އަލްފާޟިލް މުޙައްމަދު ރަޝީދު
މ. މާރު

މުޙައްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އަމީނިއްޔާ ސްކޫލްގެ ޕިޔޯނެއްގެ މަގާމުގައި 26 މާރިޗު 1977ގައެވެ. އޭގެ ފަހުން، ކަސްޓަމުގެ ގާޑުގެ މަގާމާއި، ސެކިއުރިޓީ ގާޑުގެ މަގާމާއި، ސެކިއުރިޓީ އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް1 އަދި ކަސްޓަމްސް އޮފިސަރ ގްރޭޑް2 ގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ކަސްޓަމުގައި މުޙައްމަދު ރަޝީދު ޚިދުމަތްކުރެއްވިއިރު، ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތާއި، ކަނޑައެޅިފައިވާ ވަގުތުތަކުގައި ދިދަ ނެގުމާއި ދިދަ ތިރިކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ކަސްޓަމުގެ ސަރަހައްދުން، މުދާ ބޭރުކުރާ ގޭޓުން ނެރޭ މުދަލުގެ ގޭޓުފާސް ފުރިހަމަވޭތޯ ބެއްލެވުމާއި، ގުދަނުން މުދާ ނެރޭއިރު، ޑެލިވަރީ ނޯޓާއި، ގޭޓުފާހާ ދިމާވޭތޯ ބެއްލެވުމާއި، މުދާ ވައްދާ ގުދަންތައް ހުޅުވައިލެއްޕުމާއި، ގުދަންތަކާއި މުދާ ބަހައްޓާ ސަރަޙައްދުތައް ބެލެހެއްޓެވުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ކަސްޓަމުގެ އިމާރާތާއި، ކަސްޓަމުން ބަލަހައްޓާ ގުދަންތަކުގެ ތަޅުދަނޑިތައް ބެލެހެއްޓެވުމާއި، މާލޭ މަގަތުފާލަމާ ކައިރިކޮށް މުދާ އަރުވައި، މުދާ ބާލައި، އުޅަނދުފަހަރަށް ގަވާއިދާ ޚިލާފަށް މީހުން އަރައިފައިބާތޯ ބެއްލެވުމުގެ ކަންކަންވެސް، މުޙައްމަދު ރަޝީދު ޒިންމާދާރުކަމާއެކުގައި ކުރެއްވިއެވެ.

ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި މުޙައްމަދު ރަޝީދު ފާހަގަކުރެވިފައިވަނީ، ހާޒިރީއަށް ފަރުވާތެރި، އެހެން މުވައްޒަފުންނާ ގުޅިގެން ހީވާގިކަމާއެކުގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

މުޙައްމަދު ރަޝީދު، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ 16 އޮކްޓޫބަރު 2019 ގައެވެ. އޭރު ހުންނެވީ، ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައެވެ.