
ޢާއިޝަތު އަރޫޝާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގައި 2 ނަންބަރު ކާތިބާގެ މަގާމުގައެވެ. އޭގެފަހުން 23 ޖަނަވަރީ 1984 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަޒީފާއާ ގުޅިވަޑައިގެން، އެ މިނިސްޓްރީގެ ކްލާކް ޓައިޕިސްޓްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ. 43 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢާއިޝަތު އަރޫޝާ މިހާރު އަދާކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޢާއިޝަތު އަރޫޝާ، މަގާމުގެ ހައިސިއްޔަތުން ފުރަމަތަ ކުރެއްވީ، ދިވެހި ސަރުކާރުގެ ޚަރަދުގައި، މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނާ ގުޅޭ މަސައްކަތްތަކާއި، މިނިސްޓްރީގެ ފަރާތުން ވަރކްޝޮޕް ތަކާއި، ސެމިނަރ ތަކާއި، ޓްރެއިނިންގ ތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ހެދުމާއި، ވިސާ ހޯއްދަވައިދެއްވުމާއި، ޓިކެޓް ހަމަޖެއްސެވުމާއި، ފައިސާ ހޯދުންފަދަ ކަންކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓެވުމުގެ މަސައްކަތެވެ. މީގެއިތުރުން، އެކިއެކި ދަޢުވަތުތަކަށް ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާ ބޭފުޅުންގެ ދަތުރުގެ އިންތިޒާމުތައް ހަމަޖައްސަވައި، ލިޔެކިޔުންތައް ތައްޔާރު ކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އަދި، މިނިސްޓަރާއި އެހެނިހެން ޢިއްޒަތްތެރިން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކާއި، ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންނަށް އިސްތިޤްބާލުކުރުމުގެ ގޮތުންނާއި ފުރާވަޑައިގެންނެވުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް އަރޫޝާ ކުރައްވައިފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރަށް ފޮނުއްވާ ދަރިވަރުން ފޮނުވުމާއި އެ ދަރިވަރުން ރާއްޖެއިން ބޭރުގައި ތިބޭއިރު، ހަމަޖައްސަވަންޖެހޭ އެންމެހައި ކަންކަންވެސް ހަމަޖައްސަވައި ބަލަހައްޓަވައިފައި ވެއެވެ.
ޢާއިޝަތު އަރޫޝާ، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޮލަރޝިޕާބެހޭ ބައިގައެވެ. އެ ސެކްޝަންގައި މެދުނުކެނޑި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. ޢާއިޝަތު އަރޫޝާ އެ މިނިސްޓްރީގެ ވަޒީފާއާ ބެހޭ ބައިގައިވެސް މަސައްކަތް ކުރެއްވިއެވެ. އެގޮތުން މުވައްޒަފުންގެ ވަޒީފާއާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓެވުމާއި، ވަޒީފާގެ ކުރިއެރުމާގުޅޭ ލިޔެކިޔުން ތައްޔާރުކުރައްވައި، ކަމާގުޅޭ ފަރާތްތަކަށް ފޮނުއްވުމާއި، މުވައްޒަފުންގެ ޕާސަނަލް ފައިލް އަދާހަމަކުރުމުގެ މަސައްކަތް ކުރެއްވިއެވެ. އޭގެފަހުން، ސްކޫލު އެޑްމިނިސްޓްރޭޝަން ޑިވިޜަންގައިވެސް މަސައްކަތް ކުރެއްވިއެވެ. އެގޮތުން، ޕްރޮވިންސްތަކުގައި ޤާއިމު ކުރެވިފައިވާ ޔުނިޓްތަކުގެ އިސްވެރިންނާ ގުޅޭ ކަންކަމާއި، ޕްރޮވިންސްތަކާ ގުޅިގެން ކުރާ އިދާރީ މަސައްކަތްތަކާއި، އެ ޑިވިޜަނުގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރު ކުރެއްވުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރެއްވުމާއި، އިތުރުގަޑީގެ ކަންކަން ބެލެހެއްޓެވުމާއި، އެޕްރައިޒަލް ކޮމްޕައިލް ކުރުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އަދި ޑިވިޜަނާ ހަވާލުވެ ހުންނަވާ ސްޓޭޓް މިނިސްޓަރުގެ މަސައްކަތްވެސް ބަލަހައްޓަވައިފައި ވެއެވެ.
ޢާއިޝަތު އަރޫޝާއަކީ، އޮފީހުން ހިންގާ އެކިއެކި ހަރަކާތް ތަކުގައި ބައިވެރިވެވަޑައިގެން، އެކުވެރި މާހައުލެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ އަދި އެވަގުތަކު ތިއްބަވާ އިސްވެރިންގެ ލަފަޔާއެކުގައި ވަގުތުންވަގުތަށް ކަންކަން ނިންމަވައި، ނަތީޖާ ނެރެދެއްވުމަށް ހިތްވަރާއެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ޢާއިޝަތު އަރޫޝާގެ ޚިދުމަތުގެ މި ދިގު މުއްދަތުގައި އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
28 ޑިސެންބަރ 2010 އިން ފެށިގެން، ޢާއިޝަތު އަރޫޝާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލު އެޑްމިނިސްޓްރޭޝަން ޑިވިޜަންގައެވެ.