
ރުޤިއްޔާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ފ. ދަރަނބޫދޫ ކޯޓުގެ ކާތިބާގެ މަގާމުގައި، 1 އޮކްޓޫބަރު 1979 ގައެވެ. އޭގެފަހުން، ފ. ދަރަނބޫދޫ ކޯޓުގެ ސީނިއަރ ކްލާކުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ރުޤިއްޔާ އިބްރާހީމް، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދަރަނބޫދޫ ކޯޓުގެ ފައިސާއާ ގުޅޭ މަސައްކަތްތަކާއި، އިދާރީ މަސައްކަތްތަކާއި، ޝަރުޢީ ދާއިރާގެ އެންމެހައި މަސައްކަތްތައް އެ ވަގުތަކު ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިއެއްގެ އިރުޝާދުގެ ދަށުން ޒިންމާދާރުކަމާއެކުގައި، ކުރައްވައިފައިވެއެވެ. އަދި، ރުޤިއްޔާގެ ބެއްލެވުމުގެ ދަށުން މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެއްވުމާއި، އިރުޝާދު ދެއްވުމާއި، ސުޕަވައިޒް ކުރެއްވުމުގެ މަސައްކަތް ކުރައްވައިފައިވަނީ، ވަރަށް ފަރުވާތެރިކަމާ އެކުގައެވެ.
ސަރުކާރުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ރަށުގައި ކުރެވޭ މަސައްކަތްތަކުގައި ކޯޓު ތަމްސީލުކުރެއްވުމާއި، ކޯޓުތަކަށް އަމާޒުކޮށްގެން ހިންގި އެކިއެކި ޕުރޮގުރާމުތަކާއި، މަސައްކަތުގެ ހުނަރު އިތުރުކުރުމަށާއި، ފެންވަރު ރަނގަޅުކުރުމަށް ޖުޑީޝަރީން ރާއްވަވައި ހިންގެވި ކޯސްތަކާއި، ތަމްރީނު ޕުރޮގުރާމުތަކުގައި ރުޤިއްޔާ އިބްރާހީމް، ބައިވެރިވެވަޑައިގެންފައި ވެއެވެ.
1980ގެ އަހަރުތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން، އިސްވާރެއްގެ ގޮތުގައި ރުޤިއްޔާ، ޚިދުމަތްކުރައްވައިފައި ވެއެވެ. އަދި ރަށުގެ ކުޑަކުދިންނަށް ތަޖުވީދުގެ މަގުން ޤުރްއާން ކިޔަވައިދެއްވުމުގެ މަސައްކަތް، ރުޤިއްޔާ އިބްރާހީމް މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.
ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައިވެސް ރުޤިއްޔާ އިބްރާހީމް އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. އެގޮތުން، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ކޮމިޓީއާ ގުޅިވަޑައިގެންނެވުމަށްފަހު، ދިގު މުއްދަތެއްވަންދެން އެ ކޮމިޓީގެ ރައީސާކަން ކުރައްވައިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން، އެކިއެކި ކުޅިވަރުތަކާއި، ކޯސްތައް ރާއްވަވައި ހިންގަވައި، ކޮމިޓީގެ އިދާރީ މަސައްކަތްތައް ރުޤިއްޔާ ކުރެއްވިއެވެ. މީގެ އިތުރުންވެސް، ދަރަނބޫދޫ ޒުވާނުންގެ ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގައްޔާއި، ދަރަނބޫދޫ އެކެޑަމިކް އެސޯސިއޭޝަން (ދާ) ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެން ކޮށްދެއްވި ޚިދުމަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ.
ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރުޤިއްޔާ އިބްރާހީމް ފާހަގަކުރެވިފައިވަނީ، މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދެވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. ރުޤިއްޔާ އިބްރާހީމް، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 1 އޮގަސްޓު 2024 ގައެވެ.