އަލްފާޟިލާ އާސިޔާ ނާޒްލީ
މއ. ޑޭލައިޓްވިލާ

އާސިޔާ ނާޒްލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ގަވަރންމަންޓް ހޮސްޕިޓަލްގައި، ނަރސް އެއިޑެއްގެ މަގާމުންނެވެ. އެއީ، 16 ނޮވެންބަރު 1976 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ގަވަރންމަންޓް ހޮސްޕިޓަލްގެ ސީނިއަރ ނަރސް އެއިޑްގެ މަގާމާއި، ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސްގެ މަގާމާއި، އޮގްޒިލަރީ ނަރސް މިޑްވައިފްގެ މަގާމާއި، އެސިސްޓެންޓް ނަރސް މިޑްވައިފްގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. އާސިޔާ ނާޒްލީ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އައި.ޖީ.އެމް.އެޗް.ގެ
އެންރޯލްޑް ނަރސްގެ މަގާމުގައެވެ.

ސެންޓްރަލް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރެއްވިއިރު، ވިއްސާ ކޮޓަރި އަދި އައި.ސީ.ޔޫ.ގެ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތްތަކުގައި، އާސިޔާ ނާޒްލީ ވަރަށް ހީވާގިކަމާއެކުގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. ސެންޓްރަލް ހޮސްޕިޓަލަށާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ލޭބަރ ރޫމަށް ގެންނަ ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލިމީހުންގެ ޖިސްމާނީ، އަދި ނަފްސާނީ ހާލަތަށް ރިޢާޔަތްކުރައްވައިގެން ޚިދުމަތް ކުރެއްވުމުގައި، އެކި މީހުންނަށް ބޭނުންވާނެ ކަންތައްތައް ބައްލަވައި، އޮންނަ އެންމެ ރަނގަޅު ގޮތަކަށް ކަންކަން ހަމަޖައްސައިދެއްވުމަށާއި، އެހެން ނަރުހުންނަށް މި ކަންކަން ދަސްކޮށްދެއްވުމުގައިވެސް އާސިޔާ ނާޒްލީ އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސެޓްފިކެޓް ލެވެލްގެ ނަރުހުންނަށް ހިންގި މިޑްވައިފްރީ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، ސެންޓްރަލް ހޮސްޕިޓަލާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ލޭބަރ ރޫމްގައި ޚިދުމަތް ކުރެއްވިއިރު، ގިނަ އަދަދެއްގެ މާބަނޑުމީހުން ވިއްސައި، އަދި އެ ތަންތަނުގައި އުފަންވާ ކުދިންގެ ތަފާސް ހިސާބުތައް ބެލެހެއްޓެވުމުގައިވެސް އާސިޔާ ނާޒްލީ ވަރަށް މުހިންމު ޒިންމާއެއް އަދާކުރައްވައިފައި ވެއެވެ. އެގޮތުން، ސެންޓްރަލް ހޮސްޕިޓަލާއި، އައި.ޖީ.އެމް.އެޗް.ގެ ލޭބަރ ރޫމާ އަލަށް ގުޅޭ ނަރސް އެއިޑުންނަށާއި، ލޭބަރ ރޫމަށް ތަޖުރިބާ ހޯދުމަށް އަންނަ ކިޔަވާ ކުދިންނަށާއި، އަތޮޅުތެރެއިން ތަޖުރިބާ ހޯދަން ފޮނުވާ ނަރުހުންނަށް އެތަނުގެ މަސައްކަތް ދަސްކޮށްދެއްވައި، މި ދާއިރާއިން މީހުން ތަމްރީނު ކުރެއްވުމުގައި، އާސިޔާ ނާޒްލީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން ފުރަތަމަ ގާއިމުކުރެއްވި ދެ ރީޖަނަލް ހޮސްޕިޓަލް ކަމުގައިވާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހުޅުވުމަށްޓަކައި ސެޓްއަޕް ހެދުމުގައި އާސިޔާ ނާޒްލީ ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ނަރުހުންނަށް ތަމްރީނުދެއްވައި، ވޯޑްތަކުގެ އިންވެންޓްރީ އަދި ބޭނުންކުރާ ސެޓްތަކުގައި ހުންނަންވާނެ އިންސްޓްރޫމަންޓްތައް ލިސްޓުކުރައްވައި، ތަނުގެ ޕްރޮޓޮކޯލްތައް ހެއްދެވުމުގައި ލަފަޔާއި، އިރުޝާދު ދެއްވައިފައި ވެއެވެ.

މީގެ އިތުރުން، 1988ވަނަ އަހަރުގެ ނޮވެންބަރު 3ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގެ ތެރޭގައި، ޒަޚަމްވި މީހުންނަށް ފަރުވާ ދެއްވުމަށްޓަކައި ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އޭރުގެ ސަރުކާރުން ޝަރަފުގެ ހަނދާނީ ލިޔުންވެސް އާސިޔާ ނާޒްލީއަށް ދެއްވައިފައި ވެއެވެ.

އާސިޔާ ނާޒްލީ، ފާހަގަކުރެވިފައި ވަނީ، ފަރުވާތެރިކަމާއެކުގައި މަސައްކަތަށް އިސްކަންދެއްވައިގެން ޚިދުމަތް ކުރެއްވި އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި، އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، ހަވާލުކުރެވުނު ކޮންމެ ޒިންމާއެއްވެސް ފަރުވާތެރިކަމާއެކުގައި ފުރިހަމައަށް އަދާކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.

އާސިޔާ ނާޒްލީ ދައުލަތަށް 42 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 10 އޮކްޓޫބަރު 2019 ގައެވެ.