
އަރިއަތޮޅު މާމިގިލީ ބުރުމާ އިބްރާހީމާއި، އަރިއަތޮޅު ދިއްދޫ ފޫޅުމާގޭ ޤަމަރުއްނިސާ (ކަނބުލޮ)އަށް ލިބިވަޑައިގެންނެވި ޤާސިމް އިބްރާހީމް، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 1950ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 10ވަނަ ދުވަހު، އަރިއަތޮޅު ދިއްދޫގައެވެ.
ޤާސިމް އިބްރާހީމް، އެ މަނިކުފާނުގެ ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ، އަރިއަތޮޅު މާމިގިލީގައެވެ. ޤާސިމް އިބްރާހީމްގެ މަންމަ ނިޔާވީ، އެ މަނިކުފާނުގެ އުމުރުފުޅުން މަހަކާއި 9 ދުވަހުގައެވެ. އެއަށްފަހު، ޤާސިމް ބޮޑުފުޅުވަމުން އައީ، މާމަގެ ބެލެހެއްޓެވުމުގެ ދަށުންނެވެ. އެގޮތުން، އުމުރުފުޅުން 10 އަހަރާ ހަމައަށް މާމިގިލީގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއަށްފަހު، ފަޅުރަށެއް ކަމަށްވާ ދ. އަތޮޅު މާދެލީގައި 4 އަހަރެއްހާ ދުވަހު ދިރިއުޅުއްވުމަށްފަހު، އުމުރުފުޅުން 14 އަހަރުގައި ކިޔަވައި ވިދާޅުވުމަށް މާލެއަށް ވަޑައިގެން، ތަޢުލީމު އުނގެނުމަށް ކުރެއްވި މަސައްކަތުން، ރާއްޖޭގައި އެދުވަސްވަރު ކިޔަވައިގެން ލިބޭ އެންމެ މަތީ ސަނަދު ކަމަށްވާ ސެކްރެޓެރީ ކަމުގެ ސަނަދު ނެންގެވިއެވެ.
ޤާސިމް އިބްރާހީމް، އެންމެ ފުރަތަމަ ދައުލަތަށް ޚިދުމަތް ކުރެއްވީ، ގަވަރންމަންޓް ހޮސްޕިޓަލްގައި، ކާތިބެއްގެ މަގާމުގައެވެ. އޭރު ކުރެއްވީ، ހޮސްޕިޓަލްގެ ބަޖެޓް ބެލެހެއްޓެވުމުގެ މަސައްކަތެވެ. ހޮސްޕިޓަލްގެ ވަޒީފާ އަދާކުރައްވަމުން، ލިބިވަޑައިގަންނަވާ ހުސްވަގުތުތަކުގައި އާމްދަނީ ހޯއްދެވުމަށް ތަފާތު އެހެން މަސައްކަތްތައް ކުރައްވަން ފެށްޓެވިއެވެ. ފުރާވަރު އުމުރުފުޅުގައި މީހުންނަށް ނޯކިރީ ކޮށްދެއްވަން ފަށްޓަވައި، ކުރައްވާ ކޮންމެ ކަމެއް އޭރުވެސް ވީހާވެސް ރަނގަޅަކަށް ކުރައްވައި، އެކަމުގެ ރަނގަޅު ނަތީޖާ ނެރުއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ޤާސިމް އިބްރާހީމް ފާހަގަކުރެވުނެވެ.
ޤާސިމް އިބްރާހީމް އަބަދުވެސް މަސައްކަތް ކުރައްވަނީ، ކުރައްވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ވަޑައިގަތުމަށެވެ. މުރާލިކަމާއި، ތޫނުފިލިކަމުގެ ސަބަބުން، ކަންކަމުގައި އަބަދުވެސް ދުރަށް ވިސްނައިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ޤާސިމް އިބްރާހީމް ފާހަގަވެފައި ވެއެވެ. އުމުރުފުޅުން 26 އަހަރުގައި އަމިއްލަފުޅު ގޯތި، ބޭންކުގައި މޯގޭޖް ކުރައްވައި، -/15,000 (ފަނަރަހާސް) ރުފިޔާގެ ލޯނެއް ނަންގަވައިގެން، ތ. އަތޮޅުފިހާރައިގެ ހުޅަނގު ބައިގައި 1976ވަނަ އަހަރުގެ ތެރޭގައި، ޤާސިމްގެ ވިޔަފާރީގެ ބިންގާ އެޅުއްވިއެވެ. އެހިސާބުން ފެށިގެން ފަސްޖެހިވަޑައިގަތުމެއްނެތި، ވިޔަފާރީގައި ކުރިއަށް ވަޑައިގެންނެވީއެވެ.
އޭގެފަހުން، ރާއްޖޭގެ ޝިޕިންގ ދާއިރާއިން ޤާސިމްގެ ވިލާ ކުންފުނި ފެނިގެންދިޔައެވެ. ވިލާ ޝިޕިންގގެ ބޯޓުފަހަރުން އެންމެ ފުރަތަމަ ރާއްޖެއަށް ތެޔޮ އެތެރެކުރަން ފެށީ، ސްރީލަންކާއިންނެވެ. އޭގެފަހުން ސިންގަޕޫރުންނެވެ. ސިންގަޕޫރު މަގުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ފެށީ، ސްރީލަންކާގައި އޭރު ހިނގަމުންދިޔަ ދާޚިލީ ހަނގުރާމައާ ގުޅިގެން ދަތިތަކެއް ކުރިމަތިވުމާއި، ސްރީލަންކާއަށްވުރެ އަގުހެޔޮކޮށް ސިންގަޕޫރުން ތެޔޮ ގަންނަން ލިބުމާ ގުޅިގެންނެވެ. ތެޔޮ އުފުލާ ބޯޓުފަހަރުގެ އިތުރުން، ވިލާ ކުންފުނީގެ ވިޔަފާރިތަކަށް މުދާ އުފުލާނެ ކާގޯ ބޯޓުފަހަރު ހޯއްދެވުމުގެ މަސައްކަތްވެސް ފެށްޓެވިއެވެ. ޤާސިމްގެ ވިސްނުންފުޅަކީ، ތެޔޮ ޓޭންކަރާއި، އާގުބޯޓުފަހަރު ބައްލަވައިގަނެގެން، އަމިއްލަފުޅު ވިޔަފާރިތަކަށް އެކަނި ޚާއްޞަ ކުރެއްވުމަށެވެ. ވިޔަފާރީގައި އަބަދުވެސް ޤާސިމް ގެންގުޅުއްވާ ވިސްނުންފުޅަކީ، މީހުންގެ ބޭނުންތަކާ އެއްގޮތަށް ބޭނުންވާ އެއްޗެހި ދެނެގަތުމަށްފަހު، އެކަމެއް ފަށްޓަވައިގެން ޑިމާންޑެއް އުފެއްދެވުމުގެ ވިސްނުންފުޅެވެ.
1986ވަނަ އަހަރު "ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ވިޔަފާރި ކުންފުންޏެއް، ސަރުކާރުގައި ރަޖިސްޓަރީ ކުރެއްވިއެވެ. އޭގެފަހުން، ބޮޑުކަންނެލީގެ މަސްވެރިކަމުގެ ތެރެއަށް ވެދެވަޑައިގަތުމަށްޓަކައި، "ވިލާ ފިޝިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، ރާއްޖެއިން ބޭރުން ބޯޓެއް ޗާޓަރު ކުރައްވައިގެން ގެންނަވައި، މަސްވެރިކަމުގެ މަސައްކަތް ފެށްޓެވިއެވެ. ބޮޑުކަންނެލީގެ މަސްވެރިކަމަށްފަހު، ދެން ކުރެއްވީ، ލޭނުމަހުގެ މަސައްކަތެވެ.
ޤާސިމް އިބްރާހީމަކީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ދިވެހި އެތައް ރައްޔިތުންނަކަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވިލާ ފައުންޑޭޝަނުން ދިވެހި ރައްޔިތުންނަށް ބޭސްފަރުވާއަށް ކުރެވުނު ގިނަގުނަ މަސައްކަތުގައި، ދިވެހި އެތައްހާސް ރައްޔިތުންނެއްގެ ވޭނާއި ކެކުޅުންތަކަށް ލުއިކަމެއް ގެނެސްދެއްވުމަށްޓަކައި ޤާސިމް މަސައްކަތް ކޮށްދެއްވިއެވެ. އަދި، މިހާރުވެސް ގެންދަވަނީ މަސައްކަތް ކޮށްދެއްވަމުންނެވެ. ބޮޑެތި ބަލިތަކުގައި ދިވެހި އެތައް ދަރިންނެއްގެ ފުރާނަ މާތްﷲގެ ރަޙްމަތާއެކުގައި ސަލާމަތްކޮށްދެއްވައި، އެ ބަލިތަކުން ޝިފާލިބި، ރައްޔިތުންގެ އެތައް ބަޔަކަށް ސަލާމަތް ޞިއްޙަތަކަށް އެނބުރި އާދެވުނުކަން އެއީ، ޤާސިމަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ.
ވިލާ ފައުންޑޭޝޭނުން ބޭސްފަރުވާއަށް ދިވެހިން ފުރަތަމަ ފޮނުވަން ފެށީ، ސްރީލަންކާއަށެވެ. ސްރީލަންކާއަށް ބޭސްފަރުވާއަށް މީހުން ފޮނުވުން ހުއްޓައިލީ، ސްރީލަންކާގައި އޭރު ހިނގަމުންދިޔަ ދާޚިލީ ހަނގުރާމައިގެ ސަބަބުން ރައްކާތެރި މާޙައުލެއް ނެތުމުންނެވެ. އޭގެފަހުން، ވިލާ ފައުންޑޭޝަނުން ބޭސްފަރުވާއަށް މީހުން ފޮނުވަމުން ގެންދިޔައީ އިންޑިއާއަށެވެ. އިންޑިއާއަށް ބޭސްފަރުވާއަށް ފޮނުވާ މީހުންގެ އަދަދު އިތުރުވަމުން ގޮސް، ބައެއްފަހަރު 300 މީހުން، އަނެއްބައިފަހަރު 500 މީހުންވެސް (އެހީތެރިންނާއެކުގައި) އެއްފަހަރާ ބޭހަށް ފޮނުވަމުން ގެންދިޔައެވެ.
މިއަދު ޤާސިމް އިބްރާހީމަކީ، ރާއްޖޭގެ ރިޒޯޓް އޯނަރުންގެ ތެރެއިންވެސް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރީގެ ތެރެއަށް ޤާސިމަށް ވެދެވަޑައިގެންނެވުނީ، ބޭރު ފައިސާ ހޯއްދެވުމަކީ، އޭރުވެސް ދަތިކަމަކަށް ވުމާއެކު، އެކަމަށް މަގުފަހިކުރެއްވުމުގެ މަގުސަދުގައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތަށް ވެދެވަޑައިގެންނެވުމުގެ ކުރިން، ބޭރުފައިސާ ލިބޭނޭ މަގެއް ހޯއްދެވުމުގެ ގޮތުން، ލޮނުމަސް އެކްސްޕޯޓް ކުރެއްވުމަށްޓަކައި ދ. އަތޮޅު މާދެލީގައްޔާއި، އދ. މަހިބަދޫގައްޔާއި، ކ. ތުލުސްދޫގައި، އެ މަސައްކަތަށް ޚާއްޞަ، އޭރުގެ ނިސްބަތުން ނުހަނު ބޮޑު އިންވެސްޓްމަންޓްތަކެއް ކުރެއްވިއެވެ. 60 މިލިއަން ރުފިޔާއަށްވުރެ ބޮޑު އެ އިންވެސްޓްމަންޓް ހުއްޓުމަކަށް އަންނަންޖެހުނީ، ލޮނުމަސް އެކްސްޕޯޓް ކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެންނެވި ބަދަލުތަކަކާ ގުޅިގެންނެވެ.
އެހެންކަމުން، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރުފައިސާ ހޯއްދެވުމަށްޓަކައި މާލެއަތޮޅު ދެކުނުގައި އޮންނަ ބޮޑުފިނޮޅު ރިޒޯޓް ބައްލަވައިގަނެ "ފަން އައިލެންޑް ރިޒޯޓް"ގެ ނަމުގައި ރިޒޯޓެއް ހިންގަވަން ފެށްޓެވި ހިސާބުން، ފަތުރުވެރިކަމުގެ ދާއިރާގައިވެސް ޤާސިމް ފައިތިލަ ސާބިތުކުރެއްވިއެވެ. އޭގެފަހުން، އއ. ދިއްފުށީގައްޔާއި، މާލެއަތޮޅު ލަންކަންފިނޮޅުގައި ރިޒޯޓް ހެއްދެވުމުގެ މަސައްކަތް ޤާސިމް ފެށްޓެވިއެވެ. އެ ދެ ރިޒޯޓުގެ މަސައްކަތްވެސް ކުރިއަށް ގެންދެވީ، އެކުއެކީގައެވެ. މަސައްކަތް ފެށްޓެވިތާ ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި، އަރިއަތޮޅު ދިއްފުށީގައި 142 ކޮޓަރީގެ ރިޒޯޓެއް ހައްދަވައި "ހޮލިޑޭ އައިލެންޑް"ގެ ނަމުގައި 1994ވަނަ އަހަރުގެ ތެރޭގައި 4 ތަރީގެ ރިޒޯޓެއްގެ ގޮތުގައި އެ ރިޒޯޓް ހުޅުވިގެންދިޔައެވެ. ލަންކަންފިނޮޅުގައި ބިނާކުރެއްވި "ޕެރަޑައިސް އައިލެންޑް ރިޒޯޓް" ހުޅުވުނީ، ހޮލިޑޭ އައިލެންޑް ރިޒޯޓް ހުޅުވައި ޚިދުމަތް ދޭން ފެށިތާ ދުވަސްކޮޅެއް ފަހުން، 1994ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ޕެރަޑައިސް އައިލެންޑް ރިޒޯޓަށްފަހު، ދެން ހުޅުވުނީ، ސަން އައިލެންޑް ރިޒޯޓެވެ. އެއީ، އދ. ނަލަގުރައިދޫގައެވެ. އަދި އެއަށްފަހު، ބ.އަތޮޅު ހޮރުބަދޫގައި ރިޒޯޓެއް ބިނާކުރައްވައި، "ރޯޔަލް އައިލެންޑް ރިޒޯޓް"ގެ ނަމުގައި އެ ރިޒޯޓް ހުޅުވިގެންދިޔައީ 2001ވަނަ އަހަރުގެ ތެރޭގައެވެ.
ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ޤާސިމް ވެދެވަޑައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއިރު، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާ އެކުގައިވެސް، ކާމިޔާބުކަމާއެކުގައި އެ ކަންތައް ހާސިލު ކުރެއްވިކަން އެއީ، ޤާސިމް ކުރިމަތިލައްވާ ކޮންމެ ކަމެއްގައިވެސް ކުރައްވާ ބުރަ މަސައްކަތާއި، ހިންމަތާއި، މިންނަތްކަމާމެދަކު ޝައްކެއްނެތެވެ. މީގެ އެއް މިސާލަކީ، އެ މަނިކުފާނުގެ ފަތުރުވެރިކަމުގެ ފުރަތަމަ ފިޔަވަޅަށް 10 އަހަރު ފުރުނުއިރު، މުޅި ރާއްޖޭގައި އޮޕަރޭޓްކުރާ ރިޒޯޓްތަކުގެ އެންމެ ގިނަ އެނދު ހިއްސާކުރާ ފަރާތަކީ، ޤާސިމްގެ "ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް" ކަމަށް ވެގެންދިޔުމެވެ. އަދި މުވައްޒަފުންނަށް ދެވޭ ޚިދުމަތާއި، ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރުވެސް އެންމެ ރަނގަޅު ރިޒޯޓުތަކަކީ، ވިލާ ހޮޓެލްސްގެ ރިޒޯޓުތައް ކަމުގައި ވެގެންދިޔުމެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އިސް ބޭފުޅުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރައްވައި، ބުރަ މަސައްކަތުން ރިޒޯޓުތައް ބިނާކުރައްވަމުން ގެންދެވިކަމުގައިވިޔަސް، އެ ތަންތަނަށް ޓޫރިސްޓުން ގެންދެވެން އޮތީ، އެހެން ބަޔަކު ގެންގޮސްދީގެން ކަމަށްވާތީ، އެކަން ހައްލުކުރެއްވުމަށްވެސް ޤާސިމް އިސްނަންގަވައިގެން މަސައްކަތް ފެށްޓެވިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ޤާސިމް އިބްރާހީމާއި، ޗަމްޕާ ޙުސައިން ޢަފީފާ ދެ ބޭފުޅުން، ހަމިންގބަރޑްގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން، އެ ކުންފުނީގެ 50 އިންސައްތަ ހިއްސާ، ފުރަތަމަ އެ ދެ ބޭފުޅުން ބައްލަވައިގަނެގެން، ހެލިކޮޕްޓަރުގައި ފަތުރުވެރިން އުފުލުމުގެ މަސައްކަތް ފެށްޓެވިއެވެ. ފަހުން ހަމިންގބަރޑް ހެލިކޮޕްޓަރސްގެ ނަން، "ޓްރާންސް މޯލްޑިވިއަން އެއަރވޭޒް" (ޓީ.އެމް.އޭ.)ގެ ނަމަށް ބަދަލުކުރައްވައި، އެ ކުންފުނީގެ ބާކީއޮތް 50 އިންސައްތަ ހިއްސާވެސް ބައްލަވައިގެންނެވުމަށްފަހު، 100 ޕަސެންޓް ހިއްސާ، ޓީ.އެމް.އޭ.އަށް ބަދަލުކުރެއްވިއެވެ. ޓީ.އެމް.އޭ.ގެ ނަމުގައި ކުންފުނި ހިންގަވަން ފެށްޓެވިތާ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި، ހެލިކޮޕްޓަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ހެލިކޮޕްޓަރު ދުއްވުން ހުއްޓަވައިލެއްވިއެވެ. އޭގެފަހުން، އެ ކުންފުނިން ސީޕްލޭން ބައްލަވައިގަނެގެން، ސީޕްލޭން ދުއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. އަދި ކަނޑަށް ޖައްސާ ބޯޓުގެ އިތުރުން، އެއަރޕޯޓަށް ޖައްސާ މަތިންދާބޯޓުފަހަރު ހޯއްދަވައިގެން، އެއަރޕޯޓުތަކަށް ދަތުރުކޮށް، ލޯކަލް ފަސިންޖަރުން، ވައިގެ މަގުން އުފުލުމުގެ ޚިދުމަތްވެސް އެ ކުންފުނިން ދެއްވަން ފެށްޓެވިއެވެ.
ޓީ.އެމް.އޭ. ހިންގަވަމުން ގެންދެވިއިރުވެސް، ޤާސިމް އެހެން ޚިޔާލުފުޅެއްވެސް ކުރައްވަމުން ގެންދެވިއެވެ. އެ ޚިޔާލުފުޅު ޙަޤީޤަތަކަށް ވެގެންދިޔައީ، 1997ވަނަ އަހަރު "ވިލާ އެއަރ" އުފެއްދެވުމުންނެވެ. މާމިގިލީގައި އެއަރޕޯޓެއް ބިނާކުރުމަށް ސަރުކާރުން ނިންމަވައި، އިޢުލާނު ކުރެއްވުމުން، އެކަމަށް ކުރިމަތިލެއްވިއެވެ. ޤާސިމްގެ "ވިލާ އެއަރ" ފިޔަވައި އެހެން އެއްވެސް ފަރާތަކުން މާމިގިލީގައ އެއަރޕޯޓް ހެދުމަށް ކުރިމަތިލާފައެއް ނުވެއެވެ. ރަށާއި، އަތޮޅާއި، ޤައުމަށް ނުހަނު ބޭނުންތެރި މި މަޝްރޫޢަކީ، އަމިއްލަ ފަރުދެއްގެ ފައިސާއިން ފަޅެއް ހިއްކައިގެން، ރާއްޖޭގައި ވައިގެ ބަނދަރެއް ތަރައްޤީ ކުރެވުނު ފުރަތަމަ މަޝްރޫޢެވެ. މާމިގިލީގެ ފަޅު ހިއްކައިގެން އެއަރޕޯޓް ތަރައްޤީ ކުރުމަށް ހިންގި މަޝްރޫޢާ އެކުއެކުގައިހެން، މާމިގިލީގެ ރައްޔިތުންގެ ބޭނުމަށްޓަކައި އެ ރަށުގެ ޤުދުރަތީ ބޮޑުމިނުގެ އިތުރުން، 42 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވައި، ރާއްޖޭގެ ނިސްބަތުން މިހާތަނަށް ހެދިފައިވާ އެންމެ ބޮޑު، އެންމެ ފުޅާ އަދި އެންމެ ފުން ބަނދަރު މާމިގިލީގައި ޤާއިމުކޮށްދެއްވިއެވެ.
ޤާސިމް އިބްރާހީމަކީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި އަދި ޖަމުޢިއްޔާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެ ޖަމުޢިއްޔާގެ ނައިބު ރައީސް ކަމުގެ މަގާމު 1 އަހަރު އަދި ރައީސް ކަމުގެ މަގާމު 16 އަހަރު ޤާސިމް އަދާކުރެއްވިއެވެ.
ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ހަރަކާތްތައް ކުރިއެރުވުމަށް ޤާސިމް ކުރެއްވި މުހިންމު އެއްކަމަކީ، "ނައިޓް މާކެޓް"ގެ ނަމުގައި މަގުމަތީ ބާޒާރެއް ބާއްވަވަން ފެށްޓެވުމެވެ. ޗެމްބަރ އޮފް ކޮމާސް އުފެދުމުގައިވެސް ޤާސިމްގެ ހިއްސާ ވަރަށްބޮޑެވެ. ސާރކް ޗެމްބަރ އޮފް ކޮމާސްގެ ރައީސްކަމުގެ މަގާމު ފުރުމަށް ރާއްޖެއަށް ފުރުޞަތު ލިބުނީ، ޗެމްބަރ އޮފް ކޮމާސްގައި ޤާސިމް ހުންނަވަނިކޮށެވެ. ސާރކް ޗެމްބަރ އޮފް ކޮމާސްގެ ރައީސްކަމާ ޤާސިމް ހަވާލުވެވަޑައިގަތީ، 2000 ން 2001 އަށް، ދެ އަހަރުގެ ދައުރަށެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޤާސިމް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ. ދިވެހި ދަރީންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމުގެ ގޮތުން، އަމިއްލަ ފަރާތަކުން ފުރަތަމަ ފަހަރަށް ސްކޮލަރޝިޕް ޕުރޮގުރާމެއް ތަޢާރުފު ކުރެއްވީ، ޤާސިމްގެ ވިލާ ކުންފުނިންނެވެ. 1990ގެ އަހަރުތަކާ ހަމަޔަށް އައިއިރުވެސް ރާއްޖޭގެ ސްކޫލްތަކުން ކިޔަވައި ނިންމާ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް މަދުވުމާއި، ގިނަ ބެލެނިވެރިން އަމިއްލައަށް ޚަރަދުކޮށްގެން މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިން ރާއްޖެއިން ބޭރަށް ފޮނުވޭވަރުގެ ތަނަވަސްކަމެއް އަދި އެވަރުގެ ފޯރުންތެރިކަމެއްވެސް ނެތްކަން އިޙްސާސް ކުރެއްވުމުން، "ވިލާ ސްކޮލަރޝިޕް"ގެ ނަމުގައި ސްކޮލަރޝިޕް ޕުރޮގުރާމެއް ޤާސިމް އިޢުލާނު ކުރެއްވީ، ޤާސިމްގެ 50ވަނަ އުފަންދުވަހުއެވެ. އަދި އެ ދުވަހާ ހަމައަށް އެކި ފަރާތްތަކުން އެ މަނިކުފާނަށް ދައްކަވަން ޖެހިފައި ހުރި ދަރަނީގެ ތެރެއިން 50 މިލިއަން ރުފިޔާ މާފުކޮށްދެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކޮށްފައެވެ. އޭގެތެރޭގައި، ޑިގްރީން ފެށިގެން ޕީ.އެޗް.ޑީ. ޕުރޮގުރާމާ ހަމައަށް ދަރިވަރުން ވަނީ އުނގެނި، އޭގެތެރެއިން ގިނަ ދަރިވަރުން މިއަދު ޒިންމާދާރު ވަޒީފާތަކުގައި ތިއްބަވައިގެން، އެކިއެކި ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރައްވަމުން އެބަގެންދަވައެވެ. އަދި، މިހާރުވެސް މަތީ ތަޢުލީމުގެ އެކި ފުރުޞަތުތަކުގައި، ވިލާ ފައުންޑޭޝަނުން އެކިއެކި ފަންނުތަކުން ދަރިވަރުން ގެންދަނީ ތަޢުލީމު ހާސިލު ކުރަމުންނެވެ.
މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދަރިވަރުން ފޮނުއްވުމުގެ އިތުރުން، ތަޢުލީމީ ދާއިރާއިން ޤާސިމް، ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ފުޅާކުރެއްވުމުގެ މަގުސަދުގައި ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖް، "ވިލާ ކޮލެޖް" 2007ވަނަ އަހަރު ރަޖިސްޓަރީ ކުރެއްވިއެވެ. އެ ކޮލެޖް ހިންގަވަން ފެށްޓެވުމާއެކު، ތަޢުލީމީ އުދަރެހުން ޢިލްމުގެ ނޫރު، އާ އުސްމިންތަކަކަށް އުފުލިގެން ދިޔައެވެ. ވިލާ ކޮލެޖުން މަތީ ތަޢުލީމު ހާސިލުކޮށްގެން ނުކުންނަ ދިވެހި ދަރީންގެ އަދަދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން އެއީ، ޤާސިމަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެކެވެ. އަދި ފަޚުރެއްވެސް މެއެވެ. ހަމައެއާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަދާކުރަމުންގެންދާ ދައުރަކީވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ދައުރެކެވެ.
ޤާސިމް އިބްރާހީމަކީ، ދައުލަތުގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ކެބިނެޓުގައި ޤާސިމް އިބްރާހީމް ހިމަނުއްވައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމަށް ޢައްޔަންކުރެއްވީ، 18 އޮގަސްޓު 2005 ގައެވެ. އެ ދުވަސްވަރަކީ، ސުނާމީ ކާރިސާއާ ގުޅިގެން، ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވެގެންދިޔަ ދުވަސްވަރެއް ކަމަށްވުމުން، ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، އެ ވަގުތު ރާއްޖޭގެ އިޤްތިޞާދު އޮތް ދަތި ހާލަތުން އަރައިގަތުމަށްޓަކައި ވިސްނުންތެރިކަމާއެކުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ޤާސިމް ކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ކިޔަވާ ކުދިންގެ ފޮތް ލިސްޓު، ސަރުކާރުން ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވިއެވެ. އަދި ސަރުކާރުގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް، އޭރު ދެއްވަމުން ގެންދެވީ، މުސާރަ ބޮޑު މުވައްޒަފަށް ޢިނާޔަތް ބޮޑުވާގޮތަށް ކަމަށްވާތީ، އެއީ، އިންސާފުވެރި ގޮތެއް ކަމަށް އެ މަނިކުފާނަށް ފެނިވަޑައިނުގަންނަވާތީ، ސަރުކާރާ އެކުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ރަމަޟާން މަހުގެ ޢިނާޔަތް، ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށްވެސް އެއްވަރަށް ހަމަހަމަކޮށް ދެއްވަން ފެށްޓެވީ، ޤާސިމްގެ ފިނޭންސް މިނސްޓަރު ކަމުގައެވެ. ހަމަ އެ ދުވަސްވަރު ދައުލަތުގެ އެންމެހައި މުވައްޒަފުންގެ މުސާރަތަކަށް ގެނެވުނު ހެޔޮ ބަދަލުތަކަކީ، ޤާސިމްގެ ޙިކުމަތުޢަމަލީގެ ތެރެއިން އައި ބަދަލުތަކެވެ.
މީގެއިތުރުން، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ، ދިވެހި ސަރުކާރަށް އޮންނަ ގޮތަށް ހަމަޖެއްސެވުމަކީވެސް ޤާސިމް ވަރަށްބޮޑު އިސްކަމެއް ދެއްވި ކަމެކެވެ. ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރެއްވުމަށްޓަކައި ޤާސިމް އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، މުޅިން އާ ކަމެއްގެ ގޮތުގައި ޓްރެޜަރީ ބިލާއި، ބޮންޑް ވިއްކެވުމުގެ އިންތިޒާމު ހަމަޖެއްސެވުންވެސް ހިމެނެއެވެ. މީގެއިތުރުން، ބޭންކިންގއާ ބެހޭ ޒަމާނީ ޤާނޫނެއް ރާއްޖެއަށް ބޭނުންވާތީ، ތަޖުރިބާކާރުންގެ އެހީގައި ޑްރާފްޓް ބިލެއްގެ މަސައްކަތް ފެށްޓެވުމާއި، 2006ވަނަ އަހަރު ވުޖޫދަށް އައި ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނުގެ ޑްރާފްޓްގައި ފިނޭންސް މިނިސްޓްރީން ނުހަނު ބޭނުންތެރި މަސައްކަތްތަކެއް ކުރައްވައިފައިވަނީ، ޤާސިމް އިބްރާހީމްގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ދިވެހިރާއްޖޭގައި އިންޓަރނެޓް ބޭންކިންގ ސިސްޓަމް އުފެއްދެވުމުގެ މަސައްކަތާއި، ސެންޓްރަލައިޒް ޕޭމަންޓް މެނޭޖްމަންޓް ސިސްޓަމެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ޤާއިމުކުރެއްވީވެސް ޤާސިމް އިބްރާހީމްގެ މިނިސްޓަރު ކަމުގައެވެ.
ދިވެހިރާއްޖޭގެ އިޖުތިމާޢީ ހަމަހަމަކަން ގެނައުމުގެ ގޮތުންނާއި، ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް އޮތް އެންމެ ބޮޑު މަސައްކަތަކީ، ވަށާޖެހޭ ޓެކްސްގެ ނިޒާމެއް ރާއްޖޭގައި އޮތުން ކަމަށް ދެކެވަޑައިގެން، އެކަންކަން ހާސިލުކުރުމަށްޓަކައި ބޭނުންވާ ޤާނޫނުތަކާ ގުޅުންހުރި އެންމެހައި ބިލުތަކުގެ ޑްރާފްޓް ތައްޔާރުކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށާއި، ބަންޑާރަ ނައިބަށް ފޮނުއްވީ، ޤާސިމް އިބްރާހީމްގެ ފިނޭންސް މިނިސްޓަރު ކަމުގައެވެ. އޭރު އެ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅުނު ނަމަވެސް، ފަހުން އައި ސަރުކާރުން އެ ބިލުތައް މަޖިލީހަށް ހުށަހެޅުއްވިއެވެ. އެގޮތުން، އެ ބިލުތައް ޤާނޫނުތަކަށް ބަދަލުވިއިރު، އެ މަސައްކަތްތައް މަޖިލީހުން ނިންމެވި ކޮމިޓީ ކަމުގައިވާ އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރަކަށް ހުންނެވީވެސް ޤާސިމް އިބްރާހީމެވެ. މީގެއިތުރުން، ރާއްޖޭގައި އިސްލާމިކް ބޭންކެއް ޤާއިމުކުރެއްވުމަށްޓަކައި މާލީ ވުޒާރާއިން ކުރައްވަންޖެހޭ ގިނަގުނަ މަސައްކަތްތަކެއް ޤާސިމް ވަނީ ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ކުރައްވައިފައެވެ.
ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭރު އެ މަނިކުފާނު ހުންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައިވެސް މެއެވެ. މީގެއިތުރުން، މަގާމުގެ ހައިސިއްޔަތުން ވާރލްޑް ބޭންކާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ގަވަރުނަރު ކަމުގެ މަގާމުވެސް ޤާސިމް އިބްރާހީމް ވަނީ ފުރުއްވައިފައެވެ.
ޤާސިމް އިބްރާހީމް، ފިނޭންސް މިނިސްޓްރީ ހިންގަވަމުން ގެންދެވީ، ވަރަށް ބުރަކޮށް އުޅުއްވަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި، ޢާންމު ވިޔަފާރީގެ އެންމެމަތީ ހަރުފަތުގައި ހިފެހެއްޓުމަށްޓަކައި މެދުކެނޑުމެއްނެތި އެތައް އަހަރެއް ވަންދެން ޤާސިމް މަސައްކަތްޕުޅު ކުރައްވައިފައި ވެއެވެ. އެއީ، ދައުލަތުގެ މާލީ ނިޒާމު ހިނގާނުހިނގާ ގޮތް ޤާސިމަށް ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވެ.
ޤާސިމް އިބްރާހީމް، ރައީސް މުޙައްމަދު ނަޝީދުގެ ފުރަތަމަ ކެބިނެޓުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމުވެސް ވަރަށް ކުރު މުއްދަތަކަށް ފުރުއްވައިފައި ވެއެވެ. އެ މުއްދަތުގެ ތެރޭގައިވެސް އެ މަނިކުފާނު ވަނީ މަގާމުގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ރައްކާތެރިކަމަށް ނުހަނު މުހިންމު އަދި އެހާމެ ހަރުދަނާ ފިޔަވަޅެއް އަޅުއްވައިފައެވެ. ރާއްޖޭގައި ހިންގާ ރިޒޯޓުތަކުގައި، މުޒާހަރާކޮށް މަސައްކަތް ހުއްޓާލައި އިންޑަސްޓްރީ ހައިޖެކް ކުރަން ބަޔަކު ރާވައިގެން ހިންގި ހަރަކާތަކީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑު ހުރަހަކަށް ވެދާނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭތީ، ފަތުރުވެރިންނަށް ޚާއްޞަ ކުރެވިފައިވާ ރިޒޯޓުތަކުގައި މުޒާހަރާ ނުކުރެވޭގޮތަށް ހަމަޖެއްސުމާ ގުޅޭގޮތުން ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުންނަށް އިރުޝާދު ދެއްވައި، އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ އެފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ގެއްލުމެއް ލިބުނަނުދީ، ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށްދެއްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ޤާސިމް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީވެސް ހަނދާންކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. 1989ވަނަ އަހަރުގެ ނޮވެންބަރު މަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކަށްވީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް އޭރު ފެށިފައި ވުމާއެކު، އެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމެވެ. ދައުލަތް ހިނގަމުންދިޔަ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނެވުމުގެ ޢަޒުމުގައި، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ ގޮނޑިއަށް ވާދަކުރައްވައި، ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ އިޞްލާޙާއި، ޑިމޮކްރަސީގެ ހަރަކާތްތަކުގައި ޤާސިމް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. 2001ވަނަ އަހަރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، އޭރުގެ ސަރުކާރަށް ހުށަހެޅުއްވުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅަކީވެސް ޤާސިމް އިބްރާހީމެވެ.
ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ އިޞްލާޙީ އެޖެންޑާގެ ދަށުން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފެށްޓެވިއިރު، ޤާސިމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަރަފަކީ، ޚާއްޞަ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމެވެ. ޚާއްޞަ މަޖިލީހުގެ ރައީސްކަމަށް އެ މަނިކުފާނު އިންތިޚާބުވެވަޑައިގަތީ، ޚާއްޞަ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 80 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ތަނަވަސް އަޣުލަބިއްޔަތުންނެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައި ނިންމެވީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި ޤާސިމް އިބްރާހީމް އިންނަވައިގެންނެވެ.
ޤާސިމް އިބްރާހީމް، ރައްޔިތުންގެ މަޖިލީހާ ފުރަތަމަ ގުޅިވަޑައިގަތީ، 24 ފެބުރުވަރީ 1990 ގައެވެ. އެއީ، 13ވަނަ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގައެވެ. އޭގެފަހުން، 17ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން، މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވަމުން އެ ގެންދަވަނީ، މެދުކެނޑުމެއްނެތި 4ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.
ޤާސިމް އިބްރާހީމަކީ، 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން 1 ނޮވެންބަރު 2018އިން 29 މޭ 2019ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. 2008ވަނަ އަހަރު "ޖުމްހޫރީ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި، އެ ޕާޓީއާ ގުޅިވަޑައިގަތީއްސުރެ، ޤާސިމް އިބްރާހީމަކީ، އެ ޕާޓީގެ ލީޑަރުވެސް މެއެވެ.
ޤާސިމް އިބްރާހީމަށް 2013ވަނަ އަހަރު، ދިވެހި ދައުލަތުން ވަނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ.) އަރުވައިފައެވެ. ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ޤައުމީ ޚިދުމަތުގެ އިނާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޓޫރިޒަމްގެ ރޮނގުން 1995ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން 2007ވަނަ އަހަރު ދެއްވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހިމެނެއެވެ. މީގެއިތުރުން، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން ވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ޢިއްޒަތުގެ ލަޤަބާއި، އޮނަރަރީ ޕީ.އެޗް.ޑީ.ވެސް ޤާސިމަށް ލިބިވަޑައިގެންފައެވެ.
ދިވެހި ރައްޔިތުންނަށް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތަކާއި، ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ކުރައްވައިފައިވާ އަދި ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ދައުލަތުން ޤާސިމް އިބްރާހީމަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް (ނ.ޢ.ޢ.) އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ، ޤާސިމް އިބްރާހީމަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅެވެ. އެންމެބޮޑު ޝަރަފުވެސް މެއެވެ.
ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވަނީ 14 ބޭފުޅުންނެވެ. އެއީ، 8 ފިރިހެން ބޭފުޅުންނާއި 6 އަންހެން ބޭފުޅުންނެވެ. އެ މަނިކުފާނަކީ، ހުރިހާ އަނބިކަނބަލުންނަށްވެސް އޯގާތެރި އަދި ދިރިއުޅުއްވުން ބައްޓަން ކުރެއްވުމުގައި ނަމޫނާ ދެއްކެވި ޝަޚްޞިއްޔަތެކެވެ. ކުރެއްވި ކައިވެނިތަކަށް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އޯގާތެރި، އެ ކުދިންގެ ހުރިހާ ކަމަކަށް އިސްކަން ދެއްވި އަދި އެ ކުދިންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދެއްވި ނަމޫނާ ބައްޕައެކެވެ. ޤާސިމްގެ ބަޔޮގްރަފީގައި އެ ކުދިންނަށް ކުރައްވައިފައިވާ ވަޞިއްޔަތަކީ، ކޮންމެ ޢާއިލާއަކަށްވެސް މުހިންމު ވަޞިއްޔަތެކެވެ. ނަސޭހަތެކެވެ. އިރުޝާދެކެވެ.
ޤާސިމް އަބަދުވެސް ގަބޫލުކުރައްވާ ޙަޤީޤަތެއް އޮވެއެވެ. ޤާސިމްގެ ބަޔޮގްރަފީގައި އެކަން އަޅުގަނޑުމެންނާ ވަނީ ހިއްސާ ކުރައްވައިފައެވެ. މިއީ، އަޅުގަނޑުމެން އެންމެންނަށް ޤާސިމް ދެއްވައިފައިވާ ވަރަށް މުހިންމު އިރުޝާދެއްވެސް މެއެވެ. އާދެ، ވިދާޅުވެފައި ވަނީ:
"އެއްވެސް އިންސާނަކަށް އޭނާ އެދޭ ހުރިހާ ކަމެއް މި ދުނިޔޭގައި ފުރިހަމައެއްނުވެއެވެ. ހަމައެހެންމެ، ތަނަވަސްކަމަކީ، އެއީ ދުނިޔޭގައި ނިމުމެއް އޮތް ކަމެއްވެސް ނޫނެވެ. އެކަމަކު ހަނދާނުން ކައްސައިލިޔަ ނުދެއްޗެވެ. ތެދުވެރިކަމާއެކީގައި ތިމާމެންގެ ދީނަށާއި، ޤައުމަށާއި، ތިމާމެންގެ މައިންބަފައިންނަށާއި، އަނބިދަރިންނަށާއި، ފިރީންނަށާއި، ގާތްތިމާގެ މީހުންނަށާއި، ރައްޓެހިންނަށާއި، އެކިއެކި ހާޖަތްތައް ޖެހިފައިވާ ނިކަމެތިންނަށް ހެޔޮކޮށްހިތައިގެން، ހެޔޮފޯރުވައި އުޅުމަކީ، އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވައިފައި އޮތް ގޮތެވެ. އެއީ، ކާމިޔާބުގެ ތަޅުދަނޑިއެވެ." މިހެންނެވެ.
ޤާސިމް އިބްރާހީމް، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! އެ މަނިކުފާނަށް އުފާފާގަތި ކަމާއި، ބާއްޖަވެރި ދުވަސްތަކެއް މިންވަރުކުރައްވާށިއެވެ! އާމީން.