އަލްފާޟިލް މުޙައްމަދު ޢަލީ
މެރީރޯސް، ލ. ފޮނަދޫ

މުޙައްމަދު ޢަލީއަކީ، 1 ސެޕްޓެންބަރު 1982 ން ފެށިގެން ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މުޙައްމަދު ޢަލީ ފުރަތަމަ އަދާކުރެއްވީ ކައްދޫ އެއަރޕޯޓުގެ ގާޑެއްގެ ވަޒީފާއެވެ. އޭގެފަހުން މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީއާއި، ރީޖަނަލް އެއަރޕޯޓްސްގެ ގާޑުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. 1 މާރިޗު 2014 އިން ފެށިގެން މުޙައްމަދު ޢަލީ ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި ފުރަތަމަ އަދާކުރެއްވީ، އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުގެ މަގާމެވެ. އޭގެފަހުން، ކޯޕްރަލް އެވްސެކްގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. އަދި މިހާރު ހުންނެވީ، ސާރޖަންޓް އެވްސެކްގެ މަގާމުގައެވެ.

ފާއިތުވެދިޔަ 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ޢަލީ ވަނީ ލ. ކައްދޫ ވައިގެ ބަނދަރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މިގޮތުން، ވައިގެ ބަނދަރުގެ އެންމެހައި ސަރަޙައްދުތަކުގައި ފޯރިމަރައި، އެ ސަރަޙައްދުތައް ބެލެހެއްޓެވުމާއި، ވައިގެ ބަނދަރަށް ޖައްސައި އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުގައި ބޭނުންކުރެވޭ ތަކެއްޗާއި ތަންތަން ރައްކާތެރިކޮށް ބެލެހެއްޓެވުމުގެ ގޮތުން ޗެކް ޕޮއިންޓްތަކުގައްޔާއި، ކޮންޓްރޯލް ޕޮއިންޓްތަކުގައި ޑިއުޓީ އަދާކުރައްވައިފައި ވެއެވެ. އަދި އެއަރޕޯޓުގައި ސެކިއުރިޓީއަށް ބުރުލެއް އަރާފާނެ ފަދަ އަދި ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ފަދަ ފެންވަރަށް ސެކިއުރިޓީގެ ޒިންމާ އުފުއްލަވައިގެން، އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސާބިތުކަމާއެކުގައި ވަގުތުން އަޅުއްވައިފައި ވެއެވެ. މީގެއިތުރުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައި ދެފަހަރެއްގެ މަތިން ޅ. މަޑިވަރު ވައިގެ ބަނދަރުގައިވެސް މުޙައްމަދު ޢަލީ ޑިއުޓީ އަދާކުރައްވައިފައި ވެއެވެ.