އަލްފާޟިލް އަޙްމަދު ސަލީމް
މ. މާހުރާ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ސަލީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ޤަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އަޙްމަދު ސަލީމް، ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީވެސް އެ ދާއިރާއިން 7 ޖުލައި 1968 ގައެވެ. މިގޮތުން ޚާރިޖީ ދާއިރާގައި އަޙްމަދު ސަލީމް ވަނީ އެކިފަހަރުމަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައެވެ. ފުރަތަމަ އަދާކުރެއްވީ ޔޫ.އެން. އޯގަނައިޒޭޝަނާބެހޭ ބައިގެ ސްޓެނޯ-ޓައިޕިސްޓް ކަމެވެ. އޭގެ ފަހުން ޚާރިޖީ ދާއިރާގައި ފުރުއްވި މަގާމުތަކުގެ ތެރޭގައި، ޔުނައިޓެޑް ނޭޝަންސް ޑިވިޜަންގެ އިނގިރޭސި ސެކްރެޓެރީކަމާއި، ސިލޯނުގައި ހުންނަ ދިވެހި އެމްބަސީގެ ޕާސްޕޯޓް އޮފިސަރުކަމާއި، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އެސިސްޓެންޓް ޕްރޮޓޮކޯލް އޮފިސަރުކަމާއި، ވަކީލުކަމާއި، ޕަރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ކައުންސިލަރު ކަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވަކީލުކަމާއި، ސީނިއަރ އަންޑަރ ސެކްރެޓެރީކަން ހިމެނެއެވެ. އަދި ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ. މީގެއިތުރުން، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރަކީވެސް އަޙްމަދު ސަލީމެވެ. ސާކްގެ ޑިރެކްޓަރުކަން އެއްދައުރު އަދާކުރައްވައިފައި ވެއެވެ. އޭގެފަހުން، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ވަނީ ފުރުއްވައިފައެވެ. ޖުމުލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ސަލީމް ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ސާކުގެ ހިންގުން ކުރިއަށްވުރެ މާ ހަރުދަނާ ގޮތެއްގައި ބައްޓަން ކުރުމަށާއި، ސާކުގެ ސެކްރެޓޭރިއެޓަށް ބައެއް އިޞްލާޙީ ބަދަލުތައް ގެނައުމުގެ މަގުސަދުގައި ސާކް ސެކްރެޓޭރިއެޓުން އެންމެ ފުރަތަމަ ދިރާސާއެއް ހެދީ އަޙްމަދު ސަލީމް ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވިއިރު 2013ވަނަ އަހަރުއެވެ. މި ދިރާސާ ހެދުމުގައި އަޙްމަދު ސަލީމް އަދާކުރެއްވި ދައުރު ވަރަށް ބޮޑެވެ. މި ދިރާސާގެ ސަބަބުން ސާކުގެ ހިންގުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އަޙްމަދު ސަލީމަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަންވެސް ވަނީ ކުރައްވައިފައެވެ.

އަޙްމަދު ސަލީމް ރާއްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ބައިނަލްއަޤުވާމީ އެތައް ބައްދަލުވުންތަކެއްގައި ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ބޭރު ޤައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ވަނީ ކޮށްދެއްވައިފައެވެ. މީގެއިތުރުން، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން ބޭރު ޤައުމުތަކާ މުވާސަލާތުކޮށް، އެކަމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެއްވައި، އެހީ ހޯއްދަވައިދެއްވުމުގައި އަޙްމަދު ސަލީމް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

އަޙްމަދު ސަލީމަކީ، ދުނިޔޭގެ ޚާރިޖީ ކަންކަން ދިރާސާ ކުރެއްވުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. މިގޮތުން ދުނިޔޭގެ ޚާރިޖީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ޚާއްޞަކޮށް، ދެކުނު އޭޝިއާ ސަރަޙައްދުގެ މައްސަލަތަކާ ގުޅޭގޮތުން އެކި މަޒުމޫނާއި ލިޔުންތައް، ނޫސްތަކުގައި ޝާއިޢު ކުރައްވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚާއި އާދަކާދަތައް، އެ މިނިސްޓްރީއާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ ހިއްސާ ކުރައްވަމުން ގެންދަވައެވެ. އަޙްމަދު ސަލީމް ވަނީ އެ މިނިސްޓްރީގެ "ފޮރިން ސަރވިސް އިންސްޓިޓިއުޓް" ވެސް ހިންގަވައިފައެވެ. ޚާރިޖީ ދާއިރާގައި ޤާބިލު މުވައްޒަފުންތަކެއް އުފެއްދެވުމަށް ގިނަގުނަ މަސައްކަތްތަކެއް ސަލީމް ވަނީ ކުރައްވައިފައެވެ. ޒަމާނީ ފޮރިން ސަރވިސްއަކަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ ބަދަލުވުމުގައިވެސް އަޙްމަދު ސަލީމުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

އަޙްމަދު ސަލީމް ފާހަގަކުރެވެނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެށްޓެވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ވަރަށް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި އެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

އަޙްމަދު ސަލީމަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގައިވެސް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު ޢަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.

އަޙްމަދު ސަލީމް ފުރުއްވައިފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ފުރުއްވައިފައިވެއެވެ.

އަޙްމަދު ސަލީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 54 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.