އަލްފާޟިލް ޢަބްދުއްރައްޒާޤު އިސްމާޢީލް
ހަވޭލި، ވ. ފެލިދޫ

ޢަބްދުއްރައްޒާޤު އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 19 ފެބްރުއަރީ 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނުގެ ވަޒީފާއެވެ. 1 މޭ 1991 ގައި ވ. ފެލިދޫ އޮފީހުގެ ކާތިބު ކަމުގެ މަގާމަށް ބަދަލުވެ ވަޑައިގެން އެ އޮފީހުގައި ޚިދުމަތް ކުރެއްވުމަށްފަހު، އުމުރުން 55 އަހަރު ވުމުން ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައި ވެއެވެ. އޭރު 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ވ. ފެލިދޫ އޮފީހުގެ ކާތިބު ކަމުގެ މަގާމާއި، 2 ނަންބަރު ކާތިބު ކަމުގެ މަގާމާއި، ސީނިއަރ ކްލަރކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި އަދި ފެލިދެއަތޮޅު ފެލިދޫ ކައުންސިލުގެ އިދާރާގެ އެސިސްޓެންޓް ފައިނޭންސް އޮފިސަރުގެ މަގާމުވެސް އަދާކުރެއްވިއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޢަބްދުއްރައްޒާޤު އިސްމާޢީލް ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފެލިދޫ އޮފީހުގެ އިދާރީ މަސައްކަތްތަކުގެ އިތުރުން، އެ އިދާރާގެ ފައިސާއާ ބެހޭ ކަންތައްތައް ބެލެހެއްޓެވުމާއި، މުވައްޒަފުންގެ މުސާރައާބެހޭ ކަންކަން ބެލެހެއްޓެވުމާއި، ބަޖެޓް ހެއްދެވުމާއި، ބަޖެޓާބެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުން ހިމެނެއެވެ. އިދާރީގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޔައުމިއްޔާ ލިޔުއްވުމާއި، ގޯތިގެދޮރާގުޅޭ ހުރިހާ މަސައްކަތަކާއި، އާބާދީގެ ރަޖިސްޓަރީ ބެލެހެއްޓުމާގުޅޭ އެންމެހައި މަސައްކަތްތައްވެސް ހިމެނެއެވެ.

ޢަބްދުއްރައްޒާޤު އިސްމާޢީލަކީ، ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައިވެސް އެންމެ ކުރީސަފުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން، ރަށު ރައްޔިތުންގެ އިންޖީނުގޭގެ ޚިދުމަތް ފެށިގެން ދިހަވަރަކަށް އަހަރުވަންދެން، އިންޖީނުގޭގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން އިންޖީނުގޭގެ މަސައްކަތްތައް ބެލެހެއްޓެވުމުގެ އިތުރުން، އިންޖީނު މަރާމާތުކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތްވެސް ޢަބްދުއްރައްޒާޤު އިސްމާޢީލް ކުރައްވައިފައި ވެއެވެ.

ޢަބްދުއްރައްޒާޤު އިސްމާޢީލް، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ހުންނަވައިގެން ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ޢަބްދުއްރައްޒާޤު އިސްމާޢީލަކީ، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާ ގުޅިގެން، ޚިދުމަތް ހޯދުމަށް އޮފީހަށް އަންނަ އެކިއެކި މީހުންނަށް އެހީތެރިވެ އިރުޝާދު ދެއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރެއްވި، އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދެއްކެވި ނަމޫނާ ޚިދުމަތްތެރިއެއްވެސް މެއެވެ.