
ޢާއިޝަތު އަބޫބަކުރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ފެމިލީ ހެލްތު ވާރކަރުގެ މަގާމުގައި 7 މޭ 1980 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ، ދިގުރަށު ރަށުއޮފީހުގައެވެ. އެއަށްފަހު ދިގުރަށު ޞިއްޙީ މަރުކަޒު ގާއިމު ކުރެއްވުމުން، ރިޓަޔަރ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ، އެ މަރުކަޒުގައެވެ. އޭރު ހުންނެވީ އދ. ދިގުރަށު ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ. ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، އދ. ދިގުރަށު ޞިއްޙީމަރުކަޒާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލްގައި، ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފެމިލީ ހެލްތު އޮފިސަރުގެ މަގާމު އަދާކުރެއްވިއެވެ.
ޢާއިޝަތު އަބޫބަކުރު، ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، ރަށުގައި އެވަގުތު ރޯގާގެ ބަލިމަޑުކަމެއް ފެތުރޭނަމަ، އެކަން ކޮންޓްރޯލް ކުރުމަށް ޕަބްލިކް ހެލްތު ޔުނިޓުގައި މަސައްކަތް ކުރައްވާ، ކޮމިއުނިޓީ ހެލްތު އޮފިސަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރައްވައި، ގޭގެއަށް ޒިޔާރާތްކުރައްވައި، ރަށުގެ އާންމު ޞިއްޙީ ހާލަތު ރަނގަޅު ކުރުމަށް ގޭގޭގެ މީހުންނަށް އިރުޝާދު ދެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.
މީގެއިތުރުން، ޢާއިލާ ރޭވުމުގެ ޕުރޮގުރާމުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުމާއި، އެ ޕްރޮގުރާމަށް މީހުން ހޭލުންތެރިކުރުވުމާއި، ޝައުޤުވެރިކުރުވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ރަށުގައި ތިބޭ މާބަނޑު މީހުންގެ ހާލަތު ދެނެގަނެ، ވިހައިގެން ތިބޭ މީހުން ގާތަށް ޒިޔާރަތް ކުރައްވައި، މައިމީހާއާއި ކުޑަދަރިފުޅުގެ ހާލަތު ބައްލަވައި، އެފަރާތްތަކުގެ ދުޅަހެޔޮކަމަށް ދޭންވާ ލަފަޔާއި، އިރުޝާދު ދެއްވަމުން ގެންދަވައިފައި ވެއެވެ. ރަށުގައި ތިބޭ 5 އަހަރުން ދަށުގެ ކުދިންގެ ކްލިނިކް ހިންގެވުމާއި، މި ކްލިނިކްގައި މިފަދަ ހުރިހާ ކުދިން ރަޖިސްޓަރީ ކުރުވުމާއި، ބަރުދަން ރަނގަޅު ނޫން ކުދިންގެ ޞިއްޙީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް އަމާޒުކޮށްގެން، ހޭލުންތެރިކަން އިތުރުކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
ޢާއިޝަތު އަބޫބަކުރު ވަނީ، ޤައުމީ އިމިއުނައިޒޭޝަން ޕްރޮގުރާމާއި، ނިއުޓްރިޝަނާ ބެހޭ ޤައުމީ ޕުރޮގުރާމް ހިންގެވުމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރެއްވުމަށް ރަށު ފެންވަރުގައި މަސައްކަތް ކުރައްވައިފައެވެ.
ޢާއިޝަތު އަބޫބަކުރު، ދިގު މުއްދަތެއް ވަންދެން މި މަސައްކަތް ކުރެއްވިއިރު، އޮފީހުގެ އެއްވެސް އުސޫލަކާ ނުވަތަ ގަވާއިދަކާ ޚިލާފުވެވަޑައިގެންފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ޢާއިޝަތު އަބޫބަކުރު ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި ފަރުވާތެރިކަމާއެކުގައި، މަސައްކަތަށް އިސްކަން ދެއްވައިގެން ޚިދުމަތްކުރެއްވި މުވައްޒަފެއްގެ ގޮތުގައެވެ.
ޢާއިޝަތު އަބޫބަކުރު 28 ނޮވެންބަރު 2022 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 42 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.