އަލްފާޟިލާ ފަހީމާ ޙަސަން
މ. އާރޯ

ފަހީމާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 12 ޖަނަވަރީ 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕްރިޒަންސް ޑިވިޜަންގެ 2 ނަންބަރު ކާތިބާއެއްގެ ވަޒީފާއެވެ. އޭގެ ފަހުން، ޕްރިޒަންސް ޑިވިޜަންގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޕްރިޒަންސް ޑިވިޜަންގައި، ފަހީމާ ޙަސަން ކުރެއްވި މައިގަނޑު މަސައްކަތަކީ، ކޯޓުތަކުން ޙުކުމް ކުރައްވާ މީހުންގެ ޙުކުމް ތަންފީޒު ކުރުމަށް ޕްރިޒަންސް ޑިވިޜަނަށް ފޮނުއްވާ މީހުންނާ ގުޅޭގޮތުން އިދާރީ ގޮތުން ކުރައްވަން ޖެހުނު މަސައްކަތެވެ.

ފަހީމާ ޙަސަން 26 ޑިސެންބަރު 1995 ގައި، މާލޭ މުނިސިޕަލްޓީގެ ޚިދުމަތާ ގުޅިވަޑައިގަތެވެ. ފަހީމާ ޙަސަން މާލޭ މުނިސިޕަލްޓީގައްޔާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައްޔާއި، މާލޭ ސިޓީ ކައުންސިލް އިދާރާގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. ފަހީމާ ޙަސަން މިހާރު ހުންނެވީ، މާލޭ ސިޓީ ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރުގެ މަގާމުގައެވެ.

1995 ގައި މާލޭ މުނިސިޕަލްޓީގައި ޚިދުމަތް ފެށްޓެވިފަހުން އެކި އޮފީސް އޮފީހުގެ ނަންނަމުގައި މަގާމު އޮތްކަމުގައިވިޔަސް، ފަހީމާ ޙަސަން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އެ އިދާރާގެ އާންމު ޚިދުމަތްތަކާ ބެހޭބައިގައެވެ. އެބައިގައި ކުރައްވާ މައިގަނޑު މަސައްކަތަކީ، ސެކްޝަނުގެ އެކިކަންކަން ބެލެހެއްޓެވުމެވެ. އޭގެތެރޭގައި، މުވައްޒަފުންގެ މައްސަލަތައް ބެއްލެވުމާއި، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމާއި، ސެކްޝަނުގެ ހުރިހާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅުންހުރި ހުރިހާ ކަމެއް ކުރެއްވުމާއި ބެލެހެއްޓެވުން ހިމެނެއެވެ.

ފަހީމާ ޙަސަން، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ފާހަގަކުރެވިފައިވަނީ، ހާޒިރީއަށް ފަރުވާތެރި، ވަޒީފާ އަދާކުރުމުގައި، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި، އެއްވެސް މައްސަލައެއްގައި ފިޔަވަޅެއް އަޅުއްވައިފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.