އަލްފާޟިލާ ޢާއިޝަތު އާދަމް
އާރިޔާ، ހދ. ކުޅުދުއްފުށި

ޢާއިޝަތު އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެޓެންޑެންޓުގެ މަގާމުގައި، 9 މާރިޗު 1982 ގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވި މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢާއިޝަތު އާދަމް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައިވަނީ ޚިދުމަތް ކުރައްވައިފައެވެ.

ޢާއިޝަތު އާދަމް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޚިދުމަތް ކުރެއްވިއިރު ހޮސްޕިޓަލުގެ އެނދުތަކާއި، ވޯޑުތައް ސާފުތާހިރުކޮށް ބެލެހެއްޓެވުމާއި، ފާޚާނާއާއި، ހޮސްޕިޓަލުތެރެއާއި، އަދި މުޅި ހޮސްޕިޓަލަކީވެސް ސާފުތާހިރު، ރައްކާތެރި ތަނެއް ގޮތުގައި ބެލެހެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައް ގަވާއިދުން ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދެވިއެވެ.

ޢާއިޝަތު އާދަމް ފާހަގަކުރެވެނީ، ބަލިމީހުންނަށާއި، ހޮސްޕިޓަލްގެ އެހެން މުވައްޒަފުންނަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށްވެސް ކަމޭހިއްތަވައިގެން އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކުގައި، ހުރިހާ ފަރާތްތަކާވެސް ގުޅިވަޑައިގެން މަސައްކަތްކުރެއްވި މުވައްޒަފެއްގެ ގޮތުގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ހޮސްޕިޓަލްގެ އެޓެންޑެންޓުގެ މަގާމުގައި އަދާކުރައްވަންޖެހޭ އެންމެހައި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމުގެ އިތުރުން، ހޮސްޕިޓަލުގެ ކުރިއެރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ފަސްޖެހުމެއްނެތި ޢާއިޝަތު އާދަމް ކުރައްވައިފައި ވެއެވެ. އަދި ކުރިމަތިވާ ޞިއްޙީ ބަލިމަޑުކަންފަދަ ކަންކަމުން އަރައިގަތުމުގައި ކުރަންޖެހުނު އެންމެހައި މަސައްކަތްތައްވެސް ޒިންމާދާރުކަމާއެކުގައި ކުރެއްވި މުވައްޒަފެއްގެ ގޮތުގައިވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޢާއިޝަތު އާދަމަކީ، ފަރުވާތެރިކަމާއި، ހީވާގިކަމާއި، ތެދުވެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުންގެންދެވި، ނަމޫނާ މުވައްޒަފެކެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކާމިޔާބީގެ މުހިންމު ހިއްސާދާރެއް މެއެވެ. ޢާއިޝަތު އާދަމް، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 24 ނޮވެންބަރު 2024 ގައެވެ.