކަތް ކުރައްވައިފައެވެ. އޭރު ޖިނާއީ ކޯޓުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް އަލުން ދ. އަތޮޅަށް ފޮނުއްވައިފައިވަނީ ދ. އަތޮޅުއޮފީހުން އެދިވަޑައިގަތުމުގެ މަތީންނެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގައި ޚިދުމަތްކުރެއްވިރު އެ ވުޒާރާއިން ޢަބްދުއްސައްތާރު ޢަލީ ފާހަގަކުރައްވައިފައިވަނީ، ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްވެސް ފުރިހަމައަށް ނިންމަވައި، ވަޑައިގަންނަވަންޖެހޭ ކޮންމެ ތަނަކަށް ވަޑައިގެން، ޝައުޤުވެރިކަމާއެކުގައި އެ މަސައްކަތެއް ކުރައްވައި ނިންމަވާ ޤާޟީއެއްގެ ގޮތުގައެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުސައްތާރު ޢަލީ ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، ސަރުކާރުން ކުރިއަށް ގެންދެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ހިންގެވި ކްލާސްތަކުގައި ހިލޭ ސާބަހަށް (ދަރުމައަށް) ކިޔަވައިދެއްވުމުގައި ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މީގެ އިތުރަށް، ރަށުގެ އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ރަށުގެ ވެރިންނާ ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ޢަބްދުސައްތާރު ޢަލީ، މެދުނުކެނޑި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ހުޅުދެލީގައި އިމާމުވެ ހުކުރުނަމާދާއި، ޢީދު ނަމާދު ކުރައްވައިފައި ވެއެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުއްސައްތާރު ޢަލީ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 1 މާރިޗު 2012 ގައެވެ. އޭރު، ޢަބްދުއްސައްތާރު ޢަލީއަކީ، ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ޤާނޫނީ ވަކީލެއްކަން ފާހަގަކޮށްލަން ޖެހެއެވެ.