ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާން
މ. ގުލްފާމުގެ

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޤާނޫނީ ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާން، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވަން ފެށްޓެވީ، ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލޮމްބޯއިންނެވެ. ބެޗްލަރ އޮފް ލޯސް ހާސިލުކުރައްވައިފައި ވަނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިންނެވެ. އޭގެފަހުން، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވައިފައި ވެއެވެ. އެ މަނިކުފާނަކީ، ދަ ހޭގް އެކެޑަމީ އޮފް އިންޓަރނޭޝަނަލް ލޯގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯއިން ފެލޯޝިޕެއް ފުރިހަމަކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާން، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 19 ފެބުރުވަރީ 1983 ގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ ކަމުގެ މަގާމުންނެވެ. އޭގެފަހުން، އެ މިނިސްޓްރީގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ، ލީގަލް އެފެއާޒް ކަމުގެ މަގާމު އަދާކުރެއްވިއެވެ. އެންމެ ދިގު މުއްދަތަކަށް އެ މަނިކުފާނު ޚިދުމަތް ކުރެއްވީ، ޚާރިޖީ ދާއިރާގައެވެ. 1994 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް އަދި ކޮންސިއުލަރ ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އެ ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީވެސް އެ މަނިކުފާނެވެ. 

އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުން ހިމެނެއެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކޫލްތަކުގައްޔާއި، ކޮލެޖްތަކުގައި ޤާނޫނު ކިޔަވައިދެއްވުމަށްޓަކައި ތަޢުލީމީ ޕްރޮގްރާމްތައް ފުޅާކުރެއްވުމުގެ މަސައްކަތްތަކުގައިވެސް އެ މަނިކުފާނު ވަނީ ވަރަށް އިސް އަދި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ރާއްޖޭގައި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރުމަށް ވަކި މަރުކަޒެއް ނެތް ދުވަސްވަރު، އޭ ލެވެލްގައި "ޤާނޫނު" މާއްދާއެއްގެ ގޮތުގައި ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުން މަޖީދިއްޔާ ސްކޫލަށް ގެންދަވައިގެން، އޭ ލެވެލްއަށް ޚާއްޞަ ލޯ ކުލާސްތަކެއް، 1994 ވަނަ އަހަރު ނަންގަވައިދެއްވަން ފެށްޓެވިއެވެ. މިއީ، އެ މަނިކުފާނު އަމިއްލަފުޅު އިސްނެންގެވުމެއްގެ މަތިން ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. އޭގެތެރެއިން ބައެއް ދަރިވަރުންނަކީ، ޤާނޫނީ ދާއިރާގައި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކޮށްލަންޖެހެއެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، މިހާރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަގާމުވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. 24 އެޕްރީލް 2001ން ފެށިގެން 2 ނޮވެންބަރު 2005ގެ ނިޔަލަށް އެ މަގާމު އަދާކުރެއްވިއެވެ. އެ ޔުނިވަރސިޓީގައި ފުރަތަމަފަހަރަށް ޝަރީޢާ އެންޑް ލޯގެ ޑިގްރީ ޕުރޮގުރާމުގެ ދަރިވަރުން ދަސްވެނިވީ، މުޢުތަޞިމްގެ ޑީންކަމުގެ ދައުރުގައިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އަދި މިއަދު ދިވެހިރާއްޖޭގައި ޚިދުމަތް ކުރައްވާ ބައެއް ވަކީލުންނާއި ފަނޑިޔާރުން، މެޖިސްޓްރޭޓުންނާއި ދަށު ކޯޓުގެ ޤާޟީން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ހިމެނޭހެން، އެބޭފުޅުންނަކީ، އެ މަނިކުފާނުގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޤާނޫނީ ފަންނުގެ ރޮނގުންވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1992 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯ ފާރމެއް ރަޖިސްޓަރީ ކުރެއްވުމަށް އިސްނެންގެވީ، އެ މަނިކުފާނެވެ. އެއީ "ކްލިޕަރ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސް"ގެ ނަމުގައި ރަޖިސްޓަރީ ކުރެވުނު ފުރަތަމަ ލޯ ފާރމެވެ. އެ މަނިކުފާނުގެ ޤާނޫނީ ޚިދުމަތް ފުޅާވަމުން އައީ، މި ލޯ ފާރމުގެ ޚިދުމަތާ އެކުގައެވެ. އެ މަނިކުފާނަކީ، ޤާނޫނީ ދާއިރާއިން ރާއްޖެއިން ބޭރުން ތަމްރީނު ހޯއްދަވައިގެން، ރާއްޖޭގައި ވަކާލާތު ކުރައްވަން ފެށްޓެވި ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލެކެވެ. އެ މަނިކުފާނުގެ ޤާނޫނީ މަސައްކަތްޕުޅު ޚާއްޞަވެފައި ވަނީ، ވިޔަފާރީގެ ޤާނޫނަށެވެ. ނުވަތަ ކޮމަރޝަލް ލޯއަށެވެ. އެހެންކަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކަކަށް އެ މަނިކުފާނު ވަނީ ޤާނޫނީ ލަފާ ދެއްވައިފައެވެ. ރާއްޖޭގައި އެ ދުވަސްވަރު ހިންގައިފައިވާ ބޮޑެތި މަޝްރޫޢުތަކުގައި، ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި ދައުލަތުން ހިންގެވި ބޮޑެތި މަޝްރޫޢުތަކުން ފެށިގެން، އަމިއްލަ ފަރާތްތަކުން ބިނާކުރި ރިޒޯޓުތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކާ ހަމަޔަށް ޤާނޫނީ ޚިދުމަތް އެ މަނިކުފާނު ވަނީ ފުޅާކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެ މަނިކުފާނު ޢައްޔަންކުރެއްވުމާ ހަމަޔަށް މި ދެންނެވި ލޯ ފާރމްގެ ބައިވެރިއެއްގެ ގޮތުގައި އަދި އިސްބޭފުޅެއްގެ ގޮތުގައި އެ މަނިކުފާނު ހުންނެވިއެވެ.

ފަނޑިޔާރު ކަމުގެ ދާއިރާއިން ދައުލަތުގެ ޚިދުމަތް އެ މަނިކުފާނު ފެށްޓެވީ، 15 އޮގަސްޓު 2010 ގައެވެ. 2008 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި، 14 ޑިސެންބަރު 2014ގެ ނިޔަލަށް އެ މަނިކުފާނު ވަނީ ޚިދުމަތް ކުރައްވައިފައެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު، އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ، 8 ޑިސެންބަރު 2019 ގައެވެ. 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެންމެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީވެސް އަޙްމަދު މުޢުތަޞިމް ޢަދުނާންކަން ފާހަގަކޮށްލަންޖެހެއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި އެ މަނިކުފާނު ހޭދަކުރެއްވި މުއްދަތުގައި ފަނޑިޔާރުގޭގެ ޢަދުލު އިންޞާފުގެ ކަންކަން އިހަށްވުރެ ހާމަކަންބޮޑު ގޮތެއްގައި ކުރިއަށްގެންދެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ފެށްޓެވިއެވެ. މީގެތެރެއިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ލައިވް ކުރަން ފެށްޓެވިއެވެ. އަދި އޮންލައިން ޝަރީޢަތްތައް އާންމުކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ޝަރީޢަތުގެ މަޖީލީހުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ. އަދި ނިންމަވާ މައްސަލަތަކުގެ ރެކޯޑިންގއާއި، ރައުޔާއި ޙުކުމް، އެ މައްސަލައެއް ނިންމާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އާންމުކޮށް ލިބޭނޭހެން ހާމަކުރައްވަން ފެށްޓެވީވެސް އެ މަނިކުފާނުގެ ބައިވެރިވެވަޑައިގަތުމާ އެކުގައެވެ. މީގެއިތުރުން، ރާއްޖޭގެ ހުރިހާ ކޯޓެއްގައި ނިންމާ ނިންމުންތައް، ދުވަހުން ދުވަހަށް އާންމުކުރުމަށް އެ މަނިކުފާނު އިރުޝާދު ދެއްވިއެވެ. އަދި ކުރާ ކޮންމެ ޙުކުމެއް އާންމުންނަށް ތިލަވާ ބަސްމަގަކުން ކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މީގެއިތުރުންވެސް، ފަނޑިޔާރުގޭގެ ގިނަ ޚިދުމަތްތަކަކަށް ޒަމާނީ ކުރިއެރުންތަކެއް އެ މަނިކުފާނު ވަނީ ހޯއްދަވައި ދެއްވައިފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ފަނޑިޔާރުގޭގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށާއި، ވަކީލުންނަށް އިތުރު ފަސޭހަތަކާއި، އެ ބޭފުޅުންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދިޔައެވެ. އަދި މިކަންކަމުގެ ތެރެއިން ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިޢާދަކުރެވުނެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޤާނޫނީ ޙުކޫމަތު ނެގެހެއްޓެވުމަށްޓަކައި ވަރުބަލިފުޅުކަމެއްނެތި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ލިޔުއްވި އަޤައްލިއްތު ރައުޔު ފަހުން، އިޞްލާޙު ކުރެވޭ ޤާނޫނުތަކުގައި ހިމަނައި، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކޯޓުގެ ނިންމުންތައް ރިވިއު ކުރަމުން ގެންދާއިރު، އަޣްލަބިއްޔަތު ރައުޔަށްވެސް ބަދަލުވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

އެ މަނިކުފާނަކީ ފަނޑިޔާރުންގެ ޤާބިލުކަން އިތުރުކުރެއްވުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. ދޭދޭ ޤައުމުތަކުގެ އިސް ވެރިންނާއި ޖުޑީޝަރީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހި ޖުޑީޝަރީއާއެކުގައި އޮތް ގާތް ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވައި، ރާއްޖޭގެ ޖުޑީޝަރީ ތަރައްޤީ ކުރެއްވުމަށް ބައިނަލްއަޤްވާމީ އެހީ ހޯއްދަވައި ދެއްވުމުގައި މުހިންމު ދައުރެއް އެ މަނިކުފާނު އަދާކުރެއްވިއެވެ. އަދި ދޭދޭ ޤައުމުތަކުގެ އެހީއާއި، ލިބިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރައްވައިގެން، ފަނޑިޔާރުންނަށް ގިނަ ތަމްރީނުތަކެއް ފޯރުކޮށްދެއްވުމަށްވެސް މަސައްކަތްޕުޅު ކުރެއްވިއެވެ. އެގޮތުން، މި މަސައްކަތްޕުޅުން 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ގިނަ ފުރުޞަތުތަކެއް ފަހިވެފައިވާކަމާއި، މިއީ، ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ ތާރީޚުގައި އެންމެ ގިނަ ބަޔަކަށް ތަމްރީނު ދެވުނު މުއްދަތުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެ މަނިކުފާނަކީ މިންތީގެ ހަމަހަމަކަމަށް އިސްކަންދެއްވި ބޭފުޅެއްވެސް މެއެވެ. ފަނޑިޔާރުގޭގައި އަންހެނުންނަށް އޮތް ދައުރު ފުޅާކުރައްވައި، އަދި މިންތީގެ ހަމަހަމަކަމަށް އިސްކަންދެވޭގޮތަށް ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ވިސްނުންފުޅު ބެހެއްޓެވި ނަމޫނާ ޝަޚުޞިއްޔަތެއްވެސް މެއެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ މެންބަރު ކަމާއި، 2003 ވަނަ އަހަރު ފުރަތަމަ އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމާއި، ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެންބަރު ކަމާއި، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުގެ ބޯޑުގެ ޑިރެކްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަނަރަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔަރ ކުރެއްވީ، މި ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އުމުރުފުޅުން 60 އަހަރު ވުމުން، މި މަގާމުން ރިޓަޔަރ ކުރެއްވުމަށް އެ މަނިކުފާނު ވަނީ މާކުރިއްސުރެވެސް ނިންމަވައިފައެވެ.

ރިޓަޔަރ ކުރެއްވިއިރު، ޚާރިޖީ ދާއިރާގައި 10 އަހަރު، ފެކަލްޓީ އޮފް ލޯގެ ޑީން ކަމުގައި 4 އަހަރާއި 6 މަސް ދުވަހު، ފަނޑިޔާރުކަމުގައި 9 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އަދި މިއާއެކުގައި ޤާނޫނީ ދާއިރާއަށް 33 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފައިވެއެވެ.

ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ޤާނޫނީގޮތުން ދެއްވަންޖެހޭ ލަފާ ދެއްވުމުގައި އިޚްލާޞްތެރިކަމާއެކުގައި ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް (ނ.ޢ.ޢ.ވ) އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް މިއަދު ވަރަށް ޚާއްޞަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެކެވެ.