
ބަޝީރާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 24 ޖޫން 1982 ގައެވެ. އެންމެފުރަތަމަ ބަޝީރާ އަދާކުރެއްވީ ނ. ވެލިދޫ ކޯޓުގެ ކާތިބާއެއްގެ ވަޒީފާއެވެ. އޭގެފަހުން، އެ ކޯޓުގެ ސީނިއަރ ކްލަރކްގެ މަގާމާއި، ސީނިއަރ ކްލަރކް ގްރޭޑް 4 ގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީ ގްރޭޑް 1ގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީ ގްރޭޑް 2 ގެ މަގާމާއި، ސެކްރެޓެރީ ގްރޭޑް 1ގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ބަޝީރާ ޢަލީ، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރިހާ ސެކްޝަނެއްގައި ބަޝީރާ ޢަލީ މަސައްކަތް ކުރައްވައިފައި ވެއެވެ. މައިގަނޑު ގޮތެއްގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މަޙްޟަރު ބަޔާން ލިޔުއްވުމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިޔުއްވުމާއި، ފައިސާއާބެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ، އާމްދަނީ އަދި ޑިޕޮޒިޓް ފައިސާގެ ރިޕޯޓް ތައްޔާރު ކުރެއްވުމާއި، އަހަރީ ރިޕޯޓް ތައްޔާރު ކުރެއްވުމާއި، ކޯޓުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓެވުމާއި، ވަރިކައިވެނީގެ ރެކޯޑާއި، ކުށުގެ ރެކޯޑް ބަލަހައްޓަވައި އަދާހަމަކުރެއްވުމާއި، ގަވާއިދާ ޚިލާފަށް ވަރިކުރާ މީހުންގެ ރެކޯޑް ބެލެހެއްޓެވުމާއި، ކޯޓަށް ލިބޭ ލިޔެކިޔުންތަކުގެ އެންޓްރީ ރެކޯޑްކޮށް ބެލެހެއްޓެވުން ހިމެނެއެވެ. އަދި މި ނޫންވެސް އިދާރީ ގޮތުން ކޯޓަށް ބޭނުންވާ އެހެނިހެން ކަންކަންވެސް ބަޝީރާ ކޮށްދެއްވަމުން ގެންދަވައެވެ.
ބަޝީރާ ޢަލީއަކީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، އެހެން މުވައްޒަފުންނަށް ނަމޫނާ ބޭފުޅެކެވެ. ބަޝީރާއަކީ، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވުމުން، ޚިދުމަތުގައި މިހާތަނަށް ހޭދަކުރެއްވި ދިގުމުއްދަތުގައި އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، ޚިދުމަތް ލިބިގަތުމަށް ކޯޓަށް އަންނަ މީހުންނަށް ފެށުނީއްސުރެވެސް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިރުޝާދު ދެއްވަމުން ގެންދަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
1 އޮކްޓޫބަރު 2015 އިން ފެށިގެން ބަޝީރާ ޢަލީ އަދާކުރައްވަމުން ގެންދަވަނީ، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމެވެ.