އަލްފާޟިލް މޫސާ ޢަބްދުﷲ
ފޭރުމާގެ، އދ. ހަންޏާމީދޫ

މޫސާ ޢަބްދުﷲ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 އެޕްރީލް 1974 ގައި، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގައި، އެން.އެސް.އެސް.ގެ މީހެއްގެ ވަޒީފާގައެވެ. އެއީ، އުމުރުން 22 އަހަރުގައެވެ. އެދުވަހުން ފެށިގެން، މޫސާ ޢަބްދުﷲ ވަނީ 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި، އިޚުލާޞްތެރިކަމާއެކުގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.

ފުރަތަމަ ވަޒީފާ އަދާކުރެއްވީ މާލޭގައި، ސިފައިންގޭގައި ކަމުގައިވިޔަސް، އަމިއްލަ ސަބަބުތަކާ ހުރެ 8 އޮގަސްޓު 1982 ގައި، މޫސާ ޢަބްދުﷲގެ އުފަން ރަށް، އދ. ހަންޏާމީދުއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ. ހަންޏާމީދުއަށް ބަދަލުވެވަޑައިގެންނެވީ، އެރަށުގެ މެޖިސްޓްރޭޓް ކޯޓުގެ ކާތިބުގެ ވަޒީފާއަށެވެ. އޭގެ ފަހުން، އެ ކޯޓުގެ ސީނިއަރ ކްލާކުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ހަންޏާމީދޫ މެޖިސްޓްރޭޓް ކޯޓުގައި، މޫސާ ޢަބްދުﷲ ވަނީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޯޓުގެ އިދާރީ ލިޔެކިޔުންތައް ލިޔުއްވުމާއި، ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައެވެ.

މޫސާ ޢަބްދުﷲގެ ޚިދުމަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ދުވަހަކުވެސް އޮފީހަށް ގަޑިޖެހިފައި ނުވާކަމެވެ. އަދި ސަލާމުގެ ޗުއްޓީއާއި، ޢާއިލީ ޒިންމާގެ ޗުއްޓީ ނަންގަވައިފައިވަނީވެސް ވަރަށް މަދު ފަހަރެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ. މޫސާ ޢަބްދުﷲގެ އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ހަވާލުކުރެވޭ މަސައްކަތްތައް، އެ މަސައްކަތެއް ނިންމުމަށް ކަނޑައެޅިފައިވާ ވަގުތަށް ނިންމަވައި، ނަމޫނާ ދައްކަވަމުން ގެންދަވާފައި ވުމެވެ. ހަމަ އެހެންމެ، ޚިދުމަތުގައި ހޭދަ ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އޮފީހުގެ ގަވާއިދަކާ ނުވަތަ އުސޫލަކާ ޚިލާފުވެގެން އިދާރީ ފިޔަވަޅެއް އަޅުއްވައިފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މޫސާ ޢަބްދުﷲ، ރަށުގެ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީގެ ގިނަގުނަ މަސައްކަތްތަކުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އެގޮތުން، ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ރ.ކ. ކޮމިޓީގެ އިސްނެންގެވުމުގެ މަތިން، އަމިއްލަ ފަރާތަކާއި، ސަރުކާރުގެ އެހީގައި 2003 ވަނަ އަހަރު، ފެށުނު ރަށުގެ ދެ ފަރާތުގައި ބަނދަރު ހެދުމުގެ މަސައްކަތަކީވެސް، ރ.ކ. ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މޫސާ ޢަބްދުﷲ ވެސް ހިއްސާވެވަޑައިގަންނަވާ މަސައްކަތެކެވެ.

މޫސާ ޢަބްދުﷲ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 31 ޑިސެންބަރު 2016 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ހަންޏާމީދޫ މެޖިސްޓްރޭޓް ކޯޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.