އަލްފާޟިލާ ޢާރިފާ ޔޫސުފް
މއ. ސީބްރީޒް

ޢާރިފާ ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ގަވަރންމަންޓް ހޮސްޕިޓަލްގެ ނަރސް އެއިޑްގެ މަގާމުގައި، 8 ޖުލައި 1981ގައެވެ. ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ، އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢާރިފާ ޔޫސުފް މިހާރު ހުންނެވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެންރޯލްޑް ނަރސްގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ސެންޓްރަލް ހޮސްޕިޓަލުގެ 1 ނަންބަރު ނަރސްގެ މަގާމާއި، ސީނިއަރ ނަރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، އައި.ޖީ.އެމް.އެޗް.ގެ ސީނިއަރ ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޕްރެކްޓިކަލް ނަރސްގެ މަގާމަށް ބަދަލުވެވަޑައިގެންނެވުމަށް ފަހުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގައެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައިވަނީވެސް އެ ޑިޕާޓްމަންޓުގައެވެ. އެ ޑިޕާޓްމަންޓުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 24 އަހަރަށްވުރެ ދިގު މުއްދަތެއްވަނީ ވެފައެވެ.

ޢާރިފާ ޔޫސުފް ފުރަތަމަ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން، ހޮސްޕިޓަލުގެ ތަފާތު ވޯޑުތަކުގައި ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން، އީ.އެން.ޓީ. ވޯޑާއި، މެޑިކަލް ވޯޑާއި، ސަރޖިކަލް ވޯޑާއި، ޕީޑިއެޓްރިކް ވޯޑާއި، ގައިނީ ވޯޑާއި، އޮޕަރޭޝަން ތިއޭޓަރާއި، ލޭބަރ ރޫމުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ވަޒީފާގައި ޚިދުމަތްކުރައްވަން ފެށްޓެވިތާ މާގިނަދުވަހެއްނުވެ، އިންޑިއާގެ މަދޫރާއީގެ އަރަވިންދު އައި ހޮސްޕިޓަލް އެންޑް ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް އޮފްތަލްމޮލޮޖީގައި، އޮފްތަލްމިކް ނަރސަސް ޓްރެއިނިންގ ޕުރޮގުރާމެއްވަނީ ފުރިހަމަ ކުރައްވައިފައެވެ. ޢާރިފާއަކީ، އޮފްތަލްމިކް ނަރސަސް ޓްރެއިނިންގ އަކަށް ޑަބްލިޔޫ.އެޗް.އޯ.ގެ އެހީގައި، ދިވެހި ސަރުކާރަށް ލިބުނު ފުރުސަތެއްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް ފޮނުއްވި ދެ ނަރުހުންގެ ތެރެއިން އެއް ނަރުހެވެ. މި ފުރުސަތު ފަހިވުމުގެ އަސްލަކަށްވީ، އަތޮޅު ތެރޭގައި ބާއްވަވަމުން ގެންދެވި އައިކޭމްޕުތަކުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައި ވުމެވެ. އެގޮތުން، ހދ. ކުޅުދުއްފުށްޓާއި، ސ. ހިތަދޫގައި ބޭއްވި އައިކޭމްޕް ތަކުގައި ޢާރިފާ މަސައްކަތްކުރައްވައިފައި ވެއެވެ. އަދި ތަމްރީނަށްފަހު، ބ. އޭދަފުށްޓާއި، މ. މުލީގައި ބޭއްވި ކޭމްޕުތަކުގައިވެސް ޢާރިފާ ބައިވެރިވެވަޑައިގެންފައި ވެއެވެ. އެ ދާއިރާގެ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނުތައްވެސް ޢާރިފާ ފުރިހަމަ ކުރައްވައިފައި ވެއެވެ. އެގޮތުން، އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގައި ފުރިހަމަ ކުރެއްވި ތަމްރީނު ފާހަގަކޮށްލަން ޖެހެއެވެ. ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ނަރުހުންނަށް، ޢާރިފާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްދެއްވައި އަދި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވަމުން ގެންދަވައިފައި ވެއެވެ.

ޢާރިފާއަކީ، ކަމަށްކަމޭހިއްތަވައިގެން، އިޚުލާޞްތެރިކަމާއި މުރާލިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ނަރުހެކެވެ. އަދި ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއްމެ ޒިންމާދާރުކަމާއެކުގައި ކުރައްވަމުން ގެންދެވި މުވައްޒަފެއްވެސް މެއެވެ. އައި.ޖީ.އެމް.އެޗް. އާއި، މޯލްޑިވްސް އޮފްތަލްމޮލޮޖީ ސޮސައިޓީންވެސް ޢާރިފާގެ ޚިދުމަތް ފާހަގަކުރައްވައި، ޢާރިފާއަށް ހަނދާނީ ލިޔުން އަރުވައިފައި ވެއެވެ. ހަމައެހެންމެ، ބަރާބަރަށް ޑިއުޓީއަށް ނުކުންނަވާ އަދި ހާޒިރީއަށް ފަރުވާތެރި މުވައްޒަފަކަށްވުމުން، އެކަމުގެ އަގުވަޒަންކުރައްވައި ދެއްވި އެކްސެލެންސް އިން އެޓެންޑެންސް އެންޑް ޕަންކްޗުއަލިޓީ ސެޓްފިކެޓްވެސް އެތައް އަހަރަކު ޢާރިފާ ހާސިލުކުރައްވައިފައި ވެއެވެ. އަދި އެވޯޑް އޮފް އެކްސެލެންސް ފޮރ ލޯންގ ސަރވިސް އިން ދަ ފީލްޑް އޮފް އޮފްތަލްމޮލޮޖީއާއި، 25 އަހަރުގެ ޚިދުމަތާއި، 30 އަހަރުގެ ޚިދުމަތުގެ ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ. ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާތީ، ލޯންގް ސަރވިސް އެވޯޑާއި، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގެ ތެރޭގައި، ޢާރިފާ ޔޫސުފް ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޝަރަފުގެ ހަނދާނީ ލިޔުންވެސް ޢާރިފާއަށް ލިބިވަޑައިގެންފައި ވެއެވެ.