
ފައުޒިއްޔާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ގަވަރންމަންޓް ހޮސްޕިޓަލްގެ ނަރސް އެއިޑް މަގާމުގައި 1 ޖުލައި 1981 ގައެވެ. ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ ފައުޒިއްޔާ މުޙައްމަދު 14 މޭ 2025 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސްގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ސެންޓްރަލް ހޮސްޕިޓަލްގެ ނަރސް އެއިޑްގެ މަގާމާއި، 1 ނަންބަރު ނަރުސްގެ މަގާމާއި، ސީނިއަރ ނަރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، ސީނިއަރ ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ފައުޒިއްޔާ މުޙައްމަދު، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، ބަލިމީހުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތެވެ. އޭގެތެރޭގައި، އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުން ބެލެހެއްޓެވުމާއި، އެމީހުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދެއްވުމާއި، ގަޑިންގަޑިއަށް ބޭސް ދެއްވުމާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުމާއި، އެމީހުންނަށް ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ކުރިމަތިވާ އުނދަގޫތައް ޑޮކްޓަރުންނާ ހިއްސާކުރައްވައި، ދެވެން އޮންނަ އެންމެ ރަނގަޅު ފަރުވާއެއް ދެއްވުމަށް މަސައްކަތްކުރެއްވުން ހިމެނެއެވެ. ފައުޒިއްޔާ މުޙައްމަދު ވަނީ، ހޮސްޕިޓަލްގެ އިމަރޖެންސީ ޑިޕާޓްމަންޓުގައްޔާއި، ބްލަޑް ބޭންކުގައްޔާއި، މެޑިކަލް ވަރޑުގައްޔާއި، ސަރޖިކަލް ވަރޑުގައްޔާއި، ލޭބަރ ރޫމްގައްޔާއި، ކުޑަކުދިންގެ ވަރޑް އަދި އޭ.އެން.ސީ. އާއި، އެމް.ސީ.އެޗް. ކުލިނިކްގައްޔާއި، އޮޕަރޭޝަން ތިއޭޓަރ، އެނެސްތީޒިއާ ނަރސްއެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައެވެ. މީގެއިތުރުން، ނަރސިންގ ކޯސް ފުރިހަމަކުރާ ދަރިވަރުންނަށްވެސް އެހީތެރިކަން ދެއްވައިފައި ވެއެވެ.
ފައުޒިއްޔާ މުޙައްމަދު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ 4 ސަރަހައްދަކަށް ބަހައިލައިގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައްޔާއި، އައްޑު އަތޮޅު ރީޖަނަލް ހޮސްޕިޓަލްގައްޔާއި، ބ. އަތޮޅު ހޮސްޕިޓަލްގައްޔާއި، ތ. އަތޮޅު ހޮސްޕިޓަލްގައި ބޭއްވުނު އައި ކޭމްޕްގައި ބައިވެރިވެވަޑައިގެން ޢަމަލީ ގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެއިތުރުން، ވަކިވަކި އަތޮޅުތަކުގައި ބޭއްވުނު ސަރޖަރީ ކޭމްޕްތަކުގައިވެސް ފައުޒިއްޔާ ބައިވެރިވެވަޑައިގެން ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ފައުޒިއްޔާ މުޙައްމަދު ވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައްޔާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައިވެސް ޚިދުމަތް ކުރައްވައިފައެވެ.
1988 ނޮވެންބަރު 3ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި ޒަޚަމްވި މީހުންނަށް، އެ ނުރައްކާތެރި މާހައުލުގައި، ޑިއުޓީ އަދާކުރެއްވުމުގައި ދެމިހުންނަވައިގެން ފަރުވާ ދެއްވާފައިވާތީ، ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރެއްވުމުގެގޮތުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޝަރަފުގެ ހަނދާނީ ލިޔުމާއި، ޞިއްޙީ ދާއިރާއަށް 25 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާތީ، މިނިސްޓްރީ އޮފް ހެލްތުން ދެއްވި ހަނދާނީ ލިޔުމާއި، ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، އެ ދާއިރާއަށް 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާތީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ދެއްވި ޚާއްޞަ އެވޯޑް ފައުޒިއްޔާއަށް ލިބިވަޑައިގެންފައި ވެއެވެ.
ފައުޒިއްޔާ މުޙައްމަދު އެންމެ ފަހުން މަސައްކަތް ކުރެއްވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ އޮފްތަމްމޮލޮޖީ ޑިޕާޓްމަންޓްގައެވެ.