
ޙަސަން ޞާބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިޚުލާޞްތެރިކަމާ އެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި، އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި ޙަސަން ޞާބިރު ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އިޤުތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މިހާރުވެސް އެ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.
ޙަސަން ޞާބިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1973 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ކާތިބު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޔުނައިޓެޑް ނޭޝަންސް ޑިވިޜަންގެ އިނގިރޭސި ސެކްރެޓެރީކަން ކުރެއްވިއެވެ. 16 ޖުލައި 1974 ގައި، މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވިއެވެ. އެއީ، އޭރު ތަމްރީނުވެފައި ތިއްބެވި އެކައުންޓެންޓުން މަދުވުމާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީއަށް އެކައުންޓިންގ ދާއިރާއިން ތަމްރީނު ލިބިފައިވާ މީހުން ބޭނުންވާތީ، އެ ރޮނގުން ކިޔަވައި ވިދާޅުވުމުގެ ފުރުޞަތު، ސަރުކާރުން ދެއްވުމާ ގުޅިގެންނެވެ. އިންޑިއާގައި އެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމުން، 29 މޭ 1978 ގައި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ އެކައުންޓެންޓް ކަމުގެ ވަޒީފާ ޙަސަން ޞާބިރަށް ހަމަޖެއްސެވިއެވެ.
11 ނޮވެންބަރު 1978 ގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލެއްވުމަށެވެ. ރާއްޖެ އޭރު އޮތް ހާލަތުން ކުރިއަށް ދެވެން އޮތީ ތަރައްޤީގެ ހަރުދަނާ ޕްލޭނެއް އެކުލަވައިލައްވައިގެން ކަމަށްވާތީ، "ނޭޝަނަލް ޕްލޭނިންގ އޭޖެންސީ"ގެ ނަމުގައި އޮފީހެއް އުފައްދަވައި، އެ ތަނަށް ޤާބިލު މީހުން ހަމަޖެއްސެވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. އެގޮތުން، އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަގާމަށް ޙަސަން ޞާބިރު ހަމަޖެއްސެވީ، 16 ޑިސެންބަރު 1978 ގައެވެ.
އިތުރު ތަޢުލީމާއި ތަޖުރިބާ ހޯއްދެވުމަށްޓަކައި 1979ވަނަ އަހަރުގެ އޮގަސްޓު މަހު ޙަސަން ޞާބިރު އެމެރިކާއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުން އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި، 1985ވަނަ އަހަރުގެ ބޯހިމެނުމަށް ތައްޔާރުވުން ހިމެނެއެވެ. ރާއްޖެއަށް ފުރަތަމަ ގެނެވުނު ކޮމްޕިއުޓަރު ގެނެވުނީ، އެ މަސައްކަތަށްޓަކައެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެނީ، ހަމައެކަނި ދިވެހީންނަށް އިސްކަން ދެއްވައިގެން ފެށްޓެވި އެ ޕްރޮޖެކްޓްގެ އިސް މޭސްތިރިޔަކަށް ހަމަޖެއްސެވީ، ޙަސަން ޞާބިރު ކަމެވެ. ނޭޝަނަލް ޕްލޭނިންގ އޭޖެންސީގައި އެ މަނިކުފާނު ފުރުއްވި އެހެން މަގާމުތަކުގެ ތެރޭގައި، ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ އިތުރުން، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ.
ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމަށް ޙަސަން ޞާބިރު ހަމަޖެއްސެވިއެވެ. އޭގެފަހުން، އެ މިނިސްޓްރީގެ ސީނިއަރ އަންޑަރ ސެކްރެޓެރީގެ މަގާމާއި، ޑިރެކްޓަރ އޮފް ސްޓެޓިސްޓިކަލް ސަރވިސަސްގެ މަގާމު ފުރުއްވިއެވެ. އަދި 27 މާރިޗު 1991 ގައި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގެ ނާއިބު ކަމުގެ މަގާމަށް ޙަސަން ޞާބިރު ޢައްޔަން ކުރެއްވިއެވެ. ރާއްޖޭގެ ޕްލޭނިންގ ދާއިރާގެ އެކިއެކި މަގާމުތަކުގައި ހުންނަވައިގެން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސް ކުރައްވައި ހިންގެވުމުގެ ޒިންމާދާރު ޚިދުމަތްތެރިއެއްގެ ގޮތުގައި ޙަސަން ޞާބިރު ފާހަގަކޮށްލަން ޖެހެއެވެ. އޭގެފަހުން، އެ މަނިކުފާނު 26 އޮގަސްޓު 1993 ގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނާއިބު ކަމުގެ މަގާމަށް ބަދަލުކުރެއްވިއެވެ.
1993ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ 4ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވީ، ޙަސަން ޞާބިރެވެ. އެ މަގާމުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް ޙަސަން ޞާބިރު ކޮށްދެއްވީ، އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެކެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި، 1500 ޓަނުގެ މަސްފިނި ކުރެވޭ ކާރުޚާނާއެއްގެ ބިންގާ، ގއ. ކޫއްޑޫގައި އަޅުއްވައި ދެއްވުމާއި، ރާއްޖޭގައި އެއް މިލިއަން ގަސް އިންދުމުގެ ޕުރޮގުރާމު ހިންގެވުން ހިމެނެއެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން، ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި، އާންމު ފަރާތްތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރައްވަން ފެށްޓެވީ، ޙަސަން ޞާބިރުގެ ވަޒީރު ކަމުގައެވެ.
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔޫ.އެސް.ސީ.) އުފައްދަވައި، އެ ކުންފުނީގެ ޗެއަރމަނަކަށް ފުރަތަމަ ހަމަޖެއްސެވީވެސް ޙަސަން ޞާބިރެވެ. ބަލައިގަންނަންޖެހޭ ފަދަ ޚިދުމަތްތަކަކާއެކު، ނަފާ ލިބޭ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ބައްޓަން ކުރެއްވުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޙަސަން ޞާބިރު ކުރައްވަމުން ގެންދެވި މުހިންމު މަސައްކަތްޕުޅުތައް، އެ ކުންފުނީގެ ތާރީޚުގައި ލިޔެވޭނީ، ފަނޑުވުމެއް ނެތް ކުލަގަދަ އަކުރުތަކަކުންނެވެ.
ޙަސަން ޞާބިރުގެ ހިންގުންތެރިކަމާއި، އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފުރިހަމައަށް އިތުބާރުކުރައްވަމުން ގެންދަވާކަން ވަޒަންކުރެއްވުނީ، 1998ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު ރައީސް މައުމޫން ފެށްޓެވި ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޙަސަން ޞާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް ޢައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. އެ މަނިކުފާނުގެ ވަޒީރު ކަމުގައި އިތުރު ކެޕޭސިޓީ ބިލްޑް ކުރެއްވުމަށާއި، "ސަނީ ސައިޑް އޮފް ލައިފް"ގެ މޮޓޯގެ ދަށުން ކުރެއްވި އަގުހުރި ޚިދުމަތް ފާހަގަކޮށްލަން ޖެހެއެވެ. ސާސް ރޯގާއާއި، ނައިން އިލަވަންގެ ހާދިސާއާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެރި ލޮޅުންތަކުގައި ޙަސަން ޞާބިރުގެ ޙިކުމަތްތެރިކަމާއި، ހަރުދަނާ ވިސްނުންފުޅުގެ ފުރިހަމަކަން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރީ، ޝުކުރާއި ތަޢުރީފު ޙައްޤުވާ މިންވަރަށެވެ. 1998ވަނަ އަހަރު، ރާއްޖޭގެ އިޤްތިޞާދުގައި ޗައިނާގެ ފަތުރުވެރިކަމުގެ ހިއްސާއަކީ އެންމެ ޕަސެންޓެކެވެ. ޗައިނާއަށް ރާއްޖޭގެ ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމަށްޓަކައި ޙަސަން ޞާބިރު ކުރެއްވި ބުރަ އަދި އެހާމެ މުހިންމު މަސައްކަތްޕުޅުތަކަކީ، ފާހަގަކޮށްނުލައި ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. 2002ވަނަ އަހަރު ޗައިނާއާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެގްރީމަންޓުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދިޔައީ، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2015ވަނަ އަހަރާ ހަމައަށް އައިއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އަދި، މިހާރުވެސް ޗައިނާގެ މާކެޓް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި 25 އިންސައްތަ ހިއްސާކުރެއެވެ.
މާލެއަތޮޅު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާކުރައްވައި، ފަތުރުވެރިކަމުގެ ނަފާ، ރައްޔިތުންގެ ގިނަބަޔަކަށް ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި ޙަސަން ޞާބިރު ކޮށްދެއްވި މުހިންމު މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން އިޝްތިހާރު ކުރައްވައި، ބޭރު މީހުން ރާއްޖެއަށް ޝައުޤުވެރިކުރުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ހަނދާންކޮށްލަން ޖެހެއެވެ.
ޙަސަން ޞާބިރަކީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 24 ފެބުރުވަރީ 2000 އިން 27 ފެބުރުވަރީ 2005 ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެކެވެ. މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައިލެއްވުމުގައިވެސް ޒިންމާދާރުކަމާއެކުގައި ޞާބިރު ވަނީ މަސައްކަތްޕުޅު ކުރައްވައިފައެވެ. އެހެންކަމުން، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައިވެސް ޞާބިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ.
11 ނޮވެންބަރު 2003 ގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފެށްޓެވި ރިޔާސީ 6ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ޢައްޔަން ކުރެއްވީ، ޙަސަން ޞާބިރެވެ. އަދި އެންމެ ގިނަ ދުވަހު އެ މަގާމު އަދާކުރެއްވި ބޭފުޅަކީ، ޙަސަން ޞާބިރުކަން ފާހަގަކޮށްލަން ޖެހެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރެއްވުމަށްފަހު، ޙަސަން ޞާބިރުގެ ޚިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ޚާރިޖީ ދާއިރާއިންނެވެ. އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް 24 އޮކްޓޫބަރު 2004 ގައި ޞާބިރު ޢައްޔަން ކުރެއްވިއެވެ. އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމާ ޞާބިރު ހަވާލުވެވަޑައިގަތީ، ވަރަށް ބޮޑު ޒިންމާއަކާ އެކުގައެވެ. ރައީސް މައުމޫންގެ ރިފޯމް އެޖެންޑާ ހިއްޕަވައިގެން، ވިލާތުގެ އެކި ޤައުމުތަކަށް ވަޑައިގެން، ޞާބިރު ކުރެއްވީ ތަޢުރީފު ޙައްޤުވާ ފަދަ ބުރަ މަސައްކަތްޕުޅުތަކެކެވެ. މިނިވަން އިންތިޚާބަކަށާއި، ފުރިހަމަ ޑިރޮކްރަސީއާ ދިމާއަށް ދިވެހިރާއްޖެ މިޞްރާބު ޖަހާފައިވާކަން ވިލާތުގެ ޤައުމުތަކަށާއި، ޔޫ.އެން.އަށް ޔަޤީންކޮށްދެއްވުމުގެ ޒިންމާދާރު މަސައްކަތްޕުޅު ޙަސަން ޞާބިރު ކުރެއްވީ، އިނގިރޭސިވިލާތުގެ ސަފީރު ކަމުގައި ހުންނަވައިގެންނެވެ.
2004ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭރުގެ އެހީ ހޯއްދެވުމަށްޓަކައި ޙަސަން ޞާބިރު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްނުލައި ދޫކޮށްލެވޭނެ މަސައްކަތްޕުޅުތަކެއް ނޫނެވެ. އެގޮތުން، ބީ.ބީ.ސީ.އަށާއި، ސީ.އެން.އެން.އަށް ދެއްވި އަސަރުގަދަ އިންޓަރވިއުތަކުގެ ރެކޯޑިންގ މިހާރުވެސް ފެންނާން އެބަހުއްޓެވެ.
ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް 31 އޮކްޓޫބަރު 2007 ގައި ޙަސަން ޞާބިރު ޢައްޔަން ކުރެއްވިއެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ކަމުގެ ގުޅުން ބަދަހިކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ. ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު 22 ނޮވެންބަރު 2008 ގައި ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ހަށިކޮޅު ރާއްޖެއަށް ގެންނަވައި، ރާއްޖޭގައި ފަސްދާނުލުމަށް އޭރުގެ ސަރުކާރުން ނިންމެވުމާ ގުޅިގެން، މަރުޙޫމް އިބްރާހީމް ނާޞިރުގެ ހަށިކޮޅު، ވެވަޑައިގެންނެވިހާ އަވަހަކަށް ރާއްޖެއަށް ގެންނެވުމަށް، ސިންގަޕޫރު ސަރުކާރާ ގުޅިގެން ކުރައްވަން ޖެހުނު އެންމެހައި މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ، ޙަސަން ޞާބިރެވެ. އަދި އެކަންކަން ވަރަށް އޮމާންކަމާއެކުގައި ކުރިއަށް ގެންދަވައި، ހަމަޖައްސަވަން ޖެހުނު އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖެހިގެންދިޔަކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.
2009ވަނަ އަހަރުން ފެށިގެން 2012ވަނަ އަހަރާ ދެމެދު، ޙަސަން ޞާބިރު ޚިދުމަތް ކުރެއްވީ، މެލޭޝިޔާގެ ހެލްޕް ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައެވެ. އޭރު މާއްދާއެއްގެ ގޮތުގައި، އެ ޔުނިވަރސިޓީގައި ކިޔަވައިދެއްވީ ޓޫރިޒަމެވެ. އެ މުއްދަތުގެ ތެރޭގައި، 2011ވަނަ އަހަރު، ސައުތު އޮސްޓްރޭލިއާ ޔުނިވަރސިޓީން މާސްޓަރޒް ޑިގްރީއެއްވެސް ޞާބިރު ހާސިލުކުރެއްވިއެވެ.
ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް 5 މާރިޗު 2019 ގައި ޙަސަން ޞާބިރު ޢައްޔަން ކުރެއްވުމާ ގުޅިގެން، ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ރާއްޖެއިން ފޮނުވާ ތަކެތީގެ ޑިއުޓީ މާފުކުރެއްވުމަށާއި، ޝެންގެން ވިސާ ދިވެހީންނަށް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ޞާބިރު ކުރެއްވިއެވެ. ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް 30 މޭ 2022 ގައި ޙަސަން ޞާބިރު ޢައްޔަން ކުރެއްވުމާ ހަމަޔަށް، މި ދެންނެވި މަސައްކަތުގައި އެ މަނިކުފާނު ދެމިހުންނެވިއެވެ.
17 ނޮވެންބަރު 2023 ގައި އުފެދުނު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައިވެސް ޙަސަން ޞާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރެވެ. ޙަސަން ޞާބިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރު ވެއްޖެއެވެ.
ޙަސަން ޞާބިރު، ޖީ.ސީ.އީ. އޯ.ލެވެލް އިމްތިޙާނު ނިންމެވީ، 1972 ވަނަ އަހަރުއެވެ. އެ އަހަރު އޯލެވެލްގެ ހުރިހާ މާއްދާއެއްގައި އަލަށް ބައިވެރިވި 16 ދަރިވަރުންގެ ތެރެއިން ހުރިހާ މާއްދާއަކުން ފާސްވި ދެ ދަރިވަރުންގެ ތެރޭގައި ޙަސަން ޞާބިރު ހިމެނިވަޑައިގަތެވެ. ޞާބިރުގެ ޙަޔާތްޕުޅުގައި އެންމެ އުފާފުޅުވެ ފަޚުރުވެރިވެވަޑައިގަންނަވަނީ މި ނަތީޖާއާމެދުގައެވެ. އަދި "އިނގިރޭސިބަސް" މި މާއްދާއިން ފާސްވުން ޚާއްޞަގޮތެއްގައި ޞާބިރު ފާހަގަކުރައްވައެވެ. ހަމަ އެ އަހަރު މަޖީދިއްޔާ ސްކޫލްގައި އޮތް ބަހުސް މުބާރާތުންވެސް ޙަސަން ޞާބިރު އެއްވަނަ ހޯއްދެވިއެވެ. މަޖީދިއްޔާގެ އޭރުގެ ޕްރިންސިޕަލް މިސްޓަރ ހައުސްލީ ދެއްވި ސްކޫލް ރިޕޯޓުގައި "ހަވާލުކުރެވުނު ކޮންމެ މަސައްކަތެއް، އިތުބާރާއެކުގައި ފުރިހަމައަށް ކުރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް" ލިޔުއްވައިފައިވާ ލިޔުއްވުން އެއީ، ޞާބިރުގެ ހިތްޕުޅުން ދުވަހަކުވެސް ފިލައިގެންދާނެ ބަސްކޮޅެއް ނޫނެވެ. މާތްﷲގެ ވާގިފުޅާއި، އެކަލާނގެ ތައުފީޤާއެކުގައި މިއަދާ ހަމަޔަށް ކުރެއްވި ކޮންމެ މަސައްކަތެއްގައި، އިތުބާރާއި ހިތްވަރާއި ޔަޤީންކަން ހޯއްދެވުމުގައި މިސްޓަރ ހައުސްލީ އެ ދެއްވި ޔަޤީންކަންވެސް ހިތްވަރަކަށްވިއެވެ. ޞާބިރު ގަބޫލުފުޅު ކުރައްވަނީ، އެ މީހަކީ ކިތަންމެ އާދައިގެ މީހަކަށްވީނަމަވެސް، އެ މީހަކަށްވެސް އާދަޔާ ޚިލާފު ނަތީޖާތަކެއް ނެރެވިދާނެ ކަމަށެވެ.
ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމުގައްޔާއި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ޚާއްޞަކޮށް، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، އެ ދާއިރާތަކުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ކުރައްވައިފައިވާ މަސައްކަތްޕުޅުތަކާއި، އަދި ބޭރުގެ ބައެއް ޤައުމުތަކަށް ރާއްޖެއިން ކަނޑައެޅި ސަފީރު ކަމުގެ މަގާމުގައި ހުންނަވައިގެން، އެ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކާއި، ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް (ނ.ޢ.ޢ.) އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ޙަސަން ޞާބިރަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅެވެ.