އަލްފާޟިލް އަޙްމަދު ސުވައިބު
މ.ނޫވިލު

 

ކުރެހުމަކީ، މަދްރަސީ ދައުރުން ފެށިގެން ސުވައިބުގެ ހިތްޕުޅުގައި ޚާއްޞަ ޝައުޤުވެރިކަމެއް އުފެދިފައިވާ ފަންނެކެވެ. ސުވައިބު ވަނީ، މަދްރަސީ ޙަޔާތުގައިވެސް ކުރެހުމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައެވެ. ރާއްޖޭގައި 1979 ވަނަ އަހަރު އެންމެ ފުރަތަމަފަހަރަށް ފާހަގަކުރެވުނު ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރާ ގުޅިގެން ބޭއްވި ނޭޝަނަލް އާޓް އެންޑް ކްރާފްޓް އެގްޒިބިޝަނުން ސެރަމިކް އާރޓުން ސުވައިބު ވަނީ 1 ވަނަ ހޯއްދަވާފައެވެ. އަދި އެ އެގްޒިބިޝަންގެ ބެސްޓް އޯލް ރައުންޑަރުގެ މަގާމުވެސް ސުވައިބު ހާސިލުކުރެއްވިއެވެ.
 
 މިދާއިރާގައި ޚިދްމަތް ކުރައްވަން ފެށްޓެވީއްސުރެ، ސުވައިބުގެ ޢަޒުމަކަށްވީ، މިދާއިރާއިން ހީވާގިކަމާއެކު ކުރިއަށް ވަޑައިގަތުމެވެ. އެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދުމުގެ އެންމެބޮޑު ސަބަބަކީ، ކުރެހުމުގެ ފަންނަށް ލޯބިކުރާ ޢާއިލީ ވެށްޓެއްގައި އޭނާ ބޮޑުފުޅުވަމުން އައުމެވެ. މި ފަންނުގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރާއި ޝައުޤު، ސުވައިބުގެ ހިތްޕުޅުގައި އުފެދުމުގެ އެންމެބޮޑު ސަބަބަކީ، އަޅުގަނޑުމެންގެ ތެރޭގައި ކުރެހުމުގެ ފަންނުގައި ވަރަށް މަޝްހޫރުވި ދެވަނައެއް ނެތް ސުވައިބުގެ ލޮބުވެތި ބައްޕަ އަލްފާޟިލް ސަރުދާރު ދޮންމަނިކު، މިރޮނގުން ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގަތުމުގެ ނަޞީބު ލިބިވަޑައިގަތުމެވެ.
 
ސުވައިބު ޤަބޫލު ކުރައްވާ ގޮތުގައި ކުރެހުމަކީ، މުވާޞަލާތު ކުރުމުގެ ވަރަށް މުހިންމު ފަންނެކެވެ. ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތެއް ކުރަނީ، އިންސާނާގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކަމަށްވާއިރު، ކުރެހުމަކީ ތަފާތު އެތައް މެސެޖްތަކެއް ދެވޭ ފަންނެއްކަން ސުވައިބު ކުރައްވާފައިވާ ތަޖުރިބާތަކުން އޭނާއަށްވަނީ ޤަބޫލު ކުރެއްވިފައެވެ.  
 
މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސުވައިބު ވަނީ ރާއްޖޭގަޔާއި އަދި ރާއްޖެއިން ބޭރުގައި ބޭއްވުނު ކުރެހުމުގެ ތަފާތު އެކިއެކި މައުރަޒުތަކުގަޔާއި، ކޭމްޕްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި، 2011 ވަނަ އަހަރާއި، 2012 ވަނައަހަރު ކޮޅުނބުގައި ބޭއްވުނު ސާރކް އާޓިސްޓްސް ކޭމްޕާއި، އިންޑިޔާގެ ޗަންދިގަރުގައި 2011 ވަނައަހަރު ބޭއްވުނު ކުރެހުމުގެ މައުރަޒު ހިމެނެއެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކުރެހުމުގެ އެކިއެކި މުބާރާތްތަކުގައި، ސުވައިބުވަނީ، ފަނޑިޔާރުކަންވެސް ކުރައްވާފައެވެ.
 
ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކުރެހުމުގެ އެކިއެކި ޙަރަކާތްތަކުގެ ތެރެއިން ސުވައިބު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އެންމެ ޚާއްޞަ ޙަރަކާތެއްގެ ގޮތުގައި ފާހަގަކުރައްވަނީ، ސާސްކަފުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެން.އެސް.އެސް. އިން އިންތިޒާމުކޮށްގެން ތައްޔާރުކުރި [ދިވެހިރާއްޖޭގެ ވާހަކަ] އެވެ. [ދިވެހިރާއްޖޭގެ ވާހަކަ]އިގެ އަސްލު ކޮންސެޕްޓް ފަރުމާ ކުރުމަށް ޚިޔާލާއި ލަފާދެއްވި ބޭފުޅުންގެ ތެރޭގައި ސުވައިބު ހިމެނިވަޑައިގަންނަވައެވެ. މަހަކު އެއްފަހަރު ނޭޕާލްގައި ނެރޭ މަޖައްލާއެއް ކަމަށްވާ [ހިމާލް ސައުތު އޭޝިއަން] ގައި ސުވައިބުގެ ތަފާތު ކުރެހުންތައްވެސް ގަވާއިދުން 6 މަސް ދުވަސް ވަންދެން ޝާއިޢު ކޮށްފައިވެއެވެ.
 
ރާއްޖޭގެ ކުރެހުންތެރިންގެ ޖަމްޢިއްޔާ، ދިވެހި ވުޖޫދަށް ގެންނެވުމުގައި ސުވައިބުގެ ޙިއްޞާ ވަރަށް ބޮޑެވެ. އެ ޖަމްޢިއްޔާ، 2000 ވަނަ އަހަރު ރަޖިސްޓަރީ ކުރެވުނުއިރު، އެޖަމްޢިއްޔާގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީއަކީވެސް، ސުވައިބެވެ.
 
ސުވައިބު ދެކެވަޑައިގަންނަވާ ގޮތުގައި، ކުރެހުމުގެ ފަންނަށް ދިރުން ލިބި، މިފަންނު އާލާވާނީ،  މިފަންނުގައި ޙަރަކާތްތެރިވާ އެންމެނަށްވެސް ފުރްޞަތު ލިބިގެންނެވެ. މި ދާއިރާއާ ވަކިވެވަޑައިގަތުމުގެ އެއްވެސް ޚިޔާލުފުޅެއް އޭނާގެ ނެތެވެ. މިއަދުވެސް ސުވައިބު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު، ވީހާވެސް ފުޅާ ދާއިރާއެއްގައި މިސަރަޙައްދުގެ ޤައުމުތަކަށް ދައްކަވައިދެއްވުމަށެވެ. މި ސަރަޙައްދުގެ ޤައުމެއްގައި ރާއްޖޭގެ އާޓް ފެއަރއެއް  ބޭއްވޭ ދުވަހަކީ އޭނާ އެންމެ ބޮޑަށް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެވެ.