
ޝަކީބާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އިސްކަންދަރު ސްކޫލްގެ ބަޖެޓު ބަލަހައްޓާ ކާތިބާއެއްގެ މަގާމުގައި، 29 ޖަނަވަރީ 1981 ގައެވެ. 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ 2 ނަންބަރު ކާތިބާކަމުގެ މަގާމާއި، ސަދަން ރީޖަނަލް އޮފީހުގެ ކާތިބާކަމުގެ މަގާމާއި، ސީނިއަރ ކްލާކުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެކިއެކި މަގާމުތައް އަދާކުރައްވައިފައި ވެއެވެ. އެ މަގާމުތަކުގެ ތެރޭގައި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން، ސ. މަރަދޫފޭދޫ އޮފީހާއި، އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގައިވެސް އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ތަފާތު އެކިއެކި އިދާރާތަކުގެ ނަމުގައި ވަޒީފާ އަދާކުރެއްވިނަމަވެސް، އޭ.ޑީ.އޭ.ގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވުމަށްފަހު، ޝަކީބާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ، ގަން ބަލަހައްޓާ ޔުނިޓުގައެވެ.
އޭ.ޑީ.އޭ.ގައި ޝަކީބާ އަޙްމަދު އަދާކުރެއްވި މަގާމުތަކުގެ މަސްއޫލިއްޔަތުގެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މުސާރަ ދިނުމަށް ބޭނުންވާ އެކިއެކި ރިޕޯޓުތައް ތައްޔާރުކުރައްވައި ފޮނުއްވުމާއި، ގަމުން ކުއްޔަށް ދޫކުރެވޭ އިމާރާތްތަކުގެ ދަފުތަރު ބެލެހެއްޓެވުމާއި، ކުއްޔަށް ދޫކުރާ އިމާރާތްތަކުގެ އެއްބަސްވުންތައް ތައްޔާރު ކުރެއްވުމާއި، އޮފީހުގެ އިންވެންޓްރީ ބެލެހެއްޓެވުމާއި، ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓެވުމާއި، ދުވަހުންދުވަހަށް ޔައުމިއްޔާ ލިޔުއްވައި ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ.
މަރަދޫފޭދޫ އަވަށު އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، އެ އޮފީހުގައިވެސް ސްޓޮކްގެ އިންވެންޓްރީ ބެލެހެއްޓެވުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދު ކުރުމާގުޅޭ އިންތިޒާމުތައް ހަމަޖެއްސެވުމުގެ މަސައްކަތާއި، ޕެރޯލްގެ ދަށުން ދޫކޮށްފައި ތިބޭ ކުށްވެރިންގެ މައުލޫމާތު އެއްކުރައްވައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމުގެ މަސައްކަތާއި، ޤުދުރަތީ ކާރިސާތަކާ ގުޅިގެން، ލިބޭ ގެއްލުންތަކާ ގުޅޭ ރިޕޯޓުތައް އެކުލަވައިލައްވައި ފޮނުއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
ޝަކީބާ އަޙްމަދު، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އޮފީހުގައި ހަދައިފައިވާ އުސޫލަކާ ނުވަތަ ގަވާއިދަކާ ޚިލާފުވެވަޑައިގެންފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ޝަކީބާ އަޙްމަދު ފާހަގަކުރެވިފައިވަނީ، ހާޒިރީ ރަނގަޅު އަދި މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާއެކުގައި ޚިދުމަތްކުރެއްވި ހަމައެހެންމެ، ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމައަށް ނިންމަވައި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.
ޝަކީބާ އަޙްމަދަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 29 ޖަނަވަރީ 2001 ގައެވެ. ޝަކީބާ އަޙްމަދު ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 ޖަނަވަރީ 2024ގައެވެ.