
މުޞްޠަފާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 އެޕްރީލް 1979 ގައެވެ. އެއީ، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ 2 ނަންބަރު ކާތިބުގެ ވަޒީފާއިންނެވެ. އޭރު މައިގަނޑުގޮތެއްގައި ކުރެއްވީ، އިދާރީ މަސައްކަތްތަކެވެ.
މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއަށް މުޞްޠަފާ މުޙައްމަދު ބަދަލުކުރެއްވީ، 6 އެޕްރީލް 1980 ގައެވެ. މުޞްޠަފާ މުޙައްމަދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ކާތިބު ކަމާއި، ކްލެރިކަލް އެސިސްޓެންޓް ކަމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ކޯޑިނޭޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ.
މުޞްޠަފާ މުޙައްމަދު ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހާގުޅޭ ބައެއް މަސައްކަތްތަކާއި، ޕްރެޒިޑެންޝަލް އެޑްރެސް ލިޔުއްވުމުގެ މަސައްކަތް ހިމެނެއެވެ. އެދުވަސްވަރު، ޕްރެޒިޑެންޝަލް އެޑްރެސްގެ ލިޔުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވާ އަސްލުގެ އިތުރުން، އޮފީހުގައި ބާއްވާ ނަކަލުވެސް ލިޔަންޖެހެނީ އަތުންކަމަށް ވުމާއެކު، އެ މަސައްކަތަކީ ވަރަށް ފަރުވާތެރި ކަމާއެކުގައި ކުރައްވައިފައިވާ މަސައްކަތެއްކަން ފާހަގަކޮށްލަންޖެހެއެވެ.
މުޞްޠަފާ މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަފާތު ސެކްޝަންތަކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެއް ތަނަކީ، ޕްރެޒިޑެންޝަލް އެންޑް ޕްރޮޓޮކޯލް ޑިވިޜަނެވެ. އެތާނގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަތުމާއި، ދަތުރުފުޅުތަކުގެ ރިޕޯޓު ލިޔުއްވުން ހިމެނެއެވެ. އަދި، ބައެއް މުނާސަބަތުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚިޠާބުތައް ޑްރާފްޓްކުރެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ ރަސްމީގޮތުން ކުރައްވާ ކަންތައްތަކުގެ ކަލަންޑަރު ބެލެހެއްޓެވުމާއި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ އެކިއެކި ޖަލްސާތަކާއި، ޙަފުލާތަކާއި، ރަސްމިއްޔާތުތަކުގައި އިށީނދެވަޑައިގަތުމުގެ ތަރުތީބާއި ޕުރޮގުރާމު، އިސްކޮށްތިއްބަވާ ބޭފުޅުންގެ ލަފާގެމަތިން ހަމަޖެއްސެވުން ހިމެނެއެވެ.
މީގެއިތުރަށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެކިއެކި ފަރާތްތަކަށް ފޮނުއްވަންޖެހޭ ޝުކުރުގެ ސިޓީ ފޮނުއްވުމާއި، ސަރުކާރުގެ އޮފީސް އޮފީހުންނާއި، އަމިއްލަ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުވާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތަކާއި، ސަރުކާރުގެ އޮފީސް އޮފީހުން ކުރައްވާ މުހިންމު ކަންތައްތަކުގެ މައުލޫމާތު އެއްކުރައްވައި، ބެލެހެއްޓެވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސަރުކާރުގެ އޮފީސްއޮފީހުން ފޮނުއްވާ އަހަރު ރިޕޯޓުތައް ބެލެހެއްޓެވުމުގެ މަސައްކަތް މުޞްޠަފާ މުޙައްމަދު ކުރައްވައިފައިވެއެވެ. އަދި، ވަކި ވަގުތަކަށް ނިންމަންޖެހޭ މުހިންމު ލިޔުންތައް އަވަހަށް ނިންމުމަށްޓަކައި، ޓައިޕިންގގެ ހުނަރު ދަސްކުރައްވައިގެން، އެކިއެކި ބަޔާންތަކާއި ޚާއްޞަ ބައެއް ލިޔުންތައް ޓައިޕްކުރުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
މުޞްޠަފާ މުޙައްމަދު، މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްޓަކައި 31 ޖަނަވަރީ 2007 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، [ބެޗްލަރ އޮފް އާޓްސް-ދިވެހި ލޭންގްވިޖް] ޑިގްރީ ހާސިލުކުރައްވައި، އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއާ ގުޅިވަޑައިގަތީ، 14 ފެބުރުވަރީ 2010 ގައެވެ. އެހައި ހިސާބުން ފެށިގެން އޮފީހުގެ ކޯޕަރޭޓް ސަރވިސް އޮފީހުގެ އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ހިންގެވުމުގެ ޒިންމާ އަދާކުރައްވަނީ މުޞްޠަފާ މުޙައްމަދެވެ. މިގޮތުން، ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން އެކަމާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދުވަހު ޔައުމިއްޔާއާބެހޭ މަސައްކަތާއި، އަހަރު ރިޕޯޓް އެކުލަވައިލެއްވުމާބެހޭ މަސައްކަތް ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ފާއިތުވެދިޔަ ރިޔާސީ ދެ ދައުރުގައި އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ އިދާރީ ކަންކަން އޮފީހާ ގުޅިގެން ހަމަޖެއްސެވުމުގައި މުހިންމު ދައުރެއް، މުޞްޠަފާ އަދާކުރައްވައިފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން، އޮފީހުގެ ގަވާއިދުތަކަށާއި، އުސޫލުތަކަށް އަހުލުވެރި ކުރުވުމުގެގޮތުން ހިންގޭ އޮރިއެންޓޭޝަން ޕުރޮގުރާމު ފެސިލިޓޭޓް ކުރެއްވުމުގައި މުޞްޠަފާ މުޙައްމަދުގެ ދައުރު ވަރަށް ބޮޑެވެ. އަދި، ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުމާގުޅޭ ތަމްރީނު ސެޝަންތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނަށް ނަންގަވައި ދެއްވައި، ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކަށްވެސް ދިވެހިބަހާބެހޭ ތަފާތު ތަމްރީނު ޕުރޮގުރާމުތަކާއި، ޓައިޕްކުރުމުގެ ހަމަތަކާގުޅޭ ތަފާތު ކޯސްތައް ހިންގަވައި ދެއްވައެވެ.
މުޞްޠަފާ މުޙައްމަދަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމު ކުރައްވާ ޚާއްޞަ ކޮންމެ ކަމެއްގައި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން، ކަނޑައެޅިފައިވާ ވަގުތަށް ރާވައި ހިންގެވުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ އިޖުތިމާޢީ ރޫޙު އާލާކުރުމުގެ ގޮތުން މުވައްޒަފުންގެ އިޖުތިމާޢީ ކުލަބު އުފެއްދެވުމުގައްޔާއި، ކުލަބުގެ ފަރާތުން ބާއްވާ އެކިއެކި ޙަރަކާތްތަކުގައި ޢަމަލީގޮތުން މުޞްޠަފާ ބައިވެރިވެވަޑައިގެންފައި ވެއެވެ. ކޮވިޑް19-އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިދާރީ ކަންކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވުމުގައި، އޮފީހުގެ އިސް ބޭފުޅުންގެ ލަފާފުޅުގެ ދަށުން، ކަންކަން އޮމާންކޮށް ކުރައްވަމުން ގެންދެވުމުގައިވެސް މުޞްޠަފާ މުޙައްމަދު އިސް ދައުރެއް އަދާކުރެއްވިއެވެ.
މުޞްޠަފާ މުޙައްމަދު އިދާރީ މަސައްކަތްކުރެއްވި ކޮމިޓީތަކުގެ ތެރޭގައި، "މިނިވަން ދިވެހިރާއްޖެ-ސާފު ދިވެހިރާއްޖެ" މަޝްރޫޢާގުޅޭ ވަޒީރުންގެ ކޮމިޓީއާއި، ސަރުކާރު އޮފީސްތައް ހިނގާނުހިނގާގޮތް ބައްލަވާ ކޮމިޓީ ހިމެނެއެވެ. މުޞްޠަފާ މުޙައްމަދަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިންފޮރމޭޝަން ރިވިއު (މުރާޖާ) ކޮމިޓީގެ މެންބަރެކެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ދައުލަތުގެ ލިޔުންތައް މުރާޖާކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައިވެއެވެ.
މުޞްޠަފާ މުޙައްމަދު ފާހަގަކުރެވިފައިވަނީ، ކަމަށްކަމޭހިއްތަވައިގެން، އިޚުލާޞްތެރިކަމާއި، ފަރުވާތެރިކަމާ އެކުގައި، ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި، ކަންކަން ކުރަންވީގޮތުގެ މަގުދައްކަވައިދެއްވައިގެން މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް ރީތި އަދަބުތައް ދަސްކޮށްދެއްވައި، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް، ޝައުޤުވެރިކަމާއި، ޒިންމާދާރުކަމާ އެކުގައި ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.
ރަސްމީ ލިޔުންތައް ލިޔުމުގައި މިހާރު ބޭނުންކުރަމުން ގެންދާ އާންމު އެއް ފޮންޓު ކަމުގައިވާ [ފަރުމާ] ފޮންޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އައި.ޓީ.އާ ބެހޭ ބައިން، އަޙްމަދު ޢާޞިފް އިސްކޮށް ހުންނަވައިގެން އުފެއްދެވުމުގައި، އޮފީހުގައި ތިއްބެވި އަތުލިޔުން ރީތި ބައެއް މުވައްޒަފުންގެ އަކުރުތަކުގެ ބައްޓަމަށް ބައްލަވައިގެން، ލޮލަށް ރީތިވާގޮތަށް، އަކުރުތައް ބައްޓަންކުރައްވައި، ފަރުމާކުރެއްވުމުގައި މުޞްޠަފާ މުޙައްމަދު އަދާކުރެއްވި ދައުރު ފާހަގަކޮށްލަންޖެހެއެވެ. އަދި މިއީ މުއައްސަސާގެ ކުރިއެރުމަށްޓަކައި ކުރެއްވި ޚާއްޞަ މަސައްކަތެއްގެ ގޮތުގައިވެސް ފާހަގަކޮށްލަންޖެހެއެވެ.
މުޞްޠަފާ މުޙައްމަދު، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 42 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި މިހާރު ހުންނެވީ، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މުޞްޠަފާ މުޙައްމަދަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022ވަނަ އަހަރު އަރުވައިފައެވެ.