
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު މުޙައްމަދު ވަޙީދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން 19 އަހަރުގައި، 23 ނޮވެންބަރު 1968 ގައެވެ. ފުރަތަމަ ޚިދުމަތް ފެށްޓެވީ، ށ. އަތޮޅުގެ ޤާޟީކަން ދަސްކުރާ މީހެއްގެ ވަޒީފާއިންނެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ށ. އަތޮޅުގެ ވަގުތީ ޤާޟީގެ މަގާމާއި، ކަނޑިތީމު ކޯޓުގެ ޤާޟީކަމުގެ މަގާމާއި، ށ. ފޭދޫ ކޯޓުގެ ޤާޟީކަމުގެ މަގާމާއި، މެޖިސްޓްރޭޓުގެ މަގާމާއި، ސީނިއަރ މެޖިސްޓްރޭޓުގެ މަގާމާއި، ށ. ފިރުނބައިދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓުގެ މަގާމާއި، ށ. ފުނަދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓުގެ މަގާމާއި، ށ. ނޫމަރާ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ށ. ފޭދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓުގެ މަގާމާއި، މެޖިސްޓްރޭޓުގެ މަގާމާއި، އަދި ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓާއި، ށ. ކަނޑިތީމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު މުޙައްމަދު ވަޙީދަށް ށ. އަތޮޅު ވަގުތީ ޤާޟީގެ ވަޒީފާ ދެއްވުމާ ގުޅިގެން، އަތޮޅަށް ވަޑައިގެންނެވިއިރު، ހުންނަނީ ނައިބު އޮފީސްކަމަށް ވުމުން، ށ.އަތޮޅު ކޯޓުގެ މަސައްކަތް ފުރަތަމަ ކުރެއްވީ، ނައިބު އޮފީހުގައި ގޮނޑިއަކާއި މޭޒެއް ބަހައްޓަވައިގެންނެވެ. އޭގެފަހުން، އަތޮޅު ކޯޓާއި، ރަށުކޯޓު ގާއިމު ކުރެއްވުމުން، ފަހުން ޚިދުމަތް ކުރެއްވީ، އެ ކޯޓުތަކުގައެވެ. މުޙައްމަދު ވަޙީދު ށ. އަތޮޅުގެ ނައިބު އޮފީހާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން، އަތޮޅުގެ ރަށްރަށަށް ދަތުރުކުރައްވައި، ކޮންމެ ރަށެއްގައި ހުންނަ މައްސަލަތަކާއި، ވަރިކައިވެންޏާގުޅޭ މައްސަލަތައް ބެއްލެވިއެވެ. އަދި ނައިބުގެތަކުގައި ކާތިބުން ނުތިއްބަވާތީ، މަސްދުވަހުގެ ރިޕޯޓު ތައްޔާރު ކުރައްވައި، ޖަސްޓިސް މިނިސްޓްރީއަށް ފޮނުއްވުންފަދަ މަސައްކަތްތައް މުޙައްމަދު ވަޙީދު އަމިއްލަފުޅަށް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ޝަރީޢަތުގައި ނެގޭ ބަޔާންތައް ލިޔުއްވައި، ބަޔާންތައް މަޙުޟަރު ކުރެއްވުމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިޔުއްވުމާއި، ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުންނަށް ޗިޓު ހައްދަވައިގެން އެމީހުންނާ ހަވާލުކުރުމުގެ މަސައްކަތް ފުރަތަމަ ކުރެއްވީ އަމިއްލަފުޅަށެވެ. ރަށު ކޯޓުތައް އުފައްދަވައި ކޯޓުތަކަށް ކާތިބުންނާއި، ސެކްރެޓެރީން ހަމަޖެއްސެވުމުން، މަސައްކަތް ކުރަންވީ ގޮތް ދަސްކޮށްދެއްވައިގެން ކުރައްވަމުން ގެންދެވީ، އެ މުވައްޒަފުންނާ ހަވާލު ކުރައްވައިގެންނެވެ.
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު މުޙައްމަދު ވަޙީދު، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރުމާ ބެހޭގޮތުން ހެދިފައިވާ އެއްވެސް ގަވާއިދަކާ ނުވަތަ އުސޫލަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. މުޙައްމަދު ވަޙީދު ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު، 3 ޑިސެންބަރު 2012 ގައެވެ.