އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ
އުތުރުގެ، މ. ނާލާފުށި

ޢަބްދުއްސައްތާރު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 18 ޑިސެންބަރު 1969 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ނާލާފުށީ މުދިމުގެ މަގާމެވެ. ޢަބްދުސައްތާރު މޫސާ ދައުލަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 1 ޖަނަވަރީ 2013 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިމާމުގެ މަގާމުގައެވެ. ޚިދުމަތް ކުރެއްވީ މ. ނާލާފުށީގައެވެ.

ޢަބްދުއްސައްތާރު މޫސާ ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، ރަށުގެ މުދިމުކަމުގެ ވަޒީފާގެ އިތުރުން، ރަށުގެ ކުދިންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުމުގައްޔާއި، ދީނީ ކަންކަން ދަސްކޮށްދެއްވުމުގައި އުޖޫރައަކާނުލައި ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. އަދި، މަރުވާ މީހުން ހިނެވުމާއި، ވަޅުލުމުގެ މަސައްކަތްތައްވެސް ރިޓަޔަރ ކުރެއްވުމާ ހަމައަށްވަނީ ކުރައްވައިފައެވެ.

މުދިމުކަމުގެ މަގާމުގައި ހުންނެވިއިރު ކުރައްވަންޖެހޭ މަސައްކަތްތަކަކީ، ވަރަށް ފަރުވާތެރިކަމާއެކުގައި ވަގުތުން ވަގުތަށް ކުރައްވަންޖެހޭ މަސައްކަތްތައްކަމަށް ދެނެވަޑައިގެން، ޢަބްދުއްސައްތާރު އެ މަގާމު އަދާކުރައްވައިފައިވަނީ، ކަމަށް ކަމޭހިއްތަވައިގެން، ފަރުވާތެރިކަމާއެކުގައިކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. އަދި ރިޓަޔަރ ކުރެއްވުމަށްފަހުގައިވެސް ޢަބްދުއްސައްތާރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން މިސްކިތުގައި ބަންގިގޮވައި، އިމާމުވެ ނަމާދު ކުރައްވައިފައެވެ.

މުދިމުކަމުގެ އިތުރުން ރަށުގެ ކުރިއެރުމަށް ކުރެވުނު އެންމެހައި މަސައްކަތްތަކުގައި ޢަބްދުއްސައްތާރު ވަނީ ޢަމަލީގޮތުން އިސް ސަފުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، ރަށު ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކުގައި ލަފާދެއްވައި، ބަސްކިޔުއްވުމުގެ އިތުރަށް، އޭރު ރަށުގައި ފެތުރުނު ރޯގާތައް ކޮންޓްރޯލް ކުރުމުގައިވެސް ޢަމަލީގޮތުން ބައިވެރިވަޑައިގެންފައިވެއެވެ.

ޢަބްދުއްސައްތާރު މޫސާ ފާހަގަކުރެވިފައިވަނީ، ރަށުގައި ކުރާ ހުރިހާ މަސައްކަތެއްގައިވެސް އިސްނަންގަވައިގެން ޚިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.