
އަބޫބަކުރު ޢަލީ، 1982ވަނަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ޕިޔޯނުކަމުގެ ވަޒީފާއިންނެވެ. އޭރު ކުރެއްވީ، މިނިސްޓްރީގެ ފަރާތުން އެކި ތަންތަނަށް ފޮނުއްވާ ތަކެތި ހަވާލުކުރެއްވުމުގެ މަސައްކަތެވެ. އެއަށްފަހު، ފީލްޑް އޮފިސަރގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެން، ނަރސަރީތަކުގައި ފަތްޕިލާވެލިން ގަސްކާނާ އުފެއްދުމުގެ މަސައްކަތް ކުރެއްވިއެވެ.
އަބޫބަކުރު ޢަލީ ވަނީ، ކޯޓު ނަންބަރު 5 ގެ 2 ނަންބަރު ކާތިބުކަމުގެ މަގާމާއި، ކޯޓު ނަންބަރު 1 ގެ 2 ނަންބަރު ކާތިބު ކަމުގެ މަގާމާއި، ކޯޓު ނަންބަރު 3 ގެ 2 ނަންބަރު ކާތިބުކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ 2 ނަންބަރު ކާތިބުކަމުގެ މަގާމު އަދާކުރައްވައިފައެވެ. އަބޫބަކުރު ޢަލީ، ޝަރުޢީ ދާއިރާގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން، ކޯޓު ނަންބަރު 2 ގައި ކުރެއްވީ، ވަޤުފާގުޅޭ މައްސަލަތަކުގެ ލޮގް ފޮތްތައް ލިޔުއްވައި، ބެލެހެއްޓެވުމުގެ މަސައްކަތެވެ. ކޯޓު ނަންބަރު 1 ގައި ކުރެއްވީ، އެ ކޯޓުން ކުރައްވަމުން ގެންދެވި ވަރި ކައިވެނީގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، ކައިވެނީގެ ސެޓުފިކެޓުތައް ލިޔުއްވުމުގެ މަސައްކަތެވެ. ކޯޓު ނަންބަރު 3 ގައި ކުރެއްވީ، ކޯޓުގައި ހިނގަމުންދާ އެގްރީމެންޓާބެހޭ ޝަރީޢަތްތަކުގެ ރިޕޯޓު ލިޔުއްވުމާއި، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވޭ ޚަޞްމުންގެ މަޙުޟަރު ބަޔާންތައް ލިޔުއްވުމުގެ މަސައްކަތެވެ. އަދި ހަމަ އެހެންމެ، އަބޫބަކުރު ޢަލީ، ކޯޓުތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު އަތޮޅުތަކުގެ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ބެއްލެވުމަށްޓަކައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ފޮނުއްވި ޝަރުޢީ ވަފުދުތަކުގައި ބައިވެރިވެވަޑައިގެން، ޝަރުޢީ ވަފުދުތަކުން ނިންމަވާ މައްސަލަތަކުގެ މަޙުޟަރު ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔުއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. އަބޫބަކުރު ޢަލީ ވަނީ، މިނިސްޓްރީ އޮފް ޖަސްޓިސްގައި ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތްވެސް މަހެއްހައި ދުވަހު ކުރައްވައިފައެވެ.
އަބޫބަކުރު ޢަލީ ވަނީ، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ 2 ނަންބަރު ކާތިބު ކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ. އެ އޮތޯރިޓީގައި މައިގަނޑުގޮތެއްގައި ކުރެއްވީ، ފެނާއި، ނަރުދަމާއާގުޅޭ މަސައްކަތްތަކެވެ. އެގޮތުން، ރާއްޖޭގެ އެކިއެކި ރަށްރަށުގެ އާބާދީތަކަށް ބެއްލެވުމަށްފަހު، ވާރޭފެން ރައްކާކުރުމަށްޓަކައި، ޔުނިސެފުގެ އެހީގައި ސަރުކާރުން ހިންގެވި މަޝްރޫޢުގެ ދަށުން ފެރޯ ސިމެންތި ތާނގީތައް ބެހެއްޓުމަށް ނިންމެވި ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ ވަކި ސަރަޙައްދުތަކެއްގައި ތާނގީތައް ރާނައިދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއާ އަބޫބަކުރު ޢަލީ ގުޅިވަޑައިގަތީ، 13 ޖަނަވަރީ 1990 ގައެވެ. އެ އޮފީހުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ކްލެރިކަލް އެސިސްޓެންޓް ކަމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަން ހިމެނެއެވެ.
އަބޫބަކުރު ޢަލީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ޕްރެޒިޑެންޝަލް އެޑްރެސް ދެއްވުމަށް ތައްޔާރުކުރާ އޮޓޯކިއުއަށް އަތުން ލިޔުއްވުމާއި، ޗާޕުކުރައްވާ ޕްރެޒިޑެންޝަލް އެޑްރެސް ފޮތްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުން ހިމެނެއެވެ. ކ. ވިލިނގިލީގައި މީހުން އާބާދުކުރުމަށް ގޯތި ދެއްވުމަށް ހަމަޖެއްސެވުމާ ގުޅިގެން، އަމިއްލަ މީހުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހަޅާ މައްސަލަތައް ބެއްލެވުމާއި، އެމީހުންނަށް ދެއްވާ ޖަވާބުތައް ލިޔުއްވުމާއި، ކަމާބެހޭ ސަރުކާރުގެ އޮފީސް އޮފީހުގެ މައުލޫމާތަށްޓަކައި ފޮނުވަންޖެހޭ ޖަވާބުތައް އެ އޮފީސްއޮފީހަށް ފޮނުއްވުމާއި، އަތޮޅުތަކުގައި ދިމާވާ އެކިއެކި ކާރިސާތަކުގެ މައުލޫމާތު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ވަގުތުން ހޯއްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި ޕްރިޒަންސް ޑިވިޜަނުން ފޮނުއްވާ ބަންދުކުރާ އަދި ދޫކޮށްލާ ބިދޭސީންނާބެހޭ ފޯމުތައް ފައިލްކޮށް، ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ.
އަބޫބަކުރު އަލީ، ސަރުކާރުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގައި، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވީ އަދި މިހާރުވެސް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ދެމެދު ވިލަރެސްކުރަންޖެހޭ މަސައްކަތްތަކެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށްޓަކައި ފޮނުއްވާ ބިލުތައް، ތަޞްދީޤުކުރެއްވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމާއި، ބިލުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްޓަކައި އިދާރީ ގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ޤާނޫނީ ބިލުތަކާއި، މައްސަލަތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުގެދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ކަންކަން މަޖިލީހަށް ހުށަހަޅުއްވައި، އެކަންކަން ހިނގަމުންދާގޮތް ބެއްލެވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހުށަހަޅުއްވާ ޤާނޫނީ ބިލުތަކާއި، މައްސަލަތަކާއި، ޤަރާރުތަކާއި، ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ހިނގަމުންދާގޮތުގެ މައުލޫމާތު ބަލަހައްޓަވަމުން ގެންދަވައެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާ ޤާނޫނުތައް ތަންފީޒުކުރުމުގެ ގޮތުން އުފައްދަންޖެހޭ މުއައްސަސާތަކާއި، ކޮމިޝަންތަކާއި، ބޯޑުތައް ހުރިތޯ ބެއްލެވުމާއި، އެފަދަ ކަމެއް އޮތްނަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާގުޅޭ ސެކްޝަންތަކާ ގުޅުއްވައިގެން ކުރަންޖެހޭ ކަންތައްތައް ކުރައްވަމުން ގެންދަވަނީ އަބޫބަކުރު ޢަލީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މި ދާއިރާގެ މަސައްކަތްތަކަކީ، ވަރަށް މުހިންމު އަދި ގިނަ ވަގުތު ހޭދަކުރައްވަންޖެހޭ މަސައްކަތެއްކަމަށްވުމުން، މި ދާއިރާއަށް ޒުވާން ކުދިން ތަމްރީނުކުރެއްވުމުގެ މަސައްކަތް، އަބޫބަކުރު ޢަލީ މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.
ޚިދުމަތުގެ މި ދިގު މުއްދަތުގައި، ކުރެއްވި ޚާއްޞަ އެއް މަސައްކަތަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ދައުރުގައި، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޗާޕުކުރެއްވުމަށްޓަކައި، އެކުލަވައިލެއްވި ކޮމިޓީގެ އިންތިޒާމުތައް ބެލެހެއްޓެވުމެވެ. އަދި ތަރުޖަމާ ޗާޕުކުރަން ފޮނުވުމުގެ ކުރީން މުޅި ޤުރްއާނުގެ ހުރިހާ އާޔަތްތަކާއި މާނަތަކުގައި ކުށެއް އޮތްތޯ ބެއްލެވުމުގެ މަސައްކަތުގައި، އަބޫބަކުރު ޢަލީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އޮފީހުން ބާއްވަވާ އެކިއެކި ޖަލްސާތަކާއި، ޙަފުލާތައް އިންތިޒާމު ކުރެއްވުމުގައިވެސް އަބޫބަކުރު ޢަލީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
އަބޫބަކުރު ޢަލީ ފާހަގަކުރެވިފައިވަނީ، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ، އަދި ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް، ކެތްތެރިކަމާއި، ޒިންމާދާރުކަމާއެކުގައި ކުރައްވަމުން ގެންދަވާ، އޮފީހުގެ މާހައުލުގައި، މަސައްކަތުގެ އަޚްލާޤާއި، ރިވެތި އަދަބުތައް ދައްކަވަމުންގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި، ކުއްލިގޮތެއްގައި އޮފީހަށް ނުކުންނަވައިގެން ކުރައްވަންޖެހޭ ޚާއްޞަ މަސައްކަތްތައްވެސް ޝައުޤުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އަބޫބަކުރު ޢަލީއަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022 ވަނަ އަހަރު އަރުވައިފައެވެ. އަބޫބަކުރު ޢަލީ މިހާރު ހުންނެވީ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.