
ޢަބްދުއްލަޠީފް މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވިއަން ގަވަރންމަންޓް ބޮޑު އިސްޓޯރުގައި މަސައްކަތު މީހެއްގެ މަގާމުގައި، 3 އޮގަސްޓު 1967 ގައެވެ. ޢަބްދުއްލަޠީފް މޫސާގެ ވަޒީފާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރައްވައިފައިވަނީ، މުލީއާގޭގައެވެ. އެގޮތުން، މުލީއާގޭގެ ބޭރު މަސައްކަތު މީހެއްގެ މަގާމާއި، 1 ނަންބަރު މަސައްކަތު މީހެއްގެ މަގާމާއި، ލޯންޗު މަސައްކަތު މީހެއްގެ މަގާމާއި، "ވީނަސް" ލޯންޗުގެ ފަޅުވެރިކަމުގެ މަގާމާއި، "އަރުމާޒު" ލޯންޗުގެ 1 ނަންބަރު ފަޅުވެރިކަމުގެ މަގާމާއި، ޑްރައިވަރުގެ މަގާމާއި، 1 ނަންބަރު ލޯންޗު ޑްރައިވަރުގެ މަގާމާއި، ރިޔާސީ ގަނޑުވަރުގެ ސީނިއަރ ލޯންޗު ޑްރައިވަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޢަބްދުއްލަޠީފް މޫސާ، ޚިދުމަތް ކުރެއްވިއިރު، މަގާމުގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކުގައި، އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. ޢަބްދުއްލަޠީފް މޫސާ، ފާހަގަކުރެވިފައިވަނީ، ފަރުވާތެރިކަމާއި، ޝައުޤުވެރިކަމާއެކުގައި، ވަޒީފާ އަދާކުރައްވަމުން ގެންދެވި، ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި، ގަވާއިދުތަކަށާއި، އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އޮފީހުގެ އެއްވެސް އުސޫލަކާ ނުވަތަ ގަވާއިދާ ޚިލާފުވެވަޑައިގެންފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން، ޢަބްދުއްލަޠީފް މޫސާގެ ޚިދުމަތުގެ 43 އަހަރަށްވުރެ ދިގު ހަޔާތުގައި ގަޑި ނުޖެހި އޮފީހަށް ހާޒިރުވެވަޑައިގެންފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ޢަބްދުއްލަޠީފް މޫސާ، ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރިޔާސީ ގަނޑުވަރުގެ ސީނިއަރ ލޯންޗް ޑްރައިވަރުގެ މަގާމުގައެވެ. ޢަބްދުއްލަޠީފް މޫސާ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 31 ޑިސެންބަރު 2010 ގައެވެ.