
މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢީސާ ޙުސައިން، ވަޒީފާ އަދާކުރައްވަން ފެށްޓެވީ، ވޭމަންޑޫ ނައިބު އޮފީހުގެ ކާތިބުކަމުންނެވެ. މީގެ އިތުރުން، ވޭމަންޑޫ މަކުތަބުގެ މުދައްރިސް ކަމާއި، ރައްޔިތުންގެ އެކިއެކި ކަންކަމުގައި ލިޔެކިޔުން ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން، ޤާޟީ ކޯހުގައި ކިޔެވުމުގެ ފުރުސަތު ލިބިވަޑައިގެން ކޯސް ފުރިހަމަކުރައްވައި ސަނަދު ލިބިވަޑައިގަތުމުން، 24 މާރިޗު 1970 ގައި، ތ. އަތޮޅު ކޯޓުގެ ވަގުތީ ޤާޟީކަމުގެ މަގާމު ލިބިވަޑައިގެން، ރަސްމީ ހައިސިއްޔަތުން ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އޭގެ ފަހުން، ތ. އަތޮޅު ކޯޓުގެ ޤާޟީ ކަމާއި، ތ. ބުރުނީ ކޯޓުގެ ޤާޟީ ކަމާއި، ތ. ވޭމަންޑޫ ކޯޓުގެ ޤާޟީ ކަމާއި، ވޭމަންޑޫ ކޯޓުގެ މެޖިސްޓްރޭޓް ގްރޭޑް 2 ގެ މަގާމާއި، ސީނިއަރ މެޖިސްޓްރޭޓް ކަމުގެ މަގާމާއި، ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ހިންގެވި އެކިއެކި ތަމްރީނު ޕްރޮގުރާމުތަކުގައި ޢީސާ ޙުސައިން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަތޮޅު ކޯޓުގެ ޤާޟީކަން ކުރެއްވި ދުވަސްވަރު، އަތޮޅުގެ ހުރިހާ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ހުރި މައްސަލަތައް ބައްލަވައި ޝަރީޢަތްތައް ހިންގެވުމުގެ މަސައްކަތްކުރައްވައިފައި ވެއެވެ. ރަށްރަށުގައި ރަށުކޯޓުތައް ބިނާކުރައްވައި، ކޯޓުތަކަށް ޤާޟީންނާއި މެޖިސްޓްރޭޓުން ޢައްޔަން ކުރެއްވި ފަހުން، ރިޓަޔަރ ކުރެއްވުމާ ހަމައަށްވެސް، އަތޮޅުގެ ރަށްރަށުގެ ކޯޓުތަކަށް ވަޑައިގެން ޝަރީޢަތްތައް ހިންގެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ހަމައަށް، ޢީސާ ޙުސައިން ގެންދެވީ، އަތޮޅުގެ އިސް މެޖިސްޓްރޭޓެއްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރައްވަމުންނެވެ.
އަލްއުސްތާޒު ޢީސާ ޙުސައިން ފާހަގަ ކުރެވިފައިވަނީ، ޗުއްޓީ ނެންގެވުން މަދު، ހާޒިރީއަށް ފަރުވާތެރި، އަދި މަސައްކަތްތަކަށް އިސްކަން ދެއްވައިގެން، ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.
އަލްއުސްތާޒު ޢީސާ ޙުސައިން، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރައްވައިފައިވަނީ 31 އޮކްޓޫބަރު 2012 ގައެވެ.