އަލްފާޟިލާ ރަޝީދާ ޢުމަރު
ނިޔާމަ، ކ. ގާފަރު

ރަޝީދާ ޢުމަރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އެޕްރީލް 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ގާފަރު އޮފީހުގެ ކާތިބާގެ މަގާމެވެ. އެއަށްފަހު، ދައުލަތުގެ ޚިދުމަތުން ވަކިވެ ވަޑައިގަތުމާ ހަމައަށް، ގާފަރު އޮފީހުގެ އެކިއެކި މަގާމުތައް އަދާކުރައްވައިފައި ވެއެވެ. އޭގެ ތެރޭގައި، ގާފަރު އޮފީހުގެ ސީނިއަރ ކްލާކުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ގާފަރު ކުޑަކަތީބުކަން ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ. ރަޝީދާ ޢުމަރު، ދައުލަތުގެ ޚިދުމަތުން މުސްކުޅި ކުރެއްވިއިރު ހުންނެވީ، މާލެއަތޮޅު ގާފަރު ކައުންސިލުގެ އިދާރާގެ ސީނިއަރ ފައިނޭންސް އޮފިސަރުގެ މަގާމުގައެވެ.

ރަޝީދާ ޢުމަރު، ދައުލަތަށް ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ގާފަރު އޮފީސް ހިންގެވުމާއި، އިދާރީގޮތުން ކުރައްވަންޖެހޭ ކަންކަމާއި، ފައިސާއާގުޅޭ މަސައްކަތްތައް ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، ގާފަރުގެ ތަރައްޤީއަށްޓަކައި ކުރެވުނު ކޮންމެ މަސައްކަތެއްގެ އެންމެ ކުރީ ސަފުގައި، ރަށުގެ އަންހެން ބޭފުޅުން ގޮވައިގެން މަސައްކަތް ކުރެއްވިއެވެ. ރ.ކ. ކޮމިޓީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގައި، ޖަމާޢަތަށް ފައިދާހުރި ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވިއެވެ. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޞިއްޙީ ގޮތުންނާއި، ޢުމްރާނީ ގޮތުން ރަށަށް ބޭނުންވި ކޮންމެ ދާއިރާއަކުން، ގިނަގުނަ ޚިދުމަތްތަކެއް ރަޝީދާ ކޮށްދެއްވައިފައި ވެއެވެ. އަތޮޅު ފެންވަރުގައްޔާއި، ޤައުމީ ފެންވަރުގައި ރަށުގައި ފާހަގަ ކުރެވުނު ދުވަސްތަކުގެ އެކިއެކި އިންތިޒާމުތައް ހަމަޖެއްސެވުމުގައި އެންމެ ކުރީ ސަފުގައި ހުންނަވައިގެން މަސައްކަތް ކުރައްވައި، ރަށުގައި އިޖުތިމާޢީ ރޫޙު ދިރުވައި އާލާކުރުވުމަށް ރައްޔިތުންނާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ރަޝީދާ ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ރަޝީދާ ޢުމަރު، ގާފަރު އޮފީހުގައި ޚިދުމަތްކުރެއްވިއިރު، އޮފީހަށް ޚިދުމަތް ލިބިގަތުމަށް އަންނަ ކޮންމެ ފަރާތަކަށް ތަފާތުކުރުމެއްނެތި ޚިދުމަތް ދެއްވަމުން ގެންދެވިއެވެ. އަދި ފަރުވާތެރިކަމާއި، ތެދުވެރިކަމާއެކުގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވިއެވެ. ރައްޔިތުންނަށް އުނދަގޫ ބައެއް ކަންކަން އަމިއްލަ ޒިންމާއެއްގެ ގޮތުގައި ބައްލަވައިގެން، އެކަންކަން ޙައްލުކޮށްދެއްވުމަށްވެސް މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. އަދި ގާފަރު އޮފީހުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އަމިއްލަފުޅު ހައިސިއްޔަތުން ގިނަގުނަ މަސައްކަތްތަކެއްވެސް ރަޝީދާ ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ތަފާތު ބޭނުންތަކުގައި އޮފީހަށް ޒިޔާރާތްކުރާ ސަރުކާރުގެ ވަފުދުތަކަށް މެހުމާންދާރީ އަދާކުރެއްވުމާ ގުޅޭގޮތުން ކޮށްދެއްވަންޖެހުނު ކަންތައްތައް، ރަޝީދާ ޢުމަރު އިސްވެ ހުންނަވައިގެން ކޮށްދެއްވައިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި، ރަޝީދާ ޢުމަރު ފާހަގަ ކުރެވިފައިވަނީ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއި، އަމާނާތްތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްގައި ވަރުބަލިކަމެއްނެތި ޢަމަލީ ގޮތުން އެތައް ޤުރުބާނީތަކެއް ވެވަޑައިގެންނެވި މުރާލި ބޭފުޅެއްގެ ގޮތުގައެވެ. އަދި ރަށުގައި މީހުން އާންމުކޮށް އެއްވެއުޅޭ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތާއި، ރަށުގައި ކުރެވުނު އިޖުތިމާޢީ ކޮންމެ މަސައްކަތެއްގެ އިސް މޭސްތިރިއެއްގެ ގޮތުގައިވެސް މެއެވެ.

ރަޝީދާ ޢުމަރު، ދައުލަތަށް ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ގާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގައި 25 އަހަރު ޚިދުމަތް ކުރައްވައިފައިވާއިރު، 20 އަހަރަށްވުރެ ގިނަ ދުވަހު އެ ކޮމިޓީގެ ރައީސާކަން ކުރައްވައިފައި ވެއެވެ.

ރަޝީދާ ޢުމަރު، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވައިފައިވަނީ 26 ފެބުރުވަރީ 2023 ގައެވެ.