
އާމިނަތު ޝިޔާމާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 10 މާރިޗު 1982 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޭރު ހިންގަމުން ގެންދިޔަ، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ކާތިބާގެ ވަޒީފާއެވެ. އެ މަޖިލީހުގެ ނަން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވުމާ ގުޅިގެން އެ މަރުކަޒުގެ 2 ނަންބަރު ކާތިބާ ކަމުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމުގައި 5 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. އޭގެފަހުން، އައްޑޫ ޑިވެލޮޕްމަންޓް ޔުނިޓް، ފަހުން އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީއާއި، ސަދަން ރީޖަނަލް އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމުގެ އިތުރަށް، އެސިސްޓެންޓް މެނޭޖަރުގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އާމިނަތު ޝިޔާމާ މިހާރު ހުންނެވީ، ސ. ފޭދޫ ސްކޫލުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރގެ މަގާމުގައެވެ. އާމިނަތު ޝިޔާމާ އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ، އައްޑުއަތޮޅު ގަން ބަލަހައްޓާ ޔުނިޓުގައެވެ.
ވޭތުވެދިޔަ 43 އަހަރަށްވުރެ ދިގު މުއްދަތުގައި، އާމިނަތު ޝިޔާމާ ޙަސަން ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، އެ އިދާރާތަކުގެ އިދާރީކަންކަމާއި، ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓެވުމާއި، ބަޖެޓާ ގުޅުންހުރި މަސައްކަތްތަކެވެ. އަދި މިހާރު، އާމިނަތު ޝިޔާމާ ޙަސަނަކީ، ސ. ފޭދޫ ސްކޫލުގެ ބަޖެޓާއި އިދާރީ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހުންނެވި މުވައްޒަފެވެ. އެގޮތުން، ސްކޫލުގެ ފައިސާއާބެހޭ އެންމެހައި ކަންތައްތަކުގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި، މުވައްޒަފުންގެ މުސާރައާބެހޭ ކަންކަން ބެލެހެއްޓެވުމާއި، އަހަރީ ބަޖެޓް ތައްޔާރުކުރެއްވުމާއި، މަހުން މަހަށް ބަޖެޓް ރިޕޯޓުތައް ތައްޔާރުކުރެއްވުމާއި، ސްކޫލުގެ މަރާމާތާއި، އިދާރީ އެންމެހައި މަސައްކަތްތައް، ސެކްޝަންގެ ވެރިޔާގެ ހައިސިއްޔަތުން ބަލަހައްޓަވަމުން ގެންދަވަނީ، އާމިނަތު ޝިޔާމާ ޙަސަނެވެ.
ޚިދުމަތުގެ ދިގު މުއްދަތުގައި، އާމިނަތު ޝިޔާމާ ޙަސަން ދުވަހަކުވެސް ވަޒީފާއަށް ގަޑިޖެހިފައެއް ނުވެއެވެ. އަދި އެއްވެސްއިރެއްގައި އެއްވެސް މައްސަލައެއް ޖެހިފައިނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރަށް، އާމިނަތު ޝިޔާމާ ޙަސަނަކީ، މާލިއްޔަތު ޤާނޫނާއި ގަވާއިދަށް ނުހަނު އަހުލުވެރި، ސަރުކާރުގެ ފައިސާއާބެހޭ އެންމެހައި ކަންކަން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓެވުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، އެކުގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނަށް ނަމޫނާ ޚިދުމަތްތެރިއެކެވެ.