އަލްފާޟިލް ޢަބްދުއްޝުކޫރު
މ. މަނަދޫގެ

ޢަބްދުއްޝުކޫރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މާލިއްޔާ (ހ) ކަސްޓަމުގެ ސަރުޖަނުގެ މަގާމުގައި، 19 ފެބުރުވަރީ 1964 ގައެވެ. އޭގެ ފަހުން، ޓީ.ސީ.ޑީ. (ހ)ގެ 2 ނަންބަރު ކާތިބުގެ މަގާމާއި، ފުލުސް ކޯޓުގެ 2 ނަންބަރު ކާތިބުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ސެކްރެޓެރީގެ މަގާމާއި، މައްޗަންގޮޅީ އަވަށު އޮފީހުގެ ވެރިޔާގެ އެހީތެރިޔާގެ މަގާމާއި، ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މައްޗަންގޮޅީ އަވަށު އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

ޢަބްދުއްޝުކޫރު، ޓީ.ސީ.ޑީ. (ހ)ގެ 2 ނަންބަރު ކާތިބުކަމުގެ މަގާމު އަދާކުރެއްވިއިރު، އެތަނުން ފޮނުއްވާ މެސެޖުތަކާ ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ފުލުސް ކޯޓުގައި މަސައްކަތްކުރެއްވިއިރު، އެތަނުން ބައްލަވައި ނިންމަވައި، ޙުކުމް ތަންފީޒުކުރުމަށް ފޮނުއްވާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

ސަރުކާރުގެ ވަޒީފާގެ ހައިސިއްޔަތުންނާއި، މައްޗަންގޮޅީ އަވަށް ކުރިއަރުވާ ކޮމިޓީގެ ސެކްރެޓެރީގެ ހައިސިއްޔަތުން އަށާވީހަކަށް އަހަރު ޚިދުމަތް ކުރެއްވިއިރު، ގިނަގުނަ ޚިދުމަތްތަކެއް އަވަށަށް ކޮށްދެއްވައި، އަވަށުގެ އިޖުތިމާއީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައި، މަދްރަސަތުލް އަޙްމަދިއްޔާ ހުޅުވުމަށްޓަކައި ކުރަންޖެހުނު ގިނަގުނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައިވެސް ޢަބްދުއްޝުކޫރު ފާހަގަކުރެވެއެވެ. ޢަބްދުއްޝުކޫރަށް ވަނީ ފުރަތަމަ ޕެންޝަނާއި، ދެވަނަ ޕެންޝަންވެސް ލިބިވަޑައިގެންފައެވެ.

ޢަބްދުއްޝުކޫރު، ސަރުކާރަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ފާހަގަ ކުރެވިފައިވަނީ، އިޚުލާޞްތެރިކަމާއި، ތެދުވެރިކަމާއި، ވަފާތެރިކަމާއެކުގައި ޚިދުމަތްކުރެއްވި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކަށާއި، އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ޢަބްދުއްޝުކޫރު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައި ވަނީ 8 މާރިޗު 2010 ގައެވެ. އޭރުވަނީ 42 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.