އަލްފާޟިލް ޢަލީ ރަޝީދު ޙަސަން
ވ. އާރާސްތު

ޢަލީ ރަޝީދު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 27 ޖަނަވަރީ 1974 ގައެވެ. އެއީ، ކަސްޓަމްސްގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާގައެވެ. އެއަށްފަހު، ކަސްޓަމްސްގެ ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރުގެ މަގާމާއި، ކަސްޓަމްސް އޮފިސަރުގެ މަގާމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރުގެ މަގާމާއި، ޗީފް ކަސްޓަމްސް އޮފިސަރުގެ މަގާމު އަދާކުރެއްވިއެވެ. ކަސްޓަމްސްގައި ޚިދުމަތްކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރެއްވީ، އިމްޕޯޓް މުދާ ބަލައި ފާސްކޮށް، މުދާ ދޫކުރުމުގެ މަސައްކަތެވެ.

ކަސްޓަމްސްގައި ޚިދުމަތްކުރެއްވުމަށްފަހު، ޢަލީ ރަޝީދު ޙަސަން ދެން ގުޅިވަޑައިގެންނެވީ، މައްޗަންގޮޅީ އަވަށު އޮފީހާއެވެ. މައްޗަންގޮޅީ އަވަށު އޮފީހުގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވްގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ. އަވަށުއޮފީހުގައި ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، އިމާރާތްކުރުމުގެ މަސައްކަތަށް މަގު ބަންދުކުރުމާގުޅޭ ކަންކަން ވިލަރެސްކުރެއްވުމާއި، ހުއްދަތައް ދެއްވުމާގުޅޭ ކަންކަމާއި، މަސައްކަތް ކުރާތަންތަނުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެއްލެވުމާއި، މަސައްކަތުގެ ސަލާމަތާ ގުޅުންހުރި ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރު ކުރެއްވުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން، އަވަށުގެ އެކި ސަރަޙައްދުތަކުގައި ޕާކުކުރުމުގެ ކަންތައްތައް ހުރިނެތްގޮތް ޓްރެފިކްވާޑުން ފޮނުއްވައިގެން ބައްލަވައި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ޓްރެފިކް ވައިލޭޝަން ސްޓިކަރ ޖެހުމާއި، އަދި ޖޫރިމަނާ ފައިސާ ނެންގެވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. މައްޗަންގޮޅީ އަވަށު އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، ޢަލީ ރަޝީދު ޙަސަން އިޖުތިމާޢީ ގޮތުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، އެ އޮފީހުން ހަނދާނީ ލިޔުމެއް އަރުވައިފައި ވެއެވެ.

މައްޗަންގޮޅީ އަވަށު އޮފީހުގައި ޚިދުމަތް ކުރެއްވުމަށްފަހު ދެން ބަދަލުވެވަޑައިގަތީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމަށެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވިއެވެ. އެ މަގާމުގައި ހުންނަވައިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، ވިލިނގިލީ އަވަށު އޮފީހުގެ އިސްވެރިޔެއްގެ ގޮތުގައެވެ. އަދި ރިޓަޔަރ ކުރެއްވުމާ ހަމައަށްވެސް ޚިދުމަތް ކުރެއްވީ، ވިލިނގިލީ އަވަށު އޮފީހުގައެވެ.

1994ވަނަ އަހަރު، ކަސްޓަމްސް ދުވަހުގެ މުނާސަބަތާ ގުޅިގެން އެތާނގެ މުވައްޒަފުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވުނު މުވައްޒަފެއްގެ ގޮތުގައި ހޮވިވަޑައިގެން ޢަލީ ރަޝީދު ޙަސަނަށްވަނީ ހަނދާނީ ލިޔުން ލިބިވަޑައިގެންފައެވެ. އަދި މައްޗަންގޮޅީ އަވަށު އޮފީހުން 1997ވަނަ އަހަރު، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރުމަށް ފައިސާ ހޯދުމަށްޓަކައި ހުޅުވި ޖުމްހޫރީ ބާޒާރު 2ގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، މައްޗަންގޮޅީ އަވަށު އޮފީހުންވެސް ހަނދާނީ ލިޔުން ދެއްވައިފައި ވެއެވެ.

ޢަލީ ރަޝީދު ޙަސަން ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި، ގަޑިއަށް ސަމާލުކަން ދެއްވައިގެން ފަރުވާތެރިކަމާ އެކުގައި ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މި ގޮތުން ކަސްޓަމްސްގައި ޚިދުމަތް ކުރެއްވިއިރު، ހާޒިރީ އެންމެ ރަނގަޅު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން، ސެޓްފިކެޓް ހާސިލުކުރައްވައިފައި ވެއެވެ.

ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ގިނަ ދުވަހު އިޚުލާޞްތެރިކަމާއެކުގައި، ޚިދުމަތް ކުރެއްވުމަށްފަހު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 8 ސެޕްޓެންބަރު 2016ގައެވެ.