
އަޙްމަދު ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިލަދުންމަޑުލު ދެކުނުބުރީ ތޮޅެންދޫ މުދިމުކަމުގެ މަގާމުގައި 24 ޑިސެންބަރު 1967 ގައެވެ. އޭގެފަހުން، އެކިއެކި މަގާމުތަކުގައި 42 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. ފާއިތުވި ދިގު މުއްދަތުގައި، ނ. ވެލިދޫ ކުޑަކަތީބުކަމާއި، ނ. ތޮޅެންދޫ ކުޑަކަތީބުކަމާއި، ކަތީބުކަން ކުރެއްވިއެވެ. އަދި ނ. ކެނދިކުޅުދޫ ކަތީބުކަމާއި، ބޮޑުކަތީބުކަންވެސް ކުރެއްވިއެވެ. އަޙްމަދު ވަޙީދު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.
އަޙްމަދު ވަޙީދު، ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި ނ. ތޮޅެންދޫގައްޔާއި، ނ. ކެނދިކުޅުދޫގައި، އަދި ޚާއްޞަ ގޮތެއްގައި ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުގައި، އިސްވެރިއެއްގެ ހައިސިއްޔަތުން ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، ނ. ކެނދިކުޅުދޫ ޞިއްޙީ މަރުކަޒާއި، ކުޅުދޫ އަވަށުގެ އޮފީހާއި، ކުޅުދޫ އަވަށުގެ ސްކޫލާއި، ކުޅުދޫ އަވަށުގެ ބޮޑު މިސްކިތާއި، ކުޅުދޫ އަވަށުގެ ރަށްވެހިގެއާއި، ކުޅުދޫ އަވަށު ޕްރީސްކޫލް އަލަށް އިމާރާތް ކުރުމުގައި، އަދި ކުޅުދޫ އަވަށުގެ ފާލަން އަލަށް ހެދުމުގެ މަސައްކަތުގައި އަޙްމަދު ވަޙީދު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން، ކެނދިކުޅުދޫ ސޯޝަލް ސެންޓަރާއި، ކެނދިކުޅުދޫ އާ އިންޖީނުގެއާއި، ކެނދިކުޅުދޫ ސެކަންޑަރީ ސްކޫލު އަލަށް އިމާރާތްކުރުމުގެ މަސައްކަތްވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ކެނދިކުޅުދޫގެ ފަޅު ފުންކުރުމުގެ މަޝްރޫޢު ފެށުމާއި، ކުޅުދޫ އަވަށުގައި ރަށުގެ ރައްޔިތުން ދެމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރު ދޭން ފެށުމާއި، އަދި އެ އަވަށުގެ ކަރަންޓު، އެއް އިންޖީނުގެއަކުން ފޯރުކޮށްދިނުމަށްޓަކައި އަލަށް އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތަކީވެސް އަޙްމަދު ވަޙީދުގެ މޭސްތިރިކަމުގެ ދަށުން ކުރައްވައިފައިވާ މަސައްކަތްތަކެވެ.
އަޙްމަދު ވަޙީދު އަދާކުރެއްވި އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރަށްކުރިއަރުވާ ކޮމިޓީގެ ރައީސް ކަމާއި، ރަށުއޮފީހުގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި، އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުކަން ހިމެނެއެވެ. މީގެ އިތުރުން، މާލޭގައި ދެވަނަފަހަރަށް ހުޅުވައި ޚިދުމަތްދޭންފެށި ނ. އަތޮޅު އަތޮޅުފިހާރައިގެ މެނޭޖަރު ކަމާއި، ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި ޤާނޫނުއަސާސީއަށް ބަދަލުގެންނެވުމަށްޓަކައި އެއްކުރެއްވި ޚާއްޞަ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރެއްގެ ގޮތުގައިވެސް އަޙްމަދު ވަޙީދު ޚިދުމަތް ކުރައްވައިފައި ވެއެވެ.
އަޙްމަދު ވަޙީދު، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ 15 އޮގަސްޓު 2012 ގައެވެ.