އަލްފާޟިލާ ނަފީސާ އިބްރާހީމް
ބިންމާގެ، ނ. މާޅެންދޫ

ނަފީސާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 20 ޖަނަވަރީ 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފެމިލީ ހެލްތް ވަރކަރގެ މަގާމެވެ. 22 އެޕްރީލް 1982 ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާ ކަމުގެ މަގާމަށް ބަދަލުކުރެއްވުމާގުޅިގެން 25 އަހަރަށްވުރެ ދިގު މުއްދަތަކަށް، އެ މަގާމުގައި ހުންނަވައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ނަފީސާ އިބްރާހީމް އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ނ. މާޅެންދޫ ޞިއްޙީ މަރުކަޒުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލާއި، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާއާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ނ. އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތް އޮފިސަރުގެ މަގާމު ހިމެނެއެވެ. ނަފީސާ އިބްރާހީމް، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 43 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި ނަފީސާ އިބްރާހީމް ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި އާންމުން ހޭލުންތެރިކުރުވުމާއި، ބަލިމީހުން ބައްލަވައި، ފަރުވާ ދެއްވުން ހިމެނެއެވެ. އަދި މާބަނޑު މީހުން ބެއްލެވުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް ބެއްލެވުމާއި، ވެކްސިން ދެއްވުމާއި، ޢާއިލާ ރޭވުމުގެ ޚިދުމަތް ދެއްވުމާއި، އަދި ޢާންމު ރޯގާތައް ކޮންޓްރޯލް ކުރުމުގެ އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ނަފީސާ އިބްރާހީމް ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. ނަފީސާ އިބްރާހީމަކީ، އެކިއެކި ކަންކަމުގައި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެކަންކަމުގައި ޢަމަލުކުރެވެން އޮންނަގޮތް އޮޅުންފިލުއްވައި ދެއްވައި، ކުރިއަށްދާންވީ ގޮތުގެ އިރުޝާދާއި އެހީތެރިކަން ދެއްވަމުން ގެންދަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ނަފީސާ އިބްރާހީމް، މިހާ ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ނަފީސާ އިބްރާހީމަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް މިސާލު ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

1 ޖޫން 2022 ން ފެށިގެން ނަފީސާ އިބްރާހީމް އަދާކުރައްވަމުން ގެންދަވަނީ، ނ. އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތް އޮފިސަރުގެ މަގާމެވެ.