އަލްފާޟިލް ޢައްބާސް އަޙްމަދު
ދޫޑިގަން. ކޯރަސް، ޏ. ފުވައްމުލައް

ޢައްބާސް އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 ޖަނަވަރީ 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭ މަދަރުސާ/ މަކުތަބުތަކުގެ މުދައްރިސެއްގެ ވަޒީފާއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭ ޕްރައިމަރީ ޓީޗަރު ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ފުވައްމުލަކު ސްކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް (އެޑްމިނިސްޓްރޭޝަން) ކަމާއި، ކ.މާފުށީ ސްކޫލުގެ ސްކޫލް އެޑްމިނިސްޓްރޭޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޢައްބާސް އަޙްމަދު، ދިވެހި ދައުލަތަށް އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޚިދުމަތް ކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިންގަވާ އަތޮޅުތަކުގެ ސްކޫލު ތަކުގައެވެ. އެތަންތަނުގައި ކިޔަވައިދެއްވައި، ސްކޫލްތަކުގެ އިދާރީ މުވައްޒަފުންގެ ހުރިހާ ކަމަކާއި، ބަޖެޓާ ގުޅޭ ހުރިހާ މަސައްކަތަކާއި، އިދާރީ ހިންގުމާ ގުޅޭ އެންމެހައި ކަންކަން ހިންގަވައި ބަލަހައްޓަވައިފައި ވެއެވެ. ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، ސ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އޭގެ އިތުރުން، ސ.ހިތަދޫ ސްކޫލުގައްޔާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ފުވައްމުލަކު ސްކޫލުގައްޔާއި، މާފުށީ ސްކޫލުގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ. ޢައްބާސް އަޙްމަދު، ގްރޭޑް 1 އިން ގްރޭޑް7 އަށް ކިޔަވައިދެއްވާފައިވާއިރު، ކިޔަވައިދެއްވި މާއްދާތަކުގެ ތެރޭގައި ހިސާބާއި ދިވެހި މާއްދާ ހިމެނެއެވެ.

1993ވަނަ އަހަރުން ފެށިގެން ޢައްބާސް އަޙްމަދު، ޚިދުމަތް ކުރެއްވި ސްކޫލުތަކުގެ ބަޖެޓާއި، ފައިސާއާބެހޭ ސެކްޝަންގެ އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި 2015ވަނަ އަހަރުން ފެށިގެން، ފުވައްމުލަކު ސްކޫލުގެ އެޑްމިން ސެކްޝަނުގެ އިންޗާޖެއްގެ ގޮތުން، އެ ސެކްޝަން ހިންގެވުމުގެ މަސްއޫލިއްޔަތާއި ޒިންމާވެސް ގެންދަވަނީ އުފުއްލަވަމުންނެވެ.

ޢައްބާސް އަޙްމަދަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ސްކޫލު ހިންގެވުމުގެ ކަންކަން ކުރިއަށް ގެންދަވައި، ފައިސާއާއި ބަޖެޓާ ގުޅޭ އެންމެހައި ކަންކަން، މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ނަމޫނާ ޚިދުމަތްތެރިއެއްވެސް މެއެވެ.

ޢައްބާސް އަޙްމަދު ވަނީ، "އެކުވެރިންގެ ޖިހާދު"ގެ ނަމުގައި ފުވައްމުލަކުގައި ހިންގި، ސަނަދަށް ކިޔަވައިދޭ ކްލާހުގައިވެސް ކިޔަވައިދެއްވައިފައެވެ. އަދި، "މަދަރުސަތުލް ޖިހާދު"ގެ ނަމުގައި ފުވައްމުލަކުގައި އަލަށް ހުޅުވި ޕްރީސްކޫލުގެ ކްލާސްތަކަށް ކިޔަވައިދެއްވުމުގެ މަސައްކަތާއި، އެ ތަނުގެ އިސްވެރިއެއްގެ ގޮތުން އެ ސްކޫލު ހިންގެވުމުގެ މަސައްކަތްވެސް ޢައްބާސް އަޙްމަދު ކުރައްވައިފައި ވެއެވެ.

6 އޮކްޓޫބަރު 2015 އިން ފެށިގެން ޢައްބާސް އަޙްމަދު އަދާކުރައްވަމުން ގެންދަވަނީ، ފުވައްމުލަކު ސްކޫލްގެ ސްކޫލް އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ.