އަލްފާޟިލް އިބްރާހީމް ޙަސަން
މަލާޒް، އދ. އޮމަދޫ

އިބްރާހީމް ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ސ. ބޯޑުއިސްޓޯރުގެ އެމް.ޖީ.ބީ.އެސް. 21 ނަންބަރުގައި، 2 ނަންބަރު ކާތިބެއްގެ މަގާމުގައެވެ. އެއީ، 27 ޑިސެންބަރު 1972 ގައެވެ. ދައުލަތަށް 42 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އދ. އޮމަދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އދ. އޮމަދޫ އޮފީހުގެ ކާތިބު ކަމާއި، ސީނިއަރ ކުލާރކް ކަމާއި، ކުޑަކަތީބު ކަމާއި، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާގެ ކުޑަކަތީބު ކަމާއި، ސީނިއަރ ޕްރޮޖެކްޓް އޮފިސަރު ކަމާއި، އަދި އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

އިބްރާހީމް ޙަސަން، ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، އޮފީހުގައި ކުރައްވަންޖެހިވަޑައިގެންނެވި ލިޔެކިޔުމުގެ މަސައްކަތްތަކުގެ އިތުރުން، ރަށުއޮފީހާއި، ރަށުގެ ރައްޔިތުންނާ ގުޅުންހުރި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، 1980ގެ އަހަރުތަކުގެ ތެރޭގައި ކިޔަވައިދިނުމަށް ބޭނުންކުރަމުން ގެންދިޔަ މަކްތަބުގައި، ޓީޗަރެއްގެ ގޮތުގައިވެސް ބައެއް ގަޑިތައް ނަންގަވައިދެއްވައި، ސަރުކާރުން ހިންގަވަމުންގެންދެވި، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން، އުނގެނެން ބޭނުންވެފައިތިބި، އެކިއެކި އުމުރުފުރާތަކުގެ މީހުންނަށް ކިޔަވައި ދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި، ރަށުގެ ގަބުރުސްތާނާއި، ބޯޅަދަނޑާއި، ވޮލީކޯޓާއި، ބަށިކޯޓު ފަދަ ތަންތަނާއި، އަދި އެނޫންވެސް ރަށު އޮފީހުގެ ބެލުމުގެ ދަށުގައި ހުންނަ ބިންބިން ސާފުކޮށް ބެލެހެއްޓެވުމުގެ މަސައްކަތާއި، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި، މީހުން ދިރިނޫޅޭ ސަރަޙައްދުތަކުގެ މަގުތަކުގައި ދުއްވާ ތަކެއްޗަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކޮށައި، މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތާއި، ސަރުކާރުން ރަށުގެ ތަރައްޤީއަށް ހިންގަވަމުންގެންދެވި އެކިއެކި މަސައްކަތްތައް ވިލަރެސްކުރައްވައި ބަލަހައްޓަވައި، ޢަމަލީގޮތުން އެކަންކަމުގައި ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި 1980ގެ އަހަރުތަކުގައްޔާއި، 1990ގެ އަހަރުތަކުގައި، ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރ.ކ. ކޮމިޓީން ކުރި އެންމެހައި މަސައްކަތްތަކުގައި އިބްރާހީމް ޙަސަން، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެއިތުރުން، ރަށުގެ މިސްކިތްތަކާއި، މިސްކިތްތަކުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތަކީވެސް، އިބްރާހީމް ޙަސަން ޒިންމާދާރު ކަމާއެކުގައި ކުރައްވައިފައިވާ މަސައްކަތެކެވެ. މަރުވާ މީހުންގެ ޖަނާޒާގެ އެންމެހައި ކަންތައްތައް އިންތިޒާމު ކުރެއްވުމުގައިވެސް އިބްރާހީމް ޙަސަން އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

އިބްރާހީމް ޙަސަން ވަނީ، ހިންގުމުގެ ދާއިރާގެ ކޯސްތަކާއި، އެކިއެކި ތަމްރީނުތަކާއި، މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން އިތުރު ތަޖުރިބާ ހޯއްދަވައިފައެވެ. އިބްރާހީމް ޙަސަން ފާހަގަ ކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި ފަރުވާތެރިކަމާއެކުގައި މަސައްކަތްކުރެއްވި، އަދި މަސައްކަތަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ. އިބްރާހީމް ޙަސަން، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 29 ނޮވެންބަރު 2018 ގައެވެ.