އަލްފާޟިލް އަޙްމަދު ނާޞިރު
އެޒޭލިޔާ، ތ. ވޭމަންޑޫ

އަޙްމަދު ނާޞިރު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 28 ޖަނަވަރީ 1973 ގައި، ޕްރިޒަންސް ޑިވިޜަންގެ 2 ނަންބަރު ކާތިބުކަމުގެ މަގާމުންނެވެ. އޭގެފަހުން، ރަޖިސްޓްރޭޝަން ޑިވިޜަން (ށ)ގެ 2 ނަންބަރު ކާތިބުކަމާއި، ތ. އަތޮޅު އޮފީހުގެ 2 ނަންބަރު ކާތިބުކަމާއި، ސެކްރެޓެރީ ކަމުގެ މަގާމާއި، ތ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، ތ. އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމު އަދާކުރެއްވިއެވެ. އަޙްމަދު ނާޞިރު 31 ޖުލައި 2011 ގައި ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.

އަޙްމަދު ނާޞިރު، ޕްރިޒަންސް ޑިވިޜަންގައި ވަޒީފާ އަދާކުރެއްވިއިރު، ޙުކުމް ތަންފީޒުކުރާ މީހުންނާ ބެހޭގޮތުން ކުރައްވަންޖެހޭ އެކިއެކި މަސައްކަތްތައް ކުރެއްވިއެވެ. އޭގެތެރޭގައި، އަރުވާލައި ފޮނުވާލާ މީހުންނާއި، ގޭގައި ބަންދުކުރަންޖެހޭ މީހުންނާ ބެހޭގޮތުން އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔުއްވައި ފޮނުއްވުމުގެ މަސައްކަތް ހިމެނެއެވެ. އޭގެފަހުން ރަޖިސްޓްރޭޝަން ޑިވިޜަން (ށ) ގައި ވަޒީފާ އަދާކުރެއްވިއިރު މާލޭގެ ގޯތިގޯއްޗާއި، ބިންބިމާބެހޭ މަސައްކަތްތައް ކުރެއްވިއެވެ. އެގޮތުން، މާލެއިން ހިއްކަން ގޯތި ދިނުމާބެހޭ މަސައްކަތާއި، ގޯތިގޯތީގެ ރަޖިސްޓަރީއާއި، ގޭގޭގެ މީހުންގެ ރަޖިސްޓަރީ ހެދުމުގެ މަސައްކަތްތައް ކުރެއްވިއެވެ.

އަޙްމަދު ނާޞިރު ތ. އަތޮޅުއޮފީހަށް ބަދަލުވެވަޑައިގެން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ސިޓީ ލިޔުއްވުމާއި، މެސެޖު ލިޔުއްވުމާއި، ވޯކީޓޯކީގެ ޒަރީއާއިން މެސެޖާއި ރިޕޯޓު ނަންގަވައި ފޮނުއްވުމުގެ މަސައްކަތް ހިމެނެއެވެ. އޭގެފަހުން، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، އިސް އެހީތެރިޔާގެ މަގާމުގައި ހުންނެވިއިރު، މަގާމުގެ ހައިސިއްޔަތުން، އަތޮޅުއޮފީހުގެ އިދާރީ ހުރިހާ ކަމަކާއި، އަތޮޅުގެ އެހެން ރަށްރަށުގެ އިދާރީކަންކަން ހިނގާނުހިނގާގޮތް ބެއްލެވުމާއި، އަތޮޅުވެރިޔާ ނުހުންނަވާ ދުވަސްވަރުގައްޔާއި، ޗުއްޓީގައި ހުންނަވާ ދުވަސްވަރު، އަތޮޅުއޮފީސް ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ. މީގެ އިތުރުން، އަޙްމަދު ނާޞިރު އެންމެފަހުން އަދާކުރެއްވި، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ޚިދުމަތް ކުރެއްވިއިރުގައި، އަތޮޅު ކައުންސިލް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

އަޙްމަދު ނާޞިރު ތ. އަތޮޅުއޮފީހުގައި ޚިދުމަތްކުރެއްވިއިރު ކުރެއްވި އެހެން މަސައްކަތްތަކުގެ ތެރޭގައި، ލަކުޑި ސިޓީ ހެއްދެވުމާއި، އެކަންކަމަށް ހުއްދަ ދެއްވުމާ ގުޅޭގޮތުން ކުރައްވަން ޖެހުނު މަސައްކަތްތަކާއި، އެ ކަންކަމަށް ފަޅުރަށްރަށަށް ފޮނުވާނެ މީހުން ހަމަޖެއްސެވުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި ސުނާމީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ތ. އަތޮޅުގެ ރަށްރަށުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައްޔާއި، އެމީހުންނަށް އެކި ރަށްރަށުން ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމާއި، ކެއިން ބުއިމުގެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގައިވެސް އަޙްމަދު ނާޞިރު އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

އަޙްމަދު ނާޞިރު ފާހަގަކުރެވިފައިވަނީ، ހިންގުންތެރިކަމާއި މުރާލިކަމާއި، ހީވާގިކަމާއެކުގައި ކަމަށްކަމޭހިއްތަވައިގެން މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަޙްމަދު ނާޞިރު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 42 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައެވެ.