
އާދަމް އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުފަންރަށް ދ. ގެމެންދޫގައި، ޕަބްލިކް ހެލްތު ޑިވިޜަންގެ ދަށުން ފެމިލީ ހެލްތު ވަރކަރެއްގެ މަގާމުގައި 7 މޭ 1980 ގައެވެ. 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ޖެހެންދެން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، މަސައްކަތްކުރެއްވީ، ގެމެންދޫގައި، ޢާއިލާގެ އެހީތެރިޔާގެ މަގާމުގައެވެ. ސުނާމީގެ ފަހުން ކުޑަހުވަދުއަށް ބަދަލުވެވަޑައިގެންވެސް ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލުގެ އިދާރާއާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި، ދ. އަތޮޅު ހޮސްޕިޓަލުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
އާދަމް އަޙްމަދު، ގެމެންދޫގައްޔާއި، ކުޑަހުވަދޫގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރުގައިވެސް، ޕަބްލިކް ހެލްތު ޔުނިޓުގެ ޕްރޮގުރާމުތައް ރާއްވަވައި، ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކުގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ރަށުގައި އެވަގުތު ރޯގާގެ ބަލިމަޑުކަމެއް ފެތުރޭނަމަ، އެކަން ކޮންޓްރޯލް ކުރުމަށް ޕަބްލިކް ހެލްތު ޔުނިޓުގައި ކޮމިއުނިޓީ ހެލްތު އޮފިސަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރައްވައި، ގޭގެއަށް ޒިޔާރަތްކުރައްވައި، ރަށުގެ އާންމު ޞިއްޙީ ހާލަތު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ.
މީގެ އިތުރުން، ޢާއިލާ ރޭވުމުގެ ޕްރޮގުރާމުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުމާއި، މި ޕްރޮގުރާމަށް މީހުން ޝައުޤުވެރިކުރުވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ރަށުގައި ތިބޭ މާބަނޑު މީހުންގެ ހާލަތު ދެނެގަނެ، ވިހައިގެން ތިބޭ މީހުންގެ ގާތަށް ޒިޔާރަތްކުރައްވައި، މައިމީހާއާއި، ކުޑަދަރިފުޅުގެ ހާލަތު ބައްލަވައި، އެފަރާތްތަކުގެ ދުޅަހެޔޮކަމަށް ދޭންވާ ލަފަޔާއި އިރުޝާދު، އާދަމް އަޙްމަދު ދެއްވަމުން ގެންދަވައިފައި ވެއެވެ. ރަށުގައި ތިބޭ 5 އަހަރުންދަށުގެ ކުދިންގެ ކުލިނިކު ހިންގެވުމުގެ މަސައްކަތް ހީވާގިކަމާއެކުގައި ކުރައްވައި، ބަރުދަން ރަނގަޅު ނޫން ކުދިންނަށް، ޞިއްޙީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކުރުވުމުގެ ގިނަ މަސައްކަތްތަކެއް ވެސް އާދަމް އަޙްމަދު ކުރައްވައިފައި ވެއެވެ.
އާދަމް އަޙްމަދު ވަނީ، ޤައުމީ އިމިއުނައިޒޭޝަން ޕުރޮގުރާމާއި، ނިއުޓްރިޝަނާ ބެހޭ ޤައުމީ ޕުރޮގުރާމު ހިންގެވުމުގައްޔާއި، އަދި ގައިންގަޔަށް އަރާބަލިތަކާއި، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރެއްވުމަށް ރަށު ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އާދަމް އަޙްމަދު، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ފާހަގަ ކުރެވިފައިވަނީ، ވަޒީފާ އަދާކުރުމުގައި، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަހަންމިންޔަތު ދެއްވައިގެން، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އާދަމް އަޙްމަދަކީ ހާޒިރީއަށް ފަރުވާތެރި، އެހެން މުވައްޒަފުންނާ ގުޅިގެން ޚިދުމަތްކުރެއްވި ނަމޫނާ ބޭފުޅެއްވެސް މެއެވެ.
އާދަމް އަޙްމަދު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 8 އޮކްޓޫބަރު 2022 ގައެވެ. އޭރުވަނީ 42 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.