
އަބޫބަކުރު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 29 ޑިސެންބަރު 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކާތިބެއްގެ ވަޒީފާއެވެ. އެ ވަޒީފާގައި ކުރައްވާފައިވާ މައިގަނޑު މަސައްކަތްތަކަކީ، ބަލިމީހުން ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދެއްވުމާއި، ބަލިމީހުންގެ ރެކޯޑުތައް ބެލެހެއްޓެވުމާއި، ހޮސްޕިޓަލުގެ
އޯ.ޕީ.ޑީ.އަށް އަންނަމީހުން ރަޖިސްޓަރީކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.
އޭގެފަހުން، ކުޅުދުއްފުށީ ކޯޓުގެ ކާތިބެއްގެ ވަޒީފާގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އެ ވަޒީފާގައި ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކަކީ، ޝަރީޢަތާބެހޭ އިދާރީ ކަންކަމާއި، ކާވެންޏާއި ވަރިއާބެހޭ މަސައްކަތްތަކެވެ. އޭގެފަހުން، ހދ. އަތޮޅުއޮފީހުގެ ކާތިބެއްގެ ވަޒީފާއާއި، ހދ. ކުޅުދުއްފުށީ އޮފީހުގެ ކާތިބެއްގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. ހދ. އަތޮޅުއޮފީހާ ކުޅުދުއްފުށީ އޮފީހުގައިވެސް އަބޫބަކުރު ޙަސަން، މައިގަނޑުގޮތެއްގައި ކުރެއްވީ، ފައިސާއާ ގުޅޭ ބައެއް މަސައްކަތްތަކާއި، އިދާރީ މަސައްކަތްތަކެވެ.
އަބޫބަކުރު ޙަސަން ވަނީ، މަދަނީކޯޓުގެ ކާތިބުކަމުގެ ވަޒީފާވެސް އަދާކުރައްވައިފައެވެ. އެ ކޯޓުގައި ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތަކާއި، އަގުކޮމިޓީއާއެކުގައި އަގުކުރާ ތަންތަނަށް ވަޑައިގެން އަގުކުރުމާބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތްތަކާއި، ކޯޓުގެ ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.
9 ޑިސެންބަރު 2003 ގައި ކުޅުދުއްފުށީ ކޯޓުގެ ސީނިއަރ ކްލަރކް ކަމުގެ މަގާމަށް ބަދަލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމައަށްވެސް ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތަކާއި، ކައިވެންޏާއި ވަރިއާގުޅޭ މަސައްކަތްތައް ހިމެނެއެވެ. އަބޫބަކުރު ޙަސަން ވަނީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އެސިސްޓެންޓް ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައެވެ. އަދި މިހާރު އަދާކުރައްވަމުން ގެންދަވަނީ، އެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމެވެ.