
އަޙްމަދު ރަޝީދު، ދިވެހި ދައުލަތަށް ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، 1977 ވަނަ އަހަރުގެ ކުރީކޮޅު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 2 ނަންބަރު ކާތިބެއްގެ މަގާމުގައެވެ. އެ މަގާމުގައި އަހަރަކަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރަށް ވަޒީފާ ބަދަލުކުރެއްވުމާ ގުޅިގެން ހައެއްކަ މަސްދުވަހު އެ ސެންޓަރުގައި ވަޒީފާ އަދާކުރެއްވިއެވެ. ވަޒީފާގެ މެދުކެނޑުމަކަށްފަހު ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ 17 ޖަނަވަރީ 1980 ގައި، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ 2 ނަންބަރު ކާތިބެއްގެ މަގާމުންނެވެ.
އޭގެފަހުން އެ ޑިޕާޓްމަންޓުގެ ސެކްރެޓެރީގެ މަގާމާއި، ބަޖެޓް ސެކްރެޓެރީގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ބަޖެޓް ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، ޓެކްނީޝަން (ޓްރެއިނީ) (ސްވިޗިންގ)ގެ މަގާމާއި، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑްގެ، ފިކްސްޑް އެސެޓް ސުޕަވައިޒަރުގެ މަގާމާއި، ސްޓޯރ ކްލާކްގެ މަގާމާއި، ސްޓޭޝަނަރީ ސްޓޯރ އޮފިސަރުގެ މަގާމާއި، ސްޓޯރސް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އޭގެފަހުން، 19 އޮގަސްޓު 1996 ގައި ސަދަން ރީޖަނަލް އޮފީހާ ގުޅިވަޑައިގެން، އެ އޮފީހުގެ ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަޙްމަދު ރަޝީދު މިހާރު ހުންނެވީ، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމުގައެވެ.
އަޙްމަދު ރަޝީދު ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ ތަފާތު އޮފީސްތަކުގައި ޚިދުމަތް ކުރެއްވިނަމަވެސް، އެންމެ ދިގުމުއްދަތެއްގައި ކުރައްވައިފައިވަނީ، ބަޖެޓާއި ފައިސާއާގުޅޭ މަސައްކަތްތަކެވެ. އެ މަސައްކަތްތަކުގެ ތެރޭގައި، އަހަރީ ބަޖެޓު ތައްޔާރުކުރެއްވުމާއި، މުވައްޒަފުންނަށް މުސާރަ ދެއްވުމާއި، އޮފީހަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމާއި، ބިލްތަކަށް ފައިސާދެއްކެވުންފަދަ މަސައްކަތްތައް ހިމެނެއެވެ. ސަދަން ރީޖަނަލް އޮފީހުގައި ވަޒީފާ އަދާކުރެއްވިއިރު ކުރެއްވީ، އިދާރީ މަސައްކަތްތަކެވެ. އޭގެތެރޭގައި، އއ. އަތޮޅުން ފެށިގެން، ތ. އަތޮޅާ ދެމެދު (7 އަތޮޅު)ގެ ރަށްރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާ ޝަކުވާތައް ހުށަހެޅުމުން ރައީސް އޮފީހުން ރީޖަނަލް އޮފީހަށް ފޮނުއްވާ މައްސަލަތަކާއި، ސީދާ ރީޖަނަލް އޮފީހަށް ހުށަހަޅާ ތަފާތު ޝަކުވާގެ މައްސަލަތައް ބެއްލެވުމާއި، އަދި ބައެއް މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށް އަތޮޅުތަކަށް ވަޑައިގެން، ކަމާބެހޭ ފަރާތްތަކުގެ ބަޔާން ނެންގެވުމާއި، ބައެއް މައްސަލަ ޝަރީޢަތަށް ފޮނުއްވުމުގެ މަސައްކަތްކުރެއްވުމާއި، އެކިއެކި އޮފީސްއޮފީހަށް ފޮނުއްވަންޖެހޭ ސިޓީ ލިޔުއްވައި ފޮނުއްވުމާއި، ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތުގެ ޔައުމިއްޔާ ނޯޓުކުރެއްވުމާއި، ލިޔުއްވުމުގެ މަސައްކަތް ހިމެނެއެވެ.
ދިރާގުގައި ޚިދުމަތް ކުރެއްވިއިރު އަޙްމަދު ރަޝީދު ކުރެއްވީ، އެ ކުންފުންޏަށް ބޭރުން ގެންނަ ތަކެތި ކަސްޓަމްސްއިން ކްލިއަރ ކުރެއްވުމާއި، އެތަކެތި ސްޓޯރ ކުރެއްވުމާއި، އެ މުދަލުގެ ރިކޯޑްތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ. މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވަނީ، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަރާމާތުގެ މަސައްކަތްތަކާއި، އެތާނގެ ސްޓޮކަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމާއި، ބެލެހެއްޓެވުމުގެ މަސައްކަތެވެ.
42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރައްވައިފައިވާ އަޙްމަދު ރަޝީދު ފާހަގަކުރެވިފައިވަނީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއެކުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނާ ގާތުން އެ މުވައްޒަފުންނަށް ރަނގަޅު މަގުދައްކަވައިދެއްވައިގެން، ދައުލަތުގެ މުދަލާއި ފައިސާ ޚަރަދުކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަދި އެހެން މުވައްޒަފުންނަށްވެސް އެކަންކަމަށް ބާރުއަޅުއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.