
އާދަމް ޙަލީމް، 1982ވަނަ އަހަރުގެ ޖޫން މަހުގެ 27ވަނަ ދުވަހު ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޕިޔޯނުކަމުގެ ވަޒީފާއިންނެވެ. އޭރު މައިގަނޑު ގޮތެއްގައި ކުރެއްވީ، ދިވެހިރާއްޖޭގެ އަޑާއި، ޓީ.ވީ މޯލްޑިވްސްގެ ނިއުސް ރޫމަށް އެ ޑިޕާޓްމަންޓުން ފޮނުއްވާ ޚަބަރު، އެތަންތަނަށް ފޯރުކޮށްދެއްވުމުގެ މަސައްކަތެވެ. 10 ނޮވެންބަރު 1982 ގައި، އެ ޑިޕާޓްމަންޓުގެ އިންފޮރމޭޝަނާ ބެހޭ މަސައްކަތްތައް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ބަދަލުކުރެއްވުމާ ގުޅިގެން، އާދަމް ޙަލީމް، އެ މަރުކަޒުގެ ޕިޔޯނުކަމުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އެއަށްފަހު މަރުކަޒުން އެކިތަންތަނަށް ފޮނުއްވާ ސިޓީ ހަވާލުކުރެއްވުމާއި، ސިޓީތަކާއި، ތާރީޚީ ތަކެތި ތަރުތީބު ކުރެއްވުމާއި، ބައެއް ތަކެތި ދާރުލްއާސާރަށް ގެންދިއުމުގެ މަސައްކަތް ކުރެއްވިއެވެ. މިގޮތުން، މަޝްހޫރު އާކިއޮލޮޖިސްޓް، މިސްޓަރ ތޯހައިދާލް 1983 އާއި 1984 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުން ކޮނެގެން ހޯއްދެވި އާސާރީ ގާތައް ސާފުކުރުމުގެ މަސައްކަތުގައި އާދަމް ޙަލީމުވެސް ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމާ ގުޅިގެން، 19 ޖުލައި 1984 ން ފެށިގެން އާދަމް ޙަލީމް، ޚިދުމަތްކުރައްވަމުން ގެންދަވަނީ، އެ އޮފީހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާތަނަށް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، "ޗާޕުގެ މަސައްކަތްކުރާ" ކަމާއި، ޕިޔޯނު ކަމާއި، އޮފީސް ހެލްޕަރު ކަމާއި، ހެލްޕަރ ސުޕަވައިޒަރު ކަމާއި، ޖެނެރަލް ސަރވިސަސް އޮފިސަރު ކަމާއި، އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓު ކަމާއި، އަދި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަންވެސް ހިމެނެއެވެ. މިހާރު ހުންނެވީ، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.
އާދަމް ޙަލީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޗާޕުގެ މަސައްކަތް ކުރެއްވުމާއި، ޗާޕުކުރާ ދެންނެވުމާއި، ޚުޠުބާއާއި، ސިޓީ އަދި އެހެނިހެން ތަކެތި ހަވާލުކުރެއްވުން ހިމެނެއެވެ. އަދި އޭރު ސްކޫލުތަކުން ވަކިވާ ކުދިންގެ ތެރެއިން ސަރުކާރަށް ޚިދުމަތްކުރަންޖެހޭ ކުދިންނަށް ރައީސް އޮފީހަށް ހާޒިރުވުމަށް އެންގުމާބެހޭ މަސައްކަތް ކުރައްވައިފައި ވެއެވެ.
ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން އޮފީހުގެ ހައުސްކީޕިންގ ޔުނިޓުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިހިޖެހިކޮށި ބެލެހެއްޓެވުމާއި، ނީލަމަށް ފޮނުއްވާ ތަކެތީގެ ކަންތައްތަކުގައި އެހީތެރިވެދެއްވުމާއި، އޮފީހުގެ ގުދަންތައް ބެލެހެއްޓެވުމާއި، އޮފީހުގެ ތަންތަން ސާފުކުރުވުމުގެ ކަންތައްތައް ހިމެނެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ފަރާތްޕުޅުން އެކި ފަރާތްތަކަށް ދެއްވާ އިނާމާއި، ހަދިޔާ ޕާރުސަލްކުރެއްވުމުގެ މަސައްކަތް ބެލެހެއްޓެވުމާއި، އޮފީހުން ޑިސްޕެޗްކުރެވޭ ތަކެތީގެ މައުލޫމާތު އެއްކުރައްވައި ބެލެހެއްޓެވުމާއި، އޮފީސް ހެލްޕަރުންނާއި، ހެލްޕަރ ލޮޖިސްޓިކްސްއާއި، ވީ.އައި.ޕީ. ޕޭންޓްރީއާއި، މުވައްޒަފުންގެ ކެފޭގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޑްރައިވަރުންގެ ޑިއުޓީ ތާވަލު ތައްޔާރުކުރެއްވުމާއި، އޮފީހުގެ އިސް ވެރިންނާއި، މުވައްޒަފުން އޮފީހުގެ ރަސްމީ ބޭނުންތަކުގައި ކުރަންޖެހޭ ދަތުރުތަކަށް ވެހިކަލް ހަމަޖައްސަވައިދެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ވެހިކަލްތަކުގެ ރޯޑްވަރދިނަސް އާކުރެއްވުމާއި، ވެހިކަލްތައް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށްޓަކައި، ހަފުތާއަކު އެއްފަހަރު ދޮވެ ސާފުކޮށް، ސަރވިސްކުރެއްވުމުގެ މަސައްކަތްވެސް އާދަމް ޙަލީމް ސުޕަވައިޒް ކުރައްވައިފައިވެއެވެ. އަދި، ދައުލަތުގެ އެކިއެކި މުއައްސަސާތަކަށާއި، ވަކިވަކި ބޭފުޅުންނަށް ރަސްމީގަޑީގައްޔާއި، ނުރަސްމީ ގަޑީގައި ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރެއްވުމުގެ މަސައްކަތްވެސް ސުޕަވައިޒް ކުރައްވައިފައިވެއެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް އަކިރި ހަދިޔާކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އަކިރި ހަދިޔާކުރުމުގެ މަސައްކަތުގައިވެސް އާދަމް ޙަލީމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
42 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އާދަމް ޙަލީމް މިހާރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.
އާދަމް ޙަލީމް ފާހަގަކުރެވިފައި ވަނީ، އިޚުލާޞްތެރިކަމާއި، ފަރުވާތެރިކަމާއި، ޝައުޤުވެރިކަމާއެކުގައި، ކަމަށްކަމޭހިއްތަވައިގެން، ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި، އޮފީހުން ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްވެސް، މަސައްކަތުގެ އަޚްލާޤު ހިފަހައްޓަވައިގެން، އެކަމެއް ނިންމަން އޮންނަ ވަގުތަށް އަހަންމިއްޔަތު ދެއްވައިގެން، ޒިންމާދާރުކަމާއެކުގައި މަސައްކަތް ކުރެއްވި، ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އާދަމް ޙަލީމަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022 ވަނަ އަހަރު އަރުވައިފައެވެ.