
ޢަބްދުﷲ ކަމާލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 18 ޑިސެންބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މ. އަތޮޅު އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. 4 މޭ 1992 ގައި މުލީ ރީޖަނަލް ހޮސްޕިޓަލްގެ އެސިސްޓެންޓް މެކޭނިކްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. އޭރުއްސުރެ ޢަބްދުﷲ ކަމާލް، ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މުލީ ރީޖަނަލް ހޮސްޕިޓަލްގައެވެ. އަދި 5 މޭ 2005 ން ފެށިގެން މިއަދާ ހަމައަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެކޭނިކެއްގެ ގޮތުގައެވެ. ޢަބްދުﷲ ކަމާލް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 43 އަހަރަށް ވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
މިވޭތުވެދިޔަ ދިގު މުއްދަތުގައި ޢަބްދުﷲ ކަމާލް މައިގަނޑު ގޮތެއްގައި ކުރެއްވީ، ހޮސްޕިޓަލްގެ ޕަވަރ ހައުސްގެ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތެވެ. މީގެއިތުރުން، ހައުސްކީޕިންގ ޑިޕާޓްމަންޓުގެ މަސައްކަތް ތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި، ހޮސްޕިޓަލްގެ ކަރަންޓް ވަޔަރިންގއާއި، ކަރަންޓް އިކުއިޕްމަންޓް މަރާމާތުކޮށް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
ޢަބްދުﷲ ކަމާލް، މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާ ދިގުމުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ޢަބްދުﷲ ކަމާލަކީ، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ބަރާބަރަށް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.