
ޢަލީ ޒުބައިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ހެލްތުގެ 2 ނަންބަރު ކާތިބު ކަމުގެ މަގާމުގައި 15 ޖޫން 1982 ގައެވެ. ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަލީ ޒުބައިރު މިހާރު ހުންނެވީ، މާލޭސިޓީ ކައުންސިލުގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، މާލޭ މުނިސިޕަލްޓީގެ 2 ނަންބަރު ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، މާލޭ މުނިސިޕަލްޓީގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، މާލޭ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޢަލީ ޒުބައިރު، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވި މަސައްކަތަކީ، އެކިއެކި އޮފީސްތަކަށް ފޮނުވާ ސިޓީ ލިޔުއްވުމާއި، އެ ސިޓީތައް ތަންތަނަށް ފޮނުއްވުމުގެ މަސައްކަތެވެ. އޭގެފަހުން، 1982ވަނަ އަހަރުގެ މެދުތެރޭގައި ރާއްޖޭގައި ފެތުރުނު "ޝިގެއްލާ ރޯގާ"އާ ގުޅިގެން އެ ރޯގާ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރެއްވުމަށް ސަރުކާރުން އުފެއްދެވި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ހެލްތު މިނިސްޓްރީން ވީއްލެވުމާ ގުޅިގެން، އެ މަރުކަޒުގައި ކުރަންޖެހުނު މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އެ މަރުކަޒުގައި ކުރައްވަންޖެހުނު މަސައްކަތަކީ، "ރާއްޖެތެރޭގެ މީހުން މާލެ ފޭބުމުގެ ހުއްދަ" ދިނުމުގެ މަސައްކަތެވެ.
"ޝިގެއްލާ ރޯގާ" ކޮންޓްރޯލްވެ، އެ މަރުކަޒުގެ މަސައްކަތްނިމި، 1 ސެޕްޓެންބަރު 1982 ގައި މާލޭ މުނިސިޕަލްޓީ އުފެއްދެވުމާއެކު، މާލޭ މުނިސިޕަލްޓީއަށް ވަޒީފާ ބަދަލުކުރެއްވުމުން، މާލޭ މުނިސިޕަލްޓީގައިވެސް ފުރަތަމަ ކުރެއްވީ، "ރާއްޖެތެރޭގެ މީހުން މާލެ ފޭބުމުގެ ހުއްދަ" ދިނުމުގެ މަސައްކަތެވެ. 1990ގެ ފަހުކޮޅު އެ މަސައްކަތް އުވައިލެއްވުމާ ހަމަޔަށް އެ މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެފަހުން، މާލޭ މުނިސިޕަލްޓީގައި ކުރެއްވީ، މާލޭގައި އެއްބުރިއަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދިނުމާބެހޭ މަސައްކަތެވެ. 1 ޖަނަވަރީ 1996ގައި އެ މަސައްކަތް، މާލޭ ހައުސިންގ އެންޑް ޑިވެލޮޕްމަންޓް ބޯޑުން ކުރައްވާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އެ މަސައްކަތާއެކުގައި އެ ބޯޑަށް ވަޒީފާ ބަދަލުކުރެއްވުމުން، އެ ބޯޑުގައިވެސް ކުރައްވައިފައިވަނީ، އިމާރާތް ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ މަސައްކަތެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގައްޔާއި، މާލޭ މުނިސިޕަލްޓީ އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ އިދާރާގައިވެސް އިމާރާތް ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ މަސައްކަތް ކުރައްވައިފައި ވެއެވެ. ދިގު މުއްދަތެއްގައި އެ މަސައްކަތް ކުރެއްވުމަށްފަހު، ޢަލީ ޒުބައިރު މިހާރު މާލޭސިޓީ ކައުންސިލްގައި ކުރައްވަމުން ގެންދަވަނީ، އެ އިދާރާގެ އެސެޓުތައް ބެލެހެއްޓެވުމާއި، ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ފުލެޓްތަކާއި، މިސްކިތްތައް ބެލެހެއްޓެވުމާ ގުޅޭ މަސައްކަތްތަކެވެ.