
މުޙައްމަދު ސިރާޖް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 ޖުލައި 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ ގދ. މަޑަވެލީ ކޯޓުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އެ ވަޒީފާ އަދާކުރެއްވިއިރު މައިގަނޑުގޮތެއްގައި ކުރެއްވީ، ޝަރީޢަތްތަކަށް ގެންނަންޖެހޭ މީހުންނަށް އަންގަވައި ކޯޓަށް ހާޒިރު ކުރެއްވުމާއި، ކުށްވެރިން ބަންދުކުރަން ގެންދެވުމުގެ މަސައްކަތެވެ. 18 މޭ
1983 ގައި، މިނިސްޓްރީ އޮފް ހެލްތުގެ ޕިޔޯނެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގެން، އެ މިނިސްޓްރީން އެކިއެކި އޮފީސްއޮފީހަށް ފޮނުއްވަންޖެހޭ ލިޔެކިޔުންތަކާއި، ތަކެތި ހަވާލުކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. އެ ޑިޕާޓްމަންޓުގައި ކުރެއްވީ، ބަޖެޓާބެހޭ މަސައްކަތެވެ.
މުޙައްމަދު ސިރާޖް، އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ އަދި މިހާރު ހުންނެވީވެސް، ޞިއްޙީ ދާއިރާގެ ޚިދުމަތުގައެވެ. އެ ދާއިރާގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ކޮމިއުނިޓީ ހެލްތް ސުޕަވައިޒަރުގެ މަގާމާއި، އދ. މާމިގިލީ ޞިއްޙީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް ސުޕަވައިޒަރުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްއާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލާއި، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާއާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރުގެ މަގާމު ހިމެނެއެވެ.
ޞިއްޙީ ދާއިރާގައި މި ވޭތުވެދިޔަ މުއްދަތުގައި މުޙައްމަދު ސިރާޖް މައިގަނޑު ގޮތެއްގައި ކުރެއްވީ، ރާއްޖެތެރޭގެ އެކިއެކި ޞިއްޙީ މަރުކަޒުތައް ހިންގެވުމާއި، ބަލިމީހުން ބައްލަވައި ފަރުވާ ދެއްވުމާއި، ވެކްސިން ޕްރޮގުރާމުތައް ހިންގެވުމާއި، ގައިންގަޔަށް އަރާ ބަލިބަލީގެ މީހުންނަށް ފަރުވާދެއްވައި، އެފަދަ ބަލިތައް ކޮންޓްރޯލް ކުރެއްވުމުގެ މަސައްކަތާއި، ރަށްރަށުގެ އާންމު ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުވުމާއި، ޕްރައިމަރީ ހެލްތް ކެއަރގެ މަސައްކަތްތަކެވެ.
މުޙައްމަދު ސިރާޖް، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވައިފައިވަނީ، ރެއާއި ދުވާލުގެ ގިނަ ވަގުތުތަކެއްގައި ވަރުބަލިކަމެއްނެތި މަދު މުވައްޒަފުންކޮޅަކާއެކުގައި ކަމަށްކަމޭހިއްތަވައިގެން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޝައުޤުވެރިކަމާއެކުގައި އެހެން މުވައްޒަފުންނަށް ނަމޫނާ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ.
މުޙައްމަދު ސިރާޖަކީ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާމެދުގައި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާ އެކުގައި ޚިދުމަތް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މުޙައްމަދު ސިރާޖު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދަކާ ނުވަތަ އުސޫލަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާ ކަމާއި، ހާޒިރީއަށް ފަރުވާތެރި ބޭފުޅެއްކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.
މުޙައްމަދު ސިރާޖް ވަނީ 43 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. 15 ޖުލައި 2012 އިން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ގދ. މަޑަވެލީ ޞިއްޙީ މަރުކަޒުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރުގެ މަގާމެވެ.