އަލްފާޟިލާ ސަހީމާ އާދަމް
ޖޯޖިޔާ، ހދ. ކުޅުދުއްފުށި

ސަހީމާ އާދަމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 20 ޖަނަވަރީ 1982 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފެމިލީ ހެލްތު ވަރކަރއެއްގެ ގޮތުގައެވެ. އެއަށްފަހު، އެ ޑިޕާޓްމަންޓުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ 2 ނަންބަރު ނަރސްގެ މަގާމާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 2 ނަންބަރު ނަރސްގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ 1 ނަންބަރު ނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖޫނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، އެސިސްޓެންޓް ނަރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ސަހީމާ އާދަމް މިހާރު ހުންނެވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސްގެ މަގާމުގައެވެ. އަދި، އެ މަގާމުގެ އެކިއެކި ރޭންކުތައްވެސް ފުރުއްވައިފައި ވެއެވެ.

ސަހީމާ އާދަމް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 43 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ސަހީމާ އާދަމް، ޞީއްޙީ ދާއިރާއާ ގުޅިވަޑައިގަތީ، ޞިއްޙީ ނިޒާމު ވަރަށް ދަށްކޮށް އޮތް ދުވަސްވަރެއްގައެވެ. އެއީ، ޓީ.ބީ. ބަލި އާންމު ވެފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، އާދަޔާ ޚިލާފަށް ކެއްސާ މީހާކު ފެނިއްޖެނަމަ، އެމީހެއްގެ ކުޅުނަގައިގެން ޓެސްޓްކޮށް މާލެ ފޮނުވި ދުވަސްވަރެކެވެ. ޓެސްޓްކުރަންޖެހެނީވެސް ގާކޮޅެއްގެ މަތީގައި ދެ ދަނޑިކޮޅު ބާއްވައިފައި ބޮނބިގަނޑެއްގައި އަލިފާން ރޯކޮށްގެން ސްލައިޑް ފްލޭމް ކުރުމަށްފަހުގައެވެ. އަދި އެއީ، ދަތުރުފަތުރުގެ ނިޒާމުވެސް އުނދަގޫ ދުވަސްވަރެއްކަމުން، ބަލިމީހާއަށް ދޭނެ ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވިކަން ސަހީމާ އާދަމް ފާހަގަކުރައްވައެވެ. ބަލިމީހާއަށް ބޭސް ދެއްވަނީ އެމީހުންގެ ގޭގެއަށް ވަޑައިގެންނެވެ.

ސަހީމާ އާދަމް، މާލޭގައި ސެންޓްރަލް ހޮސްޕިޓަލްގައްޔާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތަފާތު ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރައްވައިފައި ވެއެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެލް.އެސް.އެސް.ޑީ. އޮޓްކުލޭ ރޫމްގައެވެ.

ޞިއްޙީ ނިޒާމާއި، ދަތުރުފަތުރުގެ ކަންކަން އޮތް ދަތިހާލުގެ ސަބަބުން، މާބަނޑު މީހުންނާއި އެނޫން ބަލިމީހުންނާ އެކުގައި މާލެއަށް ކުރާ ދަތުރުމަތީގައި ބަލިމީހާ ދުނިޔެ ދޫކޮށްފައިވާ ހިތާމަވެރި ހާދިސާތަކާވެސް ސަހީމާއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވެއެވެ. މިފަދަ ކަންކަމަކީ، މިއަދާ ހަމައަށްވެސް ސަހީމާ އާދަމްގެ ހިތްޕުޅުން ފިލައިގެން ނުދާ ހަނދާންތަކެކެވެ.

ސަހީމާ އާދަމް ފާހަގަކުރެވިފައިވަނީ، ދަތި އުނދަގޫ ހާލަތުގައިވެސް ދައުލަތަށާއި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ދެގޮތެއްނުވެ ހިތްވަރާއެކުގައި މަސައްކަތްކުރެއްވި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި މަސައްކަތަށް ފަރުވާތެރި، ބަލިމީހުންނަށް އޯގާތެރި، ބަލިމީހުންނާއި ބަލިމީހުންގެ ޢާއިލާގެ މީހުންގެ ރުހުމާއި ލޯބި ލިބިވަޑައިގެންފައިވާ، އެކުގައި މަސައްކަތްކުރާ އެހެން ނަރުހުންނާ ގުޅިގެން މަސައްކަތްކުރައްވާ ލާމަސީލު ނަމޫނާ ޚިދުމަތްތެރިއެއްގެ ގޮތުގައިވެސް މެއެވެ.