
ޙަސަން އާދަމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 12 އޮގަސްޓު 1967ގައި، ވަޒީރުލްއަޢުޡަމުގެ އޮފީހުގައި، އަތިރީ މާފަންނުގޭ ބޭރު މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. 2010ވަނަ އަހަރު ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ޙަސަން އާދަމް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. މި މުއްދަތުގައި އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޙަސަން އާދަމް، ޚިދުމަތްކުރައްވަމުން ގެންދެވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިމާރާތުގެ ހާލަތު ބެއްލެވުމާއި، ބޭނުންވާ މަރާމާތުތައް ދެނެގަނެ، އެ މަރާމާތުތައް ކުރެއްވުމުގައި ޢަމަލީގޮތުން އުޅުއްވައިފައި ވެއެވެ. އަދި ބަގީޗާ ބެލެހެއްޓުމުގެ އެންމެހައި ކަންކަންވެސް ކުރައްވައިފައި ވެއެވެ. މަސައްކަތުގެ މާޙައުލުގައި ޙަސަން އާދަމްވަނީ ގަވާއިދުން ވަޒީފާގެ ކުރިއެރުން ހޯއްދަވައިފައެވެ. އެގޮތުން މަސައްކަތު މީހެއްގެ ގޮތުގައި އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވިނަމަވެސް، ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެސިސްޓެންޓް އޮފިސަރ ގްރޭޑް2 ގެ މަގާމުގައެވެ. އެ މަގާމުގައި ހުންނެވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މެއިންޓެނަންސް މަސައްކަތްތައް ސުޕަވައިޒްކޮށް ރާއްވަވައި ހިންގެވުމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވައިފައި
ވެއެވެ.
ޙަސަން އާދަމް ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި، ވަގުތަށް ފަރުވާތެރި، މަސައްކަތަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދެވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ޚިދުމަތް ކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށްވުމުން، އެ އޮފީހުގެ ސިއްރުތައް ހިފަހައްޓަވައި، އެ އޮފީހަށް ދެއްވަންޖެހޭ އިޙްތިރާމު ދެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ. އަދި ޚިދުމަތުގެ މުއްދަތުގައި ޙަސަން އާދަމް އޮފީހުގެ އުސޫލަކާ ނުވަތަ ގަވާއިދަކާ ޚިލާފުވެވަޑައިގެންފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ޙަސަން އާދަމް ފާހަގަކުރެވިފައިވަނީ، މަސައްކަތް ކުރެއްވުމުގައި ގަވާއިދާއި، އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، ވެރިންގެ އިރުޝާދާ އެއްގޮތަށް އަބަދުވެސް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ޙަސަން އާދަމް، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 6 އޮކްޓޫބަރު 2010 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މެދުނުކެނޑި 35 އަހަރަށްވުރެ ގިނަދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި، ޙަސަން އާދަމަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022 ވަނަ އަހަރު ދެއްވައިފައެވެ.
ޙަސަން އާދަމް، ދެމިއޮތޮމުގެ ޢާލަމަށް ދަތުރުކުރެއްވީ 11 ޖޫން 2025 ގައެވެ. މާތްﷲ، މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން.