
އަޙްމަދު ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 ޖަނަވަރީ 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ކޮމިއުނިޓީ ހެލްތު ވަރކަރގެ މަގާމެވެ. އޭގެ ފަހުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ރީޖަނަލް ހެލްތު އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ ރީޖަނަލް ހެލްތު އެޑްމިނިސްޓްރޭޓަރގެ މަގާމާއި، ބ. އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ ރީޖަނަލް ހެލްތު އެޑްމިނިސްޓްރޭޓަރުގެ މަގާމާއި، އެ ހޮސްޕިޓަލްގެ ޑިރެކްޓަރުގެ މަގާމާއި، ޕަބްލިކް ހެލްތު ކޯޑިނޭޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ވޭތުވެދިޔަ ދިގު މުއްދަތުގައި، އަޙްމަދު ވަޙީދު އެންމެ ގިނަދުވަހު ޚިދުމަތްކުރެއްވީ، މިހާރުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ބ. އަތޮޅު ހޮސްޕިޓަލްގައެވެ. އަޙްމަދު ވަޙީދު ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަލިމީހުން ބައްލަވައި ފަރުވާ ދެއްވުމާއި، ޞިއްޙީ ދާއިރާއަށް ޢާންމުން ހޭލުންތެރިކުރުވުމާއި، ވެކްސިން ޕުރޮގުރާމުތައް ހިންގެވުމާއި، ޞިއްޙީ މަރުކަޒުތައް ހިންގެވުމާއި، ހޮސްޕިޓަލް ހިންގެވުމާއި، އެ ތަންތަން ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ. މީގެއިތުރުން، އަތޮޅުތެރޭގެ އެހެން ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައިވެސް ޞިއްޙީ ޚިދުމަތްތައް ދެއްވައިފައި ވެއެވެ.
ޞިއްޙީ ދާއިރާގައި އަޙްމަދު ވަޙީދު ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، މިނިސްޓްރީ އޮފް ހެލްތުގެ އެދިވަޑައިގަތުމުގެ މަތިން އެކި ދުވަސްވަރު ރ. އަތޮޅާއި، ޅ. އަތޮޅާއި، ލ. އަތޮޅާއި، އަދި ދ. އަތޮޅުގައި ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަޙްމަދު ވަޙީދު، އައްޑުއަތޮޅު ރީޖަނަލް ހޮސްޕިޓަލްގައިވެސް ޚިދުމަތް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މީގެއިތުރުން، އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން ހިނގާ ނުހިނގާގޮތް ގާތުން ބައްލަވައި، އެތަންތަން ހިންގަވަން ތިއްބަވާ ވެރިންނަށް ކަންކަމުގައި ކުރިއަށްދާންވީ ގޮތުގެ އިރުޝާދާއި ލަފާ، އަޙްމަދު ވަޙީދު ދެއްވަމުން ގެންދަވައެވެ. މީގެއިތުރުން، އެތަންތަނުގެ ފައިސާއާ ބެހޭ އެންމެހައި ކަންކަންވެސް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވަމުން ގެންދަވައެވެ.
އަޙްމަދު ވަޙީދު، ދައުލަތަށް މިހާތަނަށް ޚިދުމަތް ކުރެއްވި 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ޚިދުމަތް ކުރައްވައިފައިވަނީ، ފަރުވާތެރިކަމާއެކުގައި ކަމަށްކަމޭހިއްތަވައިގެން، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ފާހަގަކޮށްލަން ޖެހެއެވެ.
30 އޮކްޓޫބަރު 2014 އިން ފެށިގެން އަޙްމަދު ވަޙީދު އަދާކުރައްވަމުން ގެންދަވަނީ، ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރުގެ މަގާމެވެ.