
އިސްމާޢީލް ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތްކުރަން ފެށްޓެވީ، މަޙްކަމަތުއްޝަރުޢިއްޔާގެ ކާތިބު ކަމުގެ މަގާމުގައި 27 އޮގަސްޓު 1967 ގައެވެ. އޭގެ ފަހުން، ޕްރޮޕަޓީ ކްލެއިމްސް ޑިވިޜަންގެ ކާތިބުކަމުގެ މަގާމާއި، މެރިން ޑިވިޜަންގެ ކާތިބުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި، ފ. އަތޮޅު އަތޮޅުކޯޓުގެ ކާތިބުކަމުގެ މަގާމާއި، ފ. އަތޮޅު އަތޮޅުއޮފީހުގެ ކާތިބުކަމުގެ މަގާމާއި، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކާތިބުކަމުގެ މަގާމާއި، ސީނިއަރ ކްލާރކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، އެޑްމިން އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
މާލޭގައި ވަޒީފާ އަދާކުރެއްވި 3 އަހަރެއްހައި ދުވަހުގެ ތެރެއިން ގާތްގަނޑަކަށް ދޮޅު އަހަރެއްހައި ދުވަސް ހޭދަކުރެއްވީ، ރާއްޖެތެރޭގެ ޝަރުޢީ ވަފުދުތަކުގައެވެ. މިގޮތުން، ތިލަދުންމަތިން ފެށިގެން ހައްދުންމައްޗާ ދެމެދުގެ ހުރިހާ އަތޮޅެއްގައި ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އެއީ، ހުކުރު ވާޖިބުވާ 50 މީހުން ނެތް ރަށްރަށުން މީހުން ބަދަލުކުރުމުގެ ޝަރުޢީ ވަފުދުތަކުގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ ކްލެއިމްސް ޑިވިޜަންގެ ޤާޟީގެ މަގާމުގައި އޭރު ހުންނެވި، އައްޝައިޚް އަލްމަރްޙޫމް ޢަބްދުﷲ ޒުހުރީގެ އަރިހުގައެވެ.
އިސްމާޢީލް ޙުސައިން، ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، ރަށުން ބޭރުގައި، ފ. އަތޮޅު ކޯޓުގައްޔާއި، ފ. އަތޮޅު އޮފީހުގައި 14 އަހަރެއްހައި ދުވަހު ޚިދުމަތް ކުރެއްވިއެވެ. އަތޮޅު ކޯޓުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ޤާޟީންގެ މަޝްވަރާއާއެކުގައި، އަމިއްލަފުޅަށް އެކުލަވައިލައްވައިގެން ލިޔުއްވުމާއި، މަޙްޟަރު ބަޔާން ނެންގެވުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަތޮޅުއޮފީހުގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ފައިސާއާބެހޭ މަސައްކަތްތަކެވެ. އެއީ، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ޚަރަދު ތަފުސީލު ރިޕޯޓު ތައްޔާރުކުރުންފަދަ މަސައްކަތްތަކެވެ. އަތޮޅުއޮފީހުގައި މަސައްކަތްކުރެއްވި ދުވަސްވަރު، 1982ވަނަ އަހަރުގެ ފަހުކޮޅު އއ. ފެރިދޫގައި ހިންގި ދަނޑުވެރި ކަމާބެހޭ ކޯހެއްގައި ބައިވެރިވެވަޑައިގެން، އެ ކޯސް ފުރިހަމަ ކުރައްވައިފައި ވެއެވެ.
އިސްމާޢީލް ޙުސައިނަކީ ފަރުވާތެރިކަމާއެކުގައި، ރީތިކޮށް އަތުން ލިޔުއްވައި، ރައްކާތެރިކަމާއެކުގައި، ލިޔުންތައް ބެލެހެއްޓެވި، މުވައްޒަފުންނާ ގުޅިގެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހެއެވެ. އިސްމާޢީލް ޙުސައިން ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހުގައެވެ.