
އިބްރާހީމް ލުޠުފީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1972ވަނަ އަހަރު، ތ. އަތޮޅު ހެލްތު ސެންޓަރުގެ މަސައްކަތު މީހެއްގެ މަގާމުގައެވެ. އެ މަގާމުގައި ހުންނެވިއިރުގައި، ތ. އަތޮޅުގައި އޭރު ތިބި ޓީ.ބީ.ގެ ބަލިމީހުންނަށް ފަރުވާދެއްވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިބްރާހީމް ލުޠުފީ، ތ. އަތޮޅު ހެލްތު ސެންޓަރުގެ މަސައްކަތު މީހެއްގެ މަގާމު އަދާކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ 2 ނަންބަރު ކާތިބު ކަމުގެ މަގާމަށް ބަދަލުވެވަޑައިގެންނެވިއެވެ. އޭގެފަހުން ސަދަން ރީޖަނަލް އޮފީހުގެ 2 ނަންބަރު ކާތިބުކަމުގެ މަގާމާއި، ތ. އަތޮޅުއޮފީހުގެ ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، ސިނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރެއްވިއެވެ. އަދި، ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރުގެ މަގާމުވެސް އަދާކުރައްވައިފައިވެއެވެ. ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ އިދާރާގެ ކައުންސިލް އޮފިސަރުގެ މަގާމުގައެވެ. ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވުމުގެ ކުރިންވެސް، އިބްރާހީމް ލުޠުފީ ވަނީ، ތ. އަތޮޅު އަތޮޅުއޮފީހުގައި ޚިދުމަތް ކުރައްވައިފައެވެ.
1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގެ ހާދިސާއާ ދިވެހިރާއްޖެ ކުރިމަތިލީއިރު، އެ ހާދިސާއާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި ރޭޑިއޯ ޓެލެފޯނު އޮޕަރޭޓަރުގެ ހައިސިއްޔަތުން އިބްރާހީމް ލުޠުފީ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަދި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން އަތޮޅުގެ ހުރިހާ ރަށެއްގައި ލިޔަންކިޔަން ދަސްކޮށްދިނުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ތ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ސްކޭލް ޗާޓު ކުރެހުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައްޔާއި، އަތޮޅުގެ ހުރިހާ ރަށެއްގެ ގޯތިތަކުގެ ރަޖިސްޓަރީ ހައްދަވައި ފުރިހަމަކުރެއްވުމުގެ މަސައްކަތުގައި، އިބްރާހީމް ލުޠުފީ އިސް ދައުރެއް އަދާކުރެއްވިއެވެ.
ސުނާމީ ކާރިސާގައި ތ. އަތޮޅުގެ ރަށްރަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި ގެއްލުން ލިބުނު ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިދާރީ ގޮތުން ކުރަންޖެހުނު މަސައްކަތްތައް ޒިންމާދާރުކަމާއެކުގައި އިބްރާހީމް ލުޠުފީ ކުރައްވައިފައި ވެއެވެ. އަދި، އެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްރަށް ކަމުގައިވާ ތ. ވިލުފުށި އާރާސްތުކުރުމަށް ކުރެވުނު މަސައްކަތްތަކުގައި އަދި އިދާރީގޮތުން ކުރަންޖެހުނު މަސައްކަތުގައިވެސް ތ. އަތޮޅުއޮފީހުގެ ފަރާތުން އިބްރާހީމް ލުޠުފީ ބައިވެރިވެވަޑައިގެން އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.
އިބްރާހީމް ލުޠުފީ، ތ. އަތޮޅުއޮފީހުގެ ބަޖެޓު ޔުނިޓުގައި ޚިދުމަތް ކުރެއްވިއިރު ރަށު ކައުންސިލުތައް އޮޑިޓްކުރުމުގެ މަސައްކަތާއި، މައްސަލަތައް ތަޙުޤީޤު ކުރުމުގެ ބުރަ މަސައްކަތް ޢަމަލީ ގޮތުން ކުރައްވައިފައި ވެއެވެ. އަދި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރެއްވިއިރު، އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށާއި، ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ކުޅިވަރު މުބާރާތްތަކުގައި، ކޮމިޓީގެ އިސް މެންބަރުގެ ގޮތުގައި ކާމިޔާބުކަމާއެކުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އިބްރާހީމް ލުޠުފީ ވަނީ ދިވެހި ނާދީގެ ތ. އަތޮޅު ގޮފީގެ މެންބަރުކަންވެސް ކުރައްވައިފައެވެ. އަދި 1985ވަނަ އަހަރާއި 1990ވަނަ އަހަރުގައި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެން،
ތ. އަތޮޅުގެ ސުޕަވައިޒަރުކަންވެސް ކުރައްވައިފައި ވެއެވެ.
އިބްރާހީމް ލުޠުފީ ފާހަގަކުރެވިފައިވަނީ، އިޚުލާޞްތެރިކަމާއި، ފަރުވާތެރިކަމާއެކުގައި، އިސްނަންގަވައިގެން ޚިދުމަތް ކުރައްވަމުން ގެންދެވި މުވައްޒަފެއްގެ ގޮތުގައެވެ. އިބްރާހީމް ލުޠުފީ ދައުލަތުގެ ޚިދުމަތުގައި 42 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 18 މޭ 2023 ގައެވެ.